ޅ. ކުރެންދުއަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމާ ގުޅިގެން 20 ގެއަކަށް ފެން ވަދެއްޖެއެވެ.
ރޭ ފަތިހުން ފެށިގެން ވެހެމުން ދިޔަ ވާރޭގައި ޅ. ކުރެންދޫގެ ބައެއް ސަރަހައްދުތަކުގައި ފެންބޮޑުވެ 20 ގެޔަކަށް ވަނީ ފެން ވަދެފައެވެ. އެހެކަމުން އެ ގެތަކުން ފެން ހިއްކުމުގެ މަސައްކަތުގައި އެމްއެންޑީއެފް ނައިފަރު ފަޔާ ސްޓޭޝަންގެ ސިފައިން ދަނީ ހަރަކާތްތެރި ވަމުން ކަމަށް އެމްއެންޑީއެފުން ބުނެއެވެ. އަދި މި ހާދިސާގެ ރިޕޯޓު ލިބިފަިއ ވަނީ މިއަދު ހެނދުނު 9:30 ހާއިރު ކަމަށް އެމްއެންޑީއެފުން ބުނެއެވެ.
މެޓް އޮފީހުން ބުނެފައި ވަނީ އުތުރާއި މެދުރާއްޖެތެރޭގެ އެކިހިސާބަށް ވިއްސާރަކޮށް ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށެވެ. ދެކުނުގެ ބައެއް ރަށްތަކަށް ކެރީގެ އަސަރު ފޯރާނެ ކަމަށް ވެސް މެޓް އޮފީހުން ބުނެއެވެ.
ދެކުނުގެ އަތޮޅުތަކަށް، އިރުދެކުނާއި ދެކުނުން ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށާއި އެހެން ހިސާބުތަކަށް ހުޅަނގު ދެކުނާއި ހުޅަނގުން ގަޑިއަކު 08 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށް އެ އިދާރާއިން ބުނެއެވެ. ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލުގެ ބާރުމިނަށް ވައިގަދަވުން އެކަށީގެންވާ ކަމަށް ވެސް އެ އިދާރާއިން ބުނެއެވެ.
ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވި ނަމަވެސް އެހެން ހިސާބުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށް މެޓް އޮފީހުން ބުނެއެވެ. އަދި ރާޅުގެ އުސްމިނުގައި 3 ފޫޓާއި 6 ފޫޓާ ދެމެދަށް އުފުލޭނެ ކަމަށް އެ އިދާރާއިން ބުނެއެވެ. އެގޮތުން ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައެރުން އެކަށީގެންވާ ކަމަށާއި ކަނޑުދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން ވަނީ އިލްތިމާސް ކޮށްފައެވެ.