އިންޑިއާގެ ކުރީގެ ރައީސް ޕްރަނާބު މުކަރުޖީ، ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އަށް ޕޮޒިޓިވްވެއްޖެއެވެ.

ކޮވިޑް-19އަށް ޕޮޒިޓވްވެފައިވާކަން އޭނާ އިއުލާން ކުރެއްވީ މީގެ ކުޑަ ވަގުތުކޮޅެއް ކުރިން ކުރެއްވި ޓްވީޓެއްގައެވެ.

މި ޓްވީޓްގައި މުކަރުޖީ ވިދާޅުވީ، އެހެން ކަމެއްގައި ހޮސްޕިޓަލަށް ވަޑައިގެން، ހެއްދެވި ޓެސްޓުތަކުން، މިއަދުގެ ވަގުތެއްގައި އޭނާ ކޮވިޑް-19އަށް ޕޮޒިޓިވްވެފައިވާކަމަށެވެ. އަދި ފާއިތުވީ ހަފުތާ ތެރޭގައި އޭނާއާ ބައްދަލުވެފައިވާ ފަރާތްތަކުން އަމިއްލަ އެކަހެރިވެ، ކޮވިޑް-19އަށް ޓެސްޓު ކުރުމަށްވެސް މުކަރުޖީ ވަނީ އެދިވަޑައިގެންފައެވެ.

ދުނިޔޭގެ ނިސްބަތުން ކޮވިޑް-19ގެ ކޭސްތައް 3 ވަނައަށް އެންމެ ގިނަ އަދަދަކަށް ރިޕޯޓް ކުރަމުންދާ އިންޑިއާގެ މަސްރަހަށް ބަލާއިރު، މި ފަހަކަށް އައިސް، ފާހަގަކޮށްލެވޭ ގިނަ ޝަހްސުތަކެއް ވަނީ ކޮވިޑް-19އަށް ޕޮޒިޓިވްވެފައެވެ. އޭގެ ތެރޭގައި ހޯމް މިނިސްޓަރު ކަމުގެ މަގާމުގައި ހުންނެވި އަމީތު ޝާހް ފާހަގަކުރެވެއެވެ.

އިންޑިއާގެ އަދުގެ ހާލަތަށް ބަލާއިރު ޖީއެމްޓީ ގަޑިން ރޭ 00:00 އިން ފެށިގެން މިވަގުތާ ހިސާބަށްވެސް 3508 މީހަކު ވަނީ ކޮވިޑް-19އަށް ޕޮޒިޓިވްވެފައެވެ. އިންޑިއާއިން މިހާތަނަށް ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު 2217645 އަށް އަރައެވެ. މި ބަލީގައި އެ ގައުމުން 44499 މީހެއްގެ ފުރާނަ ގެއްލިފައިވާކަމަށް ރެކޯޑްތަކުން ދައްކައެވެ.