ޓެކްނޮލޮޖީގެ ދުނިޔޭގައި އެންމެ "ގަދަރު" ހުރި އުފެއްދުންތަކެއްގެ ގޮތުގައި ސިފަކުރަމުން އަންނަ އުފެއްދުންތައް ބާޒާރަށް ނެރޭ އެޕަލް ކުންފުނީގެ ޗީފް އެގްޒެކެޓިވް، ޓިމް ކުކް، ބިލިއަނަރުންގެ ލިސްޓަށް އަރައިފިއެވެ.

މަހުޖަނުންގެ އުދަރަހުގެ މަތީ ގިންތިތަކުގެ ތެރޭގައި ގުނާލެވޭ ބިލިއަނަރުންގެ ލިސްޓަށް ކުކް އަރާފައިވައިވަނީ، އެޕަލް ކުންފުނީގެ ހިއްސާގެ ވިޔަފާރި ފަތުއަޑުކިއާ، ކުރިއަށް ޖެހިލުމާއެކުގައެވެ.

އެޕަލް ކުންފުނީގެ 847969 ހިއްސާގެ އޯނަރުގެ ގޮތުގައި ހުރި ކުކް ވަނީ، އާމްދަނީގެ ގޮތުގައި 125 މިލިއަން ޑޮލަރަށްވުރެ ގިނަ ފައިސާ މިދިޔަ އަހަރުގެ ތެރޭގައި ހޯދާފައެވެ.

މަޝްހޫރު ޓެކްނޮލޮޖީ ކުންފުނި، ފޭސްބުކްގެ ބާނީ މާކް ޒަކަބާގް، 100 ބިލިއަން ޑޮލަރާއެކު ސެންޓިބިލިއަނަރުންގެ ލިސްޓަށް ޖެހިލީ ހުސްވި ހަފުތާގެ ތެރޭގައެވެ. ދުނިޔެ އަދު ދެކެމުން މިދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމުގެ ތެރޭގައި، އެޕަލް، ފޭސްބުކް އަދި އެމެޒޯން ފަދަ ޓެކްނޮލޮޖީ ކުންފުނިތަކުގެ އޯނަރުގެ އާމްދަނީ އިތުރުވަމުންދަނީ އިންތިހާއަށެވެ.

އެޕަލް ކުންފުންޏަށް ވަކިން ބަލާއިރު، އެ ކުންފުނީގެ އަގު މިހާރު 2 ޓްރިލިއަން ޑޮލަރާ ގާތް ކުރަނީއެވެ. މިއީ އަދި މިހާތަނަށް އެއްވެސް ކުންފުންޏަކަށް ހާސިލު ކުރެވުނު އަމާޒެއް ނޫނެވެ. 1 ޓްރިލިއަން ޑޮލަރުގެ އަގު ހުރި ކުންފުނީގެ ރެކޯޑް، އެޕަލް ހޯދީ މީގެ އެންމެ 2 އަހަރު ދުވަސް ކުރިންނެވެ.

އެޕަލްގެ ބާނީ ސްޓީވް ޖޮބްސް އަތުން ކުންފުނީގެ ހުންގާނު ކުކް ނެގީ މީގެ 9 އަހަރު ކުރިންނެވެ.