ދުބާއީއިން ފުރައިގެން އިންޑިއާގެ ކަލިކަޓްއަށް ދަތުރު ކުރަމުން ދިޔަ އެއާ އިންޑިއާ އެކްސްޕްރެސްގެ ފްލައިޓް އައިއެކްސް1344، ކަރިޕޫރު އެއާޕޯޓަށް ޖައްސަން އުޅުމުގެ ތެރޭގައި ވެއްޓި، މަރުވި މީހުންގެ އަދަދު 17 އަށް އަރައިފިއެވެ.
ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ގެ ބަލިމަޑުކަމުގައި ދުނިޔޭގެ އެކި ހިސާބުތަކުގައި ހާލުގައި ޖެހިފައިވާ އިންޑިއާގެ ރައްޔިތުން އަނބުރާ ގައުމަށް ގެންދިއުމަށް އިންޑިއާ ސަރުކާރުން ހިންގާ ވަންދޭ ބާރަތް ރީޕެޓްރިއޭޝަން މިޝަންގެ ދަށުން އޮޕަރޭޓް ކުރި ފްލައިޓް ވެއްޓުނުއިރު ބޯޓުން 190 މީހަކު ދަތުރު ކުރަމުންދިޔައެވެ.
ބޯޓުން ދަތުރު ކުރި 46 މީހަކަށް ސީރިއަސް ޒަހަމްތަކެއް ލިބުނު ކަމަށް ޚަބަރު ލިބެއެވެ.
އިންޑިއާގެ ސިވިލް އޭވިއޭޝަން މިނިސްޓަރު ހަރުދީޕު ސިންހް ޕޫރީ ވިދާޅުވީ، ރަންވޭ މަތިން ބޯޓު ކަހާލައިގެން ވެއްޓުމުގެ ކުރިން ބޯޓު ކްރޭޝް-ލޭންޑް ކުރުމަށް ބޯޓުގެ ކެޕްޓަން މަސައްކަތް ކުރި ކަމަށާ، ނަމަވެސް ނާކާމިޔާބުވެ ބޯޓު އަނބުރާލީ ކަމަށެވެ. ބޯޓު އަނބުރާލީ މޫސުން ގޯސްވުމުގެ ސަބަބުން ކަމަށްވެސް ވަޒީރު ވަނީ ވިދާޅުވެފައެވެ.
އިންޑިއާ ގަޑިން ރޭ 07:45 ހާއިރު މި ހާދިސާ ހިނގި ވަގުތަކީ ކެރެލާ ސްޓޭޓަށް ބޯކޮށް ވާރޭވެހެމުން ދިޔަ ވަގުތެއް ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ. ނަމަވެސް ހާދިސާ ހިނގާފައިވަނީ މޫސުން ގޯސްވެގެން ކަމަށް ކަނޑައަޅާފައެއް ނުވެއެވެ. މި ހާދިސާ ހިނގަން މެދުވެރިވި ސަބަބުން ދެނެގަތުމަށް ކަމާ ބެހޭ ފަރާތްތަކުން ދަނީ ތަހުގީގު ހިންގަމުންނެވެ.
މި ހާދިސާއާ ގުޅިގެން ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހު ވަނީ މި ޚަބަރާއެކު ފުން ހިތާމައެއް ލިބިވަޑައިގެންފި ކަމަށް ވިދާޅުވެ، މި ހާދިސާގައި ފުރާނަ ގެއްލިދިޔަ މީހުންގެ އާއިލާތަކަށް ތައުޒިޔާ ވިދާޅުވެފައެވެ.