ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ އަދަދު 5000 އަށް ވުރެ މައްޗަށް އަރައިފިއެވެ.

މިއަދު ކޮވިޑަށް ރާއްޖެއިން 143 މީހުން ޕޮޒިޓިވް ވެފައި ވާއިރު މިއަދު ޕޮޒިޓިވް ވި މީހުންނާއެކު ރާއްޖޭގައި ބަލި ޖެހުނު ޖުމްލަ މީހުންގެ އަދަދު ވަނީ 5041 އަށް އަރާފައެވެ.

މިވަގުތު ހޮސްޕިޓަލުގައި 140 މީހަކަށް ފަރުވާ ދެމުން ދާއިރު އައިސޮލޭޝަން ފެސިލިޓީ ތަކުގައި 1478 މީހަކު އެބަ ތިއްބެވެ. އަދި މިއަދު 13 މީހުން ވަނީ މިބަލިން ރަނގަޅުވެފައެވެ.

މިހާތަނަށް އައިއިރު ރާއްޖެއިން މި ބަލި ޖެހިގެން 19 މީހަކު ވަނީ މަރުވެފައެވެ. އޭގެ ތެރޭގައި ހިމެނެނީ 14 ދިވެހިންނާއި 5 ބިދޭސީންނެވެ. 14 ދިވެހިންގެ ތެރޭގައި 6 ފިރިހެނުންނާއި 8 އަންހެނުން ހިމެނޭ އިރު ގިނައީ ދޮށީ އުމުރުގެ މީހުންނެވެ.

ކޮވިޑް-19 ހަލުވި ކަމާއެކު ފެތުރެމުން ގޮސް، ކޮންމެ ދުވަހަކު ގިނަ އަދަދެއްގެ ބަޔަކު ބައްޔަށް ޕޮޒިޓިވް ވަމުން ދިއުމާ ގުޅިގެން މާލެ ސަރަހައްދުގައި ރޭގަނޑު 10 އިން ފަތިހު 5 އަކަށް ކާފިއު އިއުލާނު ކޮށްފައިވަނީ މިމަހު ހަތަރު ވަނަ ދުވަހުއެވެ.

މާލެ ސަރަހައްދުގައި ކާފިއު އިއުލާން ކުރި ނަމަވެސް، ސިއްހީ ހިދުމަތްދޭ ތަންތަނުގެ އުޅަނދުތަކައި، ސަލާމަތީ ބާރުތަކުގެ އުޅަނދުތައް ދުއްވޭނެއެވެ. އަދި އެޗްއީއޯސީގެ ފާސް ލިބިފައިވާ ފަރާތްތަކާއި، ކާފިއު އިއުލާން ކޮށްފައިވާ ވަގުތު ވަޒީފާ އަދާ ކުރާ ތަންތަނަށް ދާން ޖެހޭ ފަރާތްތަކަށް އެ ފަރާތްތަކުގެ އޮފީސް ކާޑު ބޭނުންކޮށްގެން ނުވަތަ ޔުނިފޯމު އަޅައިގެން ދާނަމަ އިސްތިސްނާ ވާނެ އެވެ.

އޭގެ އިތުރުން ރޭގަނޑު 10ގެ ފަހުން ކެފޭ ރެސްޓޯރެންޓްތަކުން ޑެލިވަރީ ކުރުމާއި، އެހެނިހެން ވިޔަފާރިތަކުން ވެސް ޑެލިވަރީ ކުރުން ވެސް ވަނީ މަނާކޮށްފައެވެ.

އޭގެ އިތުރުން މާލެ އިން ރަށްރަށަށް ދިއުން ވެސް މިހާރު ވަނީ މަނާކޮށްފަ އެވެ. އެގޮތުން މާލެއިން ރަށަށް ދެވޭނީ ވަކި ޝަތުރުތަކެއް ހަމަވެގެންނެވެ. އެޗްޕީއޭއިން އާންމު ކޮށްފައިވާ ގަވާއިދުގައި ބުނާ ގޮތުން މާލެއިން ރަށަށް ދެވޭނީ މެޑިކަލް އިމަޖެންސީއެއްގައި ނުވަތަ ޑޮކްޓަރަށް ދެއްކުމަށް މާލެ އައުމާއި ގުޅިގެންނާއި، މާލޭގައި ދިރިއުޅޭތަން ދޫކޮށްލަން ޖެހުމާއި ގުޅިގެންނާއި، ރަސްމީ ބޭނުމަކަށް މާލެ އައިސް ރަށަށް ދިއުމާއި، ވަޒީފާ ގެއްލިގެން ނުވަތަ ވަޒީފާ ރަށަށް ބަދަލުވުމާއި ގުޅިގެންނާއި، އަދި ޝަރުއީ ކޯޓަކަށް ހާޒިރުވާން ޖެހޭ ނަމައެވެ.