މާލޭގެ ބޭސްފިހާރައަކަށް ދިޔަ އަންހެނަކަށް ޖިންސީގޯނާ ކުރި މައްސަލައިގައި ޖިންސީ ގޯނާ ކުރި މީހާ ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ އެ މައްސަލަ އާ ގުޅުގެން ތުހުމަތު ކުރެވޭ ބިދޭސީ މިހާ ހައްޔަރުކޮށް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ. ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ވަނީ އުމުރުން 50 އަހަރުގެ މީހެއް ކަަމަށްވެސް މައުލޫމާތު ދެއެވެ.

އޭނާގެ ބަންދާމެދު ގޮތެެއް ނިންމުމަށް މިއަދު ކޯޓަށް ހާޒިރު ކޮށްފައިވާ ކަމަށާއި ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބަހައްޓާއިގެން ތަހުގީގު ކުރިއަށް ގެންދިއުމަށް 10 ދުވަހުގެ މުއްދަތެއް މިއަދު ދީފައިވާ ކަމަށް ފުލުހުން ބުނެއެވެ.

މިކަމާ ގުޅިގެން ފުލުހުން ބުނެފައި ވަނީ މާލޭގެ ބޭސްފިހާރައަކަށް ދިޔަ އަންހެނަކަށް ޖިންސީގޯނާ ކުރި މައްސަލައެއް ހުށަހަޅާފައި ވަނީ ރޭ ކަމަށެވެ.

އެ އަންހެން މީހާއަށް ޖިންސީ ގޯނާ ކުރީ ފިހާރައިގެ ކޭޝިއަރަކަށް ހުރި އިންޑިއާ މީހެއް ކަމަށް ރާއްޖޭގެ މީޑިއާއަކުން ވަނީ ރިޕޯޓްކޮށްފައެވެ. އެ މީޑީއާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި އެ ކޭޝިއަރު ވަނީ އަންހެން މީހާގެ އުރަމަތީގައި ހިފާފައެވެ.

ޖަނަވަރީމަގުގައި ހުންނަ ޔޫއެމްސީ ފާމަސީން ބޭސްގަތުމަށް ފަހު ކައުންޓަރުގައި އަރިއަކަށް ހުއްޓައި އުރަމަތީގައި ކޭޝިއަރު އަތްލާފައިވާ ކަމަށް އެ މީޑިއާއިން ރިޕޯޓްކޮށްފައިވެއެވެ. އަދި އެއާއެކު ސޮރީ ސޮރީ އޭ އިންޑިއާ މީހާ ބުނެފައިވާކަމަށް ވެސް އެ މީޑީއާއިން ބުނެއެވެ.

މީގެ އިތުރުން މައްސަލަ ފުލުހަށް ހުށަހަޅާފައިވީ ނަމަވެސް ސީސީޓީވީ ފޫޓޭޖް ނެތްނަމަ މައްސަލަ ބަލައި ދައުވާ ނުކުރެވޭނެ ކަމަށް ފުލުހުން، އެ އަންހެން މީހާއަށް އަންގާފައިވާ ކަމަށް އެ މީޑީއާގައި ވެއެވެ.

ރާއްޖޭގައި މިހާރު ޖިންސީގޯނާގެ މައްސަލަތައް ދަނީ އިންތިހާއަށް ގިނަވެފައެވެ. ވަކި އުމުރެއް ވަކި ޖިންސެއް ބެލުމެއް ނެތި ޖިންސީ ގޯނާއާއި ޖިންސީ ފުރައްސާރަަ ކުރަމުންދާއިރު، މީގެ ތެރެއިން ފެންމަތިވެ، ކަމާބެހޭ އިދާރާތަކަށް ހުށަހެޅެނީ މަދު މައްސަލަތަކެކެވެ.