މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް (ސަންޓްރެވެލް ސިޔާމް) ގެ ކުންފުންޏެއް ކަމަށް ވާ "އަހުމަދު ސިޔާމް ޕްރައިވެޓް ލިމިޓެޑް" އަށް ނަގާފައިވާ 127 މިލިއަން ޑޮލަރުގެ ލޯނާ ގުޅޭގޮތުން، ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރާ އާ ކުރައްވާ ސުވާލުތަކުގެ ނޯޓިސް ފޮނުވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުން ބުނީ 2017 ވަނަ އަހަރު ދައުލަތުން ސޮވަރިން ގެރެންޓީދީގެން ސަން ސިޔާމް ރިޒޯޓް ޕްރައިވެޓް ލިމިޓެޑްއަށް ޗައިނާގެ އެގްޒިމް ބޭންކުން ދޫކޮށްފައިވާ 127 މިލިއަން ޑޮލަރުގެ ލޯނާ ގުޅޭގޮތުން، މެންބަރު މީކާއީލް، ފިނޭންސް މިނިސްޓަރާ ކުރައްވާ ސުވާލުތަކުގެ ނޯޓިސް ފޮނުވާފައިވާ ކަމަށެވެ.
ސިޔާމްގެ ކުންފުންޏަކަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ދިން ސޮވެރިން ގެރެންޓީއަކާ އެކު، ޗައިނާގެ އެގްޒިމް ބޭންކުން ދޫކުރި ބޮޑު ލޯނެއް ޑިފޯލްޓްވެ، ސަރުކާރުން 10 މިލިއަން ޑޮލަރު ދައްކަން ޖެހޭ ކަމަށް ބޭންކުން ވަނީ މީގެ ކުރިން އަންގާފައެވެ. އެ ކުންފުނިން އެގްޒިމް ބޭންކުން ނަގާފައިވަނީ 127 މިލިއަން ޑޮލަރުގެ ލޯނެކެވެ.
މީކާއީލް މަޖިލީހަށް ހުށަހެޅުއްވި ސިޓީގައި ވަނީ ދައުލަތުން ގެރެންޓީ ދީގެން ސިޔާމްގެ ކުންފުންޏަކުން ނެގި ލޯނެއް ޑިފޯލްޓްވިތޯ އާއި އެ ފައިސާ ސަރުކާރުން ދައްކާނެ ގޮތެއް އޮތްތޯ އާއި ލޯނު ދެއްކުމުގެ މުއްދަތު އިތުރުކުރަން އެދިފައިވޭތޯ އަދި އޭގެ ސަބަބުން މާލީ ގޮތުން ކުރާނެ އަސަރުތަކަކީ ކޮބައިތޯ ބެލުމަށެވެ. އަދި ލޯނު އަނބުރާ ދެއްކުމުގެ މުއްދަތު އިތުރު ކުރާ ނަމަ ދައުލަތުގެ މާލީ އިންތިޒާމު ތަކަށް ކުރާނެ އަސަރުތައް ސާފުކުރަން ވެސް މީކާއިލް އެދިވަޑައިގެންފައި ވެއެވެ.
އެ ބޭންކުން ދިވެހި ސަރުކާރަށް އަންގާފައި ވަނީ އޮގަސްޓް 6 ގެ ކުރިން 10 މިލިއަން ޑޮލަރު ދައްކާށެވެ. ނަމަވެސް ފިނޭންސް މިނިސްޓްރީން އަދި