ގޮތްނޭނގޭ މަރުތަކާއި ވީނުވީއެއް ނޭނގި ގެއްލިފައިވާ މީހުންގެ މައްސަލަތައް ތަހުގީގުކުރުމުގައި އެހީތެރިކަން ފޯރުކޮށްދޭނެ ބޭރުގެ މާހިރަކު އައްޔަނުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް މަރު ކޮމިޝަނުން ބުނެފިއެވެ.
އެކޮމިޝަނުން ނެރުނު ބަޔާނެއްގައި ބުނީ ގޮތްނޭނގޭ މަރުތަކާއި ވީނުވީއެއް ނޭނގި ގެއްލިފައިވާ މީހުންގެ މައްސަލަތައް ތަހުގީގުކުރުމުގައި އެހީތެރިކަން ފޯރުކޮށްދޭނެ ބޭރުގެ މާހިރަކު އެކޮމިޝަނަށް އައްޔަނުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ނިންމެވުމާއި ގުޅިގެން، ކުރިއަށް އޮތް ސެޕްޓެންބަރު މަހުގެ ތެރޭގައި އެފަދަ މާހިރެއް އައްޔަނުކުރުމުގެ މަސައްކަތް ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ގުޅިގެން އެކޮމިޝަނުން ކުރަމުންދާ ކަމަށް ވަނީ ބުނެފައެވެ.
މި ކޮމިޝަނަށް އެހީތެރިކަން ފޯރުކޮށްދޭނެ ބޭރުގެ މާހިރަކު އައްޔަނުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައި ވަނީ، ޖުލައި މަހުގެ ދެ ވަނަ ދުވަހު ރިޟްވާނު އާއި މަރާލާފައިވާ ބްލޮގާ ޔާމީން ރަޝީދް ގެ އާއިލާތަކާއި އެމަނިކުފާނާއި ބައްދަލުކުރެއްވުމަށްފަހުގައި ކަމަށް އެކޮމިޝަނުން ވަނީ ބުނެފައެވެ.
އެކޮމިޝަނުން އިތުރަށް ބުނީ ރިޟްވާން ގެ މައްސަލާގައި ކޮމިޝަނަށް މިހާތަނަށް ލިބިފައިވާ މައުލޫމާތަށްބަލާއިރު، އޭނާ ގެއްލުވައިލުމާއި ގުޅޭ އިތުރު މައުލޫމާތު އެނގޭނެ އިތުރު ފަރާތްތައް އަދިވެސް ތިބުމަކީ އެކަށީގެންވާ ކަމެއް ކަމަށް ކޮމިޝަނަށް ޤަބޫލުކުރެވޭ ކަމަށެވެ. އަދި އެ މައުލޫމާތު އެކޮމިޝަނާއި ހިއްސާ ކުރުމުގެ ފުރުސަތު އަދިވެސް އޮތްކަމަށް ވެސް ވަނީ ބުނެފައެވެ. އަދި، އެފަދަ ފަރާތަކަށް ފޯރުކޮށްދޭންޖެހޭ ހިމާޔަތާއި ރައްކާތެރިކަން ފޯރުކޮށްދޭނެކަމުގެ ޔަގީންކަން އެކޮމިޝަނުން ވަނީ އަރުވާފައެވެ.
ނޫސްވެރިޔާ ރިޟްވާން ގަދަކަމުން ކާރަކަށް އަރުވައިގެން ގެންގޮސް މަރާލާފައި ވަނީ އޮގަސްޓް، 8 2014 ގައެވެ. ރިޟްވާން ގެއްލުނުތާ ފަސް އަހަރުފަހުން، އެ މައްސަލަ މަރު ކޮމިޝަނުން ތަހުގީގުކޮށް އެކުލަވާލި ރިޕޯޓުގައި ބުނެފައި ވަނީ ހަރުކަށި ފިކުރުގެ ބަޔަކު އޭނާ ގަދަކަމުން ގެންގޮސް މަރާލުމަށް ފަހު ކަނޑު ފައްތާލާފައިވާ ކަމަށެވެ.
ކުރިހާ ތަހުގީގެއްވީ ކަންފަތަށް އެޅުނުފެނަށް.