ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ޝިކާރައަކަށްވެ، އަވަށްޓެރި އިންޑިއާއިން މަރުވި ޑޮކްޓަރުންގެ އަދަދު 196 އަށް އަރާފައިވާކަމަށް އިންޑިއަން މެޑިކަލް އެސޯސިއޭޝަން (އައިއެމްއޭ) ކަށަވަރުކޮށްދީފިއެވެ.
އަދި ބޮޑުވަޒީރު ނަރޭންދްރާ މޯދީގެ ސަމާލުކަން މިކަމަށް ދެއްވުމަށް އެދޭ ކަމަށްވެސް އައިއެމްއޭއިންވަނީ ގޮވާލާފައެވެ.
އައިއެމްއޭއިން އާންމު ކުރި ބަޔާނެއްގައި ބުނެފައިވަނީ ކޮވިޑް-19ގެ ބަލިމަޑުކަމުގައި އިންޑިއާއަށް 196 ޑޮކްޓަރެއް ގެއްލިދިޔައިރު މީގެ ތެރެއިން 170 ޑޮކްޓަރުންނަކީ އުމުރުން 50 މަތީގެ އަހަރުތައް ގުނަމުންދިޔަ ޑޮކްޓަރުން ކަމަށެވެ.
ކޮވިޑް-19އާ ދެކޮޅަށް އެންމެ ކުރީ ސަފުގައި ހަނގުރާމަ ކުރަމުންދާ އެއް ބަޔަކީ ޑޮކްޓަރުން ކަމަށް ވާއިރު، ޑޮކްޓަރުންގެ ސަލާމާ ރައްކާތެރި ކަމާ މެދު އިންތިހާއަށް ކަންބޮޑުވާ ކަމަށްވެސް އައިއެމްއޭއިން ވަނީ ފާހަގަކޮށްފައެވެ.
ކޮވިޑް-19 ޖެހިގެން މަރުވި ޑޮކްޓަރުންގެ ތެރޭގައި އާންމު ބަލިތަކުގެ ޑޮކްޓަރުން ގިނަ ކަމަށްވެސް އައިއެމްއޭއިން ބުނެއެވެ. މިފަދަ ޑޮކްޓަރުންނަކީ ހުމާ އެނޫންވެސް އެފަދަ އަލާމާތްތައް ފެނިގެން ހިދުމަތް ހޯދަން އަންނަ ޕޭޝަންޓުންގެ ތެރެއިން ގިނަ އަދަދެއްގެ ބަޔަކު އެންމެ ފުރަތަމަ ބައްދަލު ކުރާ ޑޮކްޓަރުންނެވެ. މިފަދަ އަލާމާތްތައް ފެނިގެން އަންނަ ޕޭޝަންޓުންނަށް ފަރުވާ ދިނުމުގައިވެސް އެންމެ އާންމުކޮށް ހަރަކާތްތެރިވަނީ މި ފަދަ ޑޮކްޓަރުން ކަން އައިއެމްއޭއިން ފާހަގަކުރެއެވެ.
އައިއެމްއޭއިންވަނީ ބޮޑުވަޒީރު މޯދީއަށް ހާއްސަ ސިޓީއެއްވެސް ފޮނުވާފައެވެ. މި ސިޓީގައި އެ ޖަމިއްޔާއިންވަނީ، ޑޮކްޓަރުންނާ އެކު ނުރައްކަލަށް ހުށަހެޅިފައިވާ އާއިލާތަކަށްވެސް އެކަށީގެންވާ ސަލާމަތާ ރައްކާތެރިކަން ކަށަވަރު ކޮށްދޭންޖެހޭކަމަށް ބަޔާންކޮށްފައެވެ.
ކޮވިޑް-19ގެ ނުރައްކަލަކީ ޕްރައިވެޓް އަދި ސަރުކާރު ސެކްޓަރުގައި ހިދުމަތް ކުރާ ޑޮކްޓަރުންނަށްވެސް ކުރިމަތިލާންޖެހިފައިވާ ކަމެއް ކަމަށާ، ދައުލަތުގެ ހަރަދުގައި މެޑިކަލް އަދި ލައިފް އިންޝުއަރަންސްގެ ހިދުމަތް، ހުރިހާ ދާއިރާއެއްގައި މަސައްކަތްކުރާ ޑޮކްޓަރުންނަށް ހަމަޖައްސާ ދިނުމަށްވެސް މި ސިޓީގައި އައިއެމްއޭއިންވަނީ އެދިފައެވެ.
އައިއެމްއޭގެ ރައީސް ޑރ ރަންޖަން ޝަރުމާ ވިދާޅުވީ، ޑޮކްޓަރުންނާ ޑޮކްޓަރުންގެ އާއިލާގެ މެމްބަރުންނަށް ހޮސްޕިޓަލުތަކުގައި އެޑްމިޓްވާނެ އެނދު ނުލިބޭ މައްސަލައާ، އެކަށީގެންވާ ބޭސް ނުލިބޭ މައްސަލަވެސް ބޮޑުވެފައިވާކަމަށެވެ. އެހެންކަމުން، މި ބަލިމަޑުކަމުގައި ޑޮކްޓަރުންނަށް ދޭންޖެހޭ ސަމާލުކަން އެންމެ އެކަށީގެންވާ ގޮތުގައި ފޯރުކޮށްދިނުމަށް އިންޑިއާ ސަރުކާރަށް ގޮވާލާ ކަމަށްވެސް ޑރ ޝަރުމާ ވަނީ ވިދާޅުވެފައެވެ.
އައިއެމްއޭގެ ސެކްރެޓަރީ ޖެނެރަލް ޑރ އާރް ވީ އަސޯކަން ވިދާޅުވީ، ކޮވިޑް-19ގައި ޑޮކްޓަރުން މަރުވާ ނިސްބަތް އޮތީ ކަންބޮޑުވާ ދަރަޖައަކަށް ގޮސްފައި ކަމަށާ، ޑޮކްޓަރުންގެ ފުރާނަ ސަލާމަތް ކޮށްދިނުމަކީ، އޭނާއަށް ބަރޯސާވާ އެތައް ހާސް ބައެއްގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރުކޮށްދޭނެ ކަމެއް ކަމަށެވެ.
ދުނިޔޭގެ ނިސްބަތުންބަލާއިރު އިންޑިއާ އަކީ 3 ވަނައަށް އެންމެ ގިނަ އަދަދަކަށް ކޮވިޑް-19ގެ ކޭސްތައް ރިޕޯޓް ކުރަމުންދާ ގައުމެވެ.