ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމުގެ ތެރޭގައި އަވަށްޓެރި އިންޑިއާގެ އިރުއުތުރު ވިޖެޔަވާދާގައި ވަގުތީ ހޮސްޕިޓަލެއްގެ ގޮތުގައި ބޭނުންކުރަމުންދިޔަ ތަނެއްގައި އަލިފާނުގެ ހާދިސާއެއް ހިނގާ، މަރުވި މީހުންގެ އަދަދު 7 އަށް އަރައިފިއެވެ.

މަރުވި މީހުންގެ އަދަދު 11 އަށް އަރާފައިވާކަމަށްވެސް ޚަބަރު ލިބެއެވެ.

ކޮވިޑް-19ގެ ވަގުތީ ހޮސްޕިޓަލެއްގެ ގޮތުގައި ބޭނުން ކުރަމުން އަންނަ ސްވަރުނާ ޕެލަސް ހޮޓެލްގައި އަލިފާން ރޯވީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ. ދޮޅު ގަޑިއިރެއްހާއިރު ތެރޭގައި އަލިފާންގަނޑު ކޮންޓްރޯލް ކޮށްފައިވާ ކަމަށާ، ފުރާނަ ސަލާމަތްވި ޕޭޝަންޓުން އެހެން ހޮސްޕިޓަލަކަށް ބަދަލު ކޮށްފައިވާ ކަމަށް އޮފިޝަލުން މައުލޫމާތު ދެއްވައެވެ.

ކޮވިޑް-19ގެ ވަގުތީ ހޮސްޕިޓަލެއްގެ ގޮތުގައި އިންޑިއާއިން ބޭނުން ކުރަމުން އަންނަ ސްވަރުނާ ޕެލަސް ހޮޓެލްގައި ހިނގި އަލިފާނުގެ ހާދިސާގެ ތެރެއިން/ފޮޓޯ: އޭޕީ

މިއީ ފާއިތުވީ މަދު ދުވަސްކޮޅެއްގެ ތެރޭގައި އިންޑިއާގެ ކޮވިޑް-19 ފެސިލިޓީތަކުގައި ހިނގި މިފަދަ 2 ވަނަ ހާދިސާއެވެ. އޯގަސްޓް 6 ވަނަ ދުވަހުވެސް މިފަދަ ހާދިސާއެއް ހިނގާފައިވާއިރު، އެ ހާދިސާގައި 8 މީހެއްގެ ފުރާނަ ވަނީ ގެއްލިފައެވެ.

އެންމެ ފަހުން އަލިފާން ރޯވި ފެސިލިޓީގައި މި ހާދިސާ ހިނގީ ކީއްވެކަން އަދި ސާފެއް ނުވެއެވެ.

ވިޖެޔަވާދާގެ ޕޮލީސް ކޮމިޝަނަރު ބީ ސްރިނިވަސްލޫ ވިދާޅުވީ ހާދިސާ ހިނގި މަރުކަޒަކީ 30 އަށް ވުރެ ގިނަ މީހުން ތިބި ހޮޓަލެއް ކަމަށާ، މި ހާދިސާގައި މަރުވި މީހުންގެ އަދަދު އަދިވެސް އިތުރުވުން އެކަށީގެންވާ ކަމަށެވެ.

މި ދަނޑިވަޅަކީ އިންޑިއާގައި ހަލުވިކަމާއެކު ކޮވިޑް-19ގެ ކޭސްތައް އިތުރުވަމުންދާ ވަގުތެއް ކަންވެސް ފާހަގަކުރަންޖެހެއެވެ. އެގޮތުން މިއަދުވެސް އެގައުމުން ވަނީ ފާއިތުވީ 24 ގަޑިއިރުގެ ތެރޭގައި 64000 މީހަކު ކޮވިޑް-19އަށް ޕޮޒިޓިވްވި ކަމަށް ރެކޯޑް ކޮށްފައެވެ. މިއީ އިންޑިއާއިން ކޮވިޑް-19 ފެނުނު ފަހުން ރެކޯޑް ކުރި އެންމެ މަތީ އަދަދު ވެސް މެއެވެ. އިންޑިއާއިން މިހާތަނަށް 2.15 މިލިއަނަށްވުރެ ގިނަ މީހުންނަށް ބަލިޖެހިފައިވާއިރު މި ބަލީގައި 43488 މީހަކު ވަނީ މަރުވެ ގޮސްފައެވެ.