އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ބައިވެރިވެވަޑައިގެންނެވި ނޫސްވެރިންގެ ބައްދަލުވުމެއް ކުރިއަށް ދަނިކޮށް، ވައިޓްހައުސް ސަރަހައްދުގައި ބަޑީގެ ހަމަލާތަކެއް ދީފިއެވެ.
ޕްރެސް ބްރީފް ކުރިއަށް ދަނިކޮށް ޓްރަމްޕްގެ ހަށިފާރަވެރިންގެ ޓީމުގެ މެމްބަރަކު ވަނީ ޕޯޑިއަމް ސަރަހައްދުން ޓްރަމްޕް ހަވާސާ ކުރައްވާ، ރައްކާތެރި ހިސާބަކަށް ބަދަލު ކުރައްވާފައެވެ. އެއަށްފަހު މީޑިއާ މާލަމުގެ ދޮރުވެސް ތަޅުލިއެވެ. އޭރު މާލަމުގައި ތިބީ ހަމައެކަނި ނޫސްވެރިން ކަމަށް އަލްޖަޒީރާއިން ވަނީ ރިޕޯޓްކޮށްފައެވެ.
އޭގެ ވަގުތު ކޮޅެއް ފަހުން ނޫސްވެރިންގެ ބައްދަލުވުމަށް ޓްރަމްޕް އެނބުރި ވަޑައިގެންނެވި ކަމަށް މައުލޫމާތު ލިބެއެވެ. ވައިޓްހައުސް ބޭރުގައި ބަޑީގެ ހަމަލާތަކެއް ބަދަލު ކުރީ ކަމަށް ޓްރަމްޕް ވިދާޅުވި ކަމަށް ބައިނަލްއަގުވާމީ މީޑިއާއިން ވަނީ ރިޕޯޓްކޮށްފައެވެ.
ހަތިޔާރު އަޅައިގެން ހުރެ ހަމަލާ ދިން މީހާއަށް ސަލާމަތީ ބާރުތަކުންވެސް ހަމަލާ ދިން ކަމަށާ، އެމީހާ ހޮސްޕިޓަލަށް ގެންދެވިފައިވާކަމަށް ވެސް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ. މަސްރަހު ކޮންޓްރޯލު ކުރެވިފައި ވާ ކަމަށާ، ނަމަވެސް ހަމަލާ ދިން މީހާގެ ހާލު އެނގިވަޑައި ނުގަންނަވާ ކަމަށްވެސް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ.
ޔޫއެސް ސީކްރެޓް ސާވިސް އިން ކުރި ޓްވީޓެއްގައި ބުނެފައިވަނީ ޔޫއެސްއެސްއެސް އޮފިސަރެއް ހިމެނޭ ހެން 2 މީހަކު ހޮސްޕިޓަލަށް ގެންދެވިފައިވާކަމަށާ، ހާދިސާގެ އެއްވެސް ވަގުތެއްގައި ވައިޓްހައުސްގެ އެއްވެސް ޕްރޮޓޮކޯލްއަކަށް ނުރައްކާވެފައި ނުވާ ކަމަށެވެ.