މީރު ކެއިން ގަނޑެއް ތައްޔާރުކޮށް ނިންމާ، ސުފުރާ މައްޗަށް ނުނެގި އުޅެނިކޮށް ކުރައްޕާ އެޒާތުގެ އެކި ކަހަލަ ސޫފާސޫފީގެ އުނދަގޫ ޖެހޭތީ އުނދަގޫ ވޭ ހެއްޔެވެ؟ ކާބޯތަކެތި ތައްޔާރުކޮށް، ކައިބޮއި ހަދާތަނެއްގައި ކުރައްޕާ އެޒާތުގެ ސޫފާސޫފި އުޅުމަކީ އިންތިހާއަށް ފަކުރުވެސް ހީވާ ކަމެއް ނޫންހެއްޔެވެ. ކިތަންމެ ސާފު ކުރިއަށް މި ސޮރުމެން ނުވަންނަ ގޮތެއް ނުވެގެން އުޅެންޖެހޭ ހެއްޔެވެ؟ ގިނަ ފަހަރު، މިއީ ކޮންމެ ދުވަހެއްގެ ތަކުލީފަކަށްވެސް ވެއެވެ.

ހައްޓާ ޖީބަށް ލުއި ހައްލުތަކެއް ބޭނުން ހެއްޔެވެ؟

ހޫނުފެނާ ވިނިގާ

މި އުކުޅު ތަޖުރިބާ ކުރާކަށް މާ އަގުބޮޑު އެއްޗިއްސެއް ބޭނުމެއް ނުވާނެއެވެ. މިއީ ބަދިގެއެއްގެ ތެރެއިން އާންމުކޮށް ލިބެން ހުންނާނެ ތަކެއްޗެވެ. ބޭނުންވާނެ ހަމައެކަނި ތަކެއްޗަކީ ހޫނު ފެން ފޮދަކާ ވިނެގާއެވެ. ހޫނު ފެން ފޮދެއްގެ ތެރެއަށް ވިނެގާ ޕޯޝަންއެއް އަޅާ ރަނގަޅަށް އެއްކޮށްލުމަށްފަހު، މުޅި ބަދިގޭގެ އެކި ސަރަހައްދުތަކުގައި ހާކާލާށެވެ. އަދި ސިންކާ ފެންދާން ހުންނަ ސަރަހައްދުތަކަށްވެސް މި މާއްދާ އަޅާފައި ބަހައްޓާށެވެ. މިއީ ބަދިގެ އަށް ކުރަފި ވަނުން ހުއްޓުވާދޭނެ އެއް ގޮތެވެ.

ކުރަފީގެ އުނދަގުލުން ސަލާމަތްވުމަށް ވިނެގާ ފެން އެހީވެދޭ/ފޮޓޯ: ދަސްޕްރޫސް

ހޫނުފެނާ ލުނބޯ އަދި ބޭކިންގް ސޯޑާ

1 ލުނބޯގެ ހުތަށް 2 މޭޒުމަތީ ސަމުސާ ބޭކިންގް ސޯޑާ އަޅާ އެއްކޮށްލާށެވެ. އެއަށްފަހު 1 ލީޓަރު ހޫނުފެނަށް މި މާއްދާ އެއްކޮށްލާށެވެ. އެއަށްފަހު ސިންކަށް އޮއްސާލާށެވެ. ނުވަތަ ސިންކު އަޑިއާ، އެ ފަދަ ތަންތަން، މިމާއްދާ ބޭނުންކޮށްގެން ރަނގަޅަށް ދޮވެލާށެވެ. މިއީ ކުރަފި އާލާވުން ދުރުކޮށްދޭނެ ކަމެކެވެ.

