ފަހުގެ ތާރީހު ދުށް އެންމެ ނުރައްކާތެރި ބަލިމަޑުކަމުގެ ގޮތުގައި ސިފަކުރަމުން އަންނަ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ފެތުރިގެން ދިއުން ކޮންޓްރޯލް ކުރުމަށް އޮތް އެންމެ ވަރުގަދަ އެއް ހަތިޔާރަކީ މާސްކު ކަމަށް ވާއިރު، މި ފުރުސަތުގެ ބޭނުން އެކި ވިޔަފާރި ތަކުން ދަނީ ހިފަމުންނެވެ. މި ކަމުގައި "ސްމާޓް" ވިސްނުމަކަށް ދިޔަ އެއް ކުންފުންޏަކީ ޖަޕާނުގެ ޓެކްނޮލޮޖީ ސިނާއަތުގައި އަލަށް ފަށައިގަނެގެން ހިންގަމުން އަންނަ ޑޯނަޓް ރޮބޮޓިކްސްއެވެ.

ޑޯނަޓް ރޮބޮޓިކްސްއިން ތައާރަފުކުރީ ސްމާޓް މާސްކެކެވެ. މިއީ ޖިސްމާނީ ގައިދުރުކަން ތަންފީޒު ކުރަން ޖެހިފައިވާ އަދުގެ ދުނިޔޭގައި މޫނު ނިވާ ކޮށްގެން ތިބެން ޖެހިފައިވާ ހާލުގައި، އެކަކު އަނެކަކާ ފަސޭހައިން މުއާމަލާތު ކުރުމަށް އެހީވެދޭނެ ފަދަ ގޮތަކަށް ފަރުމާކޮށްފައިވާ ޑިވައިސްއެކެވެ.

ޑޯނަޓް ރޮބޮޓިކްސް އިން ތައާރަފުކުރި

"ސީ-ފޭސް ސްމާޓް މާސްކް" ފަރުމާ ކޮށްފައިވަނީ މާސްކު އަޅައިގެން ހުންނަ މީހާ ދައްކާ ވާހަކަ ލިޔުމަށް ބަދަލު ކޮށްދޭ ގޮތަށެވެ. މީގެ އިތުރުން އެމީހެއްގެ އަޑު ގަދައަށް އިވޭނެ ގޮތަށް މާސްކު ފަރުމާކޮށްފައިވާއިރު، ސްމާޓް ޓެކްނޮލޮޖީގެ އެހީގައި، ތަފާތު 8 ބަހަކަށްވެސް އެމީހަކު ދެއްކި ވާހަކަ ތަރުޖަމާ ކޮށްދެއެވެ. އޭގެ ތެރޭގައި، ޖަޕާނީޒް، ޗައިނީޒް، ކޮރެއަން، ވިއެޓްނަމީޒް، އިންޑޮނީޝިއަން، އިނގިރޭސި، ސްޕެނިޝް އަދި ފަރަންސޭސި ބަސް ހިމެނެއެވެ.

މާސްކު ފަރުމާ ކޮށްފައިވަނީ ނޭވާލާން ފަސޭހަ ވާނެ ހެން އޭގައި ލޯވަޅުތަކެއް އަޅައިގެން ކަމަށްވާއިރު، މިއީ ކޮވިޑް-19އިން ދިފާއު ކޮށްދޭނެ މާސްކެއް ނޫނެވެ. މި މާސްކްއަކީ އާންމު އުސޫލުން ބޭނުން ކުރާ މާސްކުގެ މަތިން އެޅުމަށް ހާއްސަ މާސްކެއް ކަމަށް ޑޯނަޓް ރޮބޮޓިކްސްގެ ސީއީއޯ ޓައިސޫކޭ އޯނޯ ވަނީ ތަފްސީލުކޮށްދެއްވާފައެވެ.

ޑޯނަޓް ރޮބޮޓިކްސް އިން ތައާރަފުކުރި

ހުދު ޕްލާސްޓިކާ ސިލިކޯން ބޭނުންކޮށްގެން އުފައްދާފައިވަނީ އެމްބެޑް ކޮށްފައިވާ މައިކްރޮފޯންއަކާއެކުގައެވެ. މި މައިކްއަކީ މާސްކު އަޅައިގެން ހުންނަ މީހާގެ ފޯނާ ބްލޫޓޫތް ޓެކްނޮލޮޖީގެ އެހީގައި ގުޅާލަދޭ މައިކްއެކެވެ.

މި ޓެކްނޮލޮޖީއަކީ ޑޯނަޓް ރޮބޮޓިކްސްއިން، "ސިނަމަން" ގެނަމުގައި ތަރައްގީ ކުރަމުންދިޔަ ރޮބޮޓެއްގައި ތަރައްގީ ކުރަމުންދިޔަ ޓެކްނޮލޮޖީއެކެވެ. ނަމަވެސް، ކޮވިޑް-19ގެ ބަލިމަޑުކަމާއެކު މި މަޝްރޫއު ހުއްޓުމަކަށް ގެންނަންޖެހުނެވެ. ފޭސް މާސްކުގައި މި ޓެކްނޮލޮޖީ ބޭނުން ކުރުމަށް އިންޖިނޭރުންނަށް ވިސްނުން އައީ އެހާ ހިސާބުން ކަމަށްވެއެވެ.

ޑޯނަޓް ރޮބޮޓިކްސްގެ ސީއީއޯ ރޮބޮޓެއް ޓެސްޓު ކުރަނީ/ފޮޓޯ: ގެޓީއިމޭޖަޒް

އޯނޯ ވިދާޅުވާ ގޮތުގައި، އެ ކުންފުނީގެ ހާއްސަ މާސްކު، އާންމުކޮށް ޑިސެމްބަރު މަހު ލިބެން ހުންނާނެއެވެ. ފުރަތަމަ ޝިޕްމަންޓްގައި 5000-10000 އެއްހާ މާސްކު ބާޒާރަށް ނެރޭއިރު، މިއިން މާސްކެއް އަގު އުޅޭނީ ގާތްގަނޑަކަށް 40-50 ޑޮލަރާ ދެމެދު އަގެއްގައެވެ. އަދި މާސްކުގެ އެޕްލިކޭޝަންއަށް ސަބްސްކްރިޕްޝަން ފީއެއް ދައްކަންޖެހެއެވެ. ފުރަތަމަ ޝިޕްމަންޓް ހާއްސަ ކުރަނީ ޖަޕާނަށް ކަމަށް ވާއިރު، ބައިނަލްއަގުވާމީ ބާޒާރަށް މި ވިޔަފާރި ފުޅާކުރާނީ 2021 ވަނަ އަހަރު އޭޕްރިލް މަހުގެ ތެރޭގައި ކަމަށް ޚަބަރު ލިބެއެވެ.