ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އަށް ހާއްސަކޮށްގެން 1.5 މިލިއަން ޑޮލަރުގެ އަގުބޮޑު މާސްކެއް އުފެއްދުމުގެ މަސައްކަތް ކުރަމުން ދާ ކަމަށް ޚަބަރު ލިބިއްޖެއެވެ.

މި މަސައްކަތް ކުރަނީ، އިސްރާއީލުގައި ޖަވާހިރުގެ ވިޔަފާރި ކުރުމުގައި ހަރަކާތްތެރިވާ ކުންފުންޏަކުންނެވެ.

މި އާދަޔާ ހިލާފު މާސްކުގައި 18 ކެރެޓްގެ ހުދު ރަން ބޭނުންކުރާއިރު، ޖަރީ ކުރުމަށް 3600 ޖަވާހިރުކޮޅު ބޭނުން ކުރާނެއެވެ.

މާސްކު ފަރުމާ ކުރަމުންދާ އައިޒަކް ލީވައި ބުނި ގޮތުގައި، ގަންނަ ފަރާތުގެ ހުށަހެޅުމާ އެއްގޮތަށް މި މާސްކުގައި އެންމެ ކޮލިޓީ އެން-99 ފިލްޓަރެއްވެސް ހަރުކުރާނެއެވެ.

ލީވައި ބުނީ، މާސްކަށް އޯޑަރު ދިން ފަރާތުން 2 ޑިމާންޑެއް ކުރި ކަމަށާ ފުރަތަމަ ޑިމާންޑަކީ މިއަހަރު ނިމުމުގެ ކުރިން މާސްކުގެ މަސައްކަތް ނިންމާލުން ކަމަށްވާއިރު 2 ވަނަ ޑިމާންޑަކީ، ދުނިޔޭގައި އޮތް އެންމެ އަގު ބޮޑު މާސްކަށް އެ މާސްކު ވުން ކަމަށެވެ. މީގެ ތެރެއިން 2 ވަނަ ޑިމާންޑަކީ ފުރިހަމަ ކޮށްދޭން އެންމެ ފަސޭހަ ޑިމާންޑް ކަމަށް ލީބައި ބުނެއެވެ.

އިސްރާއީލުގެ ކުންފުންޏަކުން ފަރުމާ ކުރަމުންދާ 1.5 މިލިއަން ޑޮލަރުގެ މާސްކު/ފޮޓޯ: ސީޓީވީ ނިއުސް

މި މާސްކަށް އޯޑަރު ދިނީ ކާކުކަން ހާމަ ކުރުމަށް ލީވައި ވަނީ އިންކާރު ކޮށްފައެވެ. ނަމަވެސް އެމީހަކީ، އެމެރިކާގައި ދިރިއުޅޭ ޗައިނާގެ ވިޔަފާރިވެރިއެއް ކަމަށް ލީވައި ވަނީ ތަފްސީލުކޮށްދީފައެވެ.