އެސެންޝަން އޮއިލް

އެސެންޝަލް އޮއިލް ނުވަތަ ތަސީރީ ތެލަކީ މިއަދު ދިވެހިންނަށް އާ އެއްޗެއް ނޫނެވެ. ހަމުގެ އެކި ކަންކަމާ، ގޭ ތެރޭގައި މީރުވަސް ދުއްވުމަށް އެސެންޝަލް އޮއިލް ބޭނުން ކުރާއިރު، ޕެޕާމިންޓާ ލެވެންޑާ އޮއިލްއަކީ ކުރަފި ދުރުކޮށްދޭ ބާވަތްތަކެއްކަން ހަނދާނުގައި ބަހައްޓާށެވެ. ބަދިގެ ތެރޭގެ އެކި ހިސާބުތަކަށް މި ޒާތުގެ އެސެންޝަލް އޮއިލް ސްޕްރޭ ކޮށްފައި ބަހައްޓާށެވެ. ކަބަޑު ސެޓަށްވެސް ސްޕްރޭ ކުރަންވާނެއެވެ. ބަދިގޭގައި ހިތްގައިމު ވަހެއް ހުރުމުގެ އިތުރަށް، ކުރަފީގެ އުނދަގުލުންވެސް ސަލާމަތްވީއެވެ.

ލެވެންޑާ އެސެންޝަލް އޮއިލް ފުޅިއެއް/ފޮޓޯ: ހަންޑްރެޑް ޕަސެންޓް ޕިއޯ

ކިއުކަމްބާ

ކިއުކަމްބާގެ ވަހަކީ އެ ވަހެއް ދެކެ ކުރަފި އިންތިހާއަށް "ފަކުރު ގަންނަ" ވަހެއް ކަން ދެނަހުރީމު ހެއްޔެވެ؟ އެއީ ތެދެކެވެ. ކުރަފި އެންމެ ގިނައިން ފެންނަ ތަންތަނުގައި ކިއުކަމްބާ ފޮތި އަތުރާލާފައި ބަހައްޓާށެވެ.

ހިތިފަތް

ކުރައްޕާ އެކި ޒާތުގެ ސޫފާސޫފިން ސަލާމަތްވުމަށް އެންމެ ގާތް އެއް އެކުވެރިއަކީ ހިތިފަތެވެ. ބަދިގެ ތެރޭގެ އެކި ހިސާބުތަކުގައި ހިތިފަތް ބަހައްޓާށެވެ. 3 ވަރަކަށް ދުވަހުގެ ތެރޭގައި ތަފާތު ފެންނަން ފަށާނެއެވެ. ހޫނު ފެން ފޮދަކާ އެއްކޮށްލުމަށްފަހު ބަދިގޭގެ އެކި ހިސާބުތަކަށް ނީމް އޮއިލްވެސް ސްޕްރޭކޮށްލެވިދާނެއެވެ. މިއީ ކުރައްޕާ އެކި ސޫފާސޫފި އަލާވުން ހުއްޓުވާ ދޭނެ ކަމެކެވެ.

ބަދިގޭ ސިންކް ކައިރީގައި އޮތް ސްޕޮންޖަކަށް ކުރަފި އަރާފަ/ފޮޓޯ: އެއާޓާސްކާ

ފޮނިތޮށި

ފޮނޮތޮށީގެ ގަދަ ވަހަކީވެސް ކުރަފި ދުރުކޮށްދޭނެ ކަމެކެވެ. ހިމުން ކޮށް މުގުރާލުމަށްފަހު ފޮނިތޮށިތައް ބަދިގޭގެ އެކި ހިސާބަށް އަޅާފައި ބަހައްޓާށެވެ. މިއީ ކުރަން މާ އުނދަގޫ ކަމެއްވެސް ނޫންތާއެވެ.

ކިތަންމެ ރަނގަޅަކަށް ސާފު ކުރި ކަމުގައި ވީ ނަމަވެސް ސިންކު އަޑިންނާ، ކަބަޑުތަކުގެ އަރިއަރިމަތިން ކުރަފި ހިލޭތީ އުނދަގޫ ވަނީ މަދު ފަހަރަކު ނޫނެވެ. ނަމަވެސް، އެކަމަށް އެކަށީގެންވާ މާއްދާތައް ބޭނުން ކޮށްގެން ސާފުކޮށްފިނަމަ، ކުރަފީގެ އުނދަގުލުން ސަލާމަތްވެވިދާނެ ފުރުސަތު އެބައޮތެވެ.