ދުނިޔެއަށް މިއަދު ކުރިމަތިލާން ޖެހިފައިވާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމާ ގުޅިގެން ޕާކިސްތާނާއި ދިވެހިރާއްޖެއާ ދެމެދު، ދައުލަތުގެ އެންމެ މަތީ ފެންވަރުގައި މައުލުމާތު ބަދަލުކުރައްވައިފިއެވެ.

ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހު، މީގެ ކުޑަ ވަގުތު ކޮޅެއް ކުރިން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ކޮވިޑް-19ގެ ހަލަތާ ގުޅިގެން ދެ ގައުމުން އަޅާފައިވާ ފިޔަވަޅުތަކާ ބެހޭ ގޮތުން، ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ހާންއާއިއެކު ފޯނު މެދުވެރި ކޮށް، މަޝްވަރާ ކުރައްވާފައިވާނެ ކަމަށެވެ.

މީގެ އިތުރުން، ދެ ގައުމުގެ މެދުގައި އޮތް ގާތް، އަޚުވަންތަ ގުޅުން އިތުރަށް ބަދަހި ކުރެވިދާނެ ގޮތްތަކާ ބެހޭ ގޮތުންވެސް، މިއަދު މެންދުރު ފަހު ކުރިއަށް ގެންދެވި ފޯނު ކޯލުގައި މަޝްވަރާ ކުރައްވާފައިވާނެ ކަމަށް ރައީސް ސޯލިހު ވަނީ ހާމަކުރައްވާފައެވެ.

އިނގިރޭސިންގެ އިސްތިއުމާރީ ބާރުގެ ދަށުގައި އޮތް ދިވެހި ރާއްޖެއާއި ޕާކިސްތާނުން ސިޔާސީ ގުޅުން ގާއިމުކުރީ ރާއްޖެއަށް މިނިވަން ލިބުނުތާ 1 އަހަރު ފަހުން، 1966 ވަނަ އަހަރުގެ ޖުލައި މަހުގެ 26 ވަނަ ދުވަހުއެވެ. އޭގެ ފަހުން ދޭދޭ ގުޅުންތައް ބަދަހި ކުރުމަށް 2 ގައުމުންވެސް ދަނީ މަސައްކަތްތަކެއް ކުރަމުންނެވެ.