މިއަދު 13 މީހަކު ވަނީ ކޮވިޑް-19 އިން ރަނގަޅުވެފައިވާ ކަމަށް ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވެއްޖެއެވެ.

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ. ނަޒްލާ ވިދާޅުވީ ވޭތުވެދިޔަ 24 ގަޑިއިރު ތެރޭ 13 މީހަކު ބަލިން ރަނގަޅުވެގެން ދޫކޮށްލާފައިވާ ކަމަށެވެ.

މިއަދު ރާއްޖެއިން 148 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައެވެ. އޭގެ ތެރޭގައި 117 މީހުން ޕޮޒިޓިވެ ވެފައި ވަނީ މާލެއިންނެވެ. އަދި އަތޮޅުތެރެއިން ދެ މީހަކު ވަނީ ޕޮޒިޓިވް ވެފައެވެ. އަދި 110 މީހަކަށް ހޮސްޕިޓަލުގައި ފަރުވާދެމުންދާއިރު އައިސޮލޭޝަން ފެސިލިޓީތަކުގައި މިވަގުތު 1282 މީހަކު އެބަ ތިއްބެއެވެ.

ރާއްޖޭގައި މިވަގުތު ކޮވިޑްގެ ކޭސް 10 ރަށަކުން ފެނިފައި ވެއެވެ. އެއީ ހއ ކެލައާއި، އިހަވަންދުއާއި ބ. އޭދަފުއްޓާއި، ކަމަދުއާއި، ހިތާދުއާއި، ސީސައިޑު ފިނޮޅާއި، ޅ. ހިންނަވަރާއި، ކުރެއްދޫގެ އިތުރުން ކ. މާފުއްޓާއި ވ. ފުލިދުއެވެ.

މިއަދު ޕޮޒިޓިވްވި މީހުންނާއެކު ރާއްޖޭގެ އަދަދު ވަނީ 4,594 އަށް އަރާފައެވެ. މިހާތަނަށް ރާއްޖެއިން މި ބަލި ޖެހިގެން 19 މީހަކު ވަނީ މަރުވެފައެވެ. އޭގެ ތެރޭގައި ހިމެނެނީ 13 ދިވެހިންނާއި 5 ބިދޭސީންނެވެ. 13 ދިވެހިންގެ ތެރޭގައި 6 ފިރިހެނުންނާއި 8 އަންހެނުން ހިމެނޭ އިރު ގިނައީ ދޮށީ އުމުރުގެ މީހުންނެވެ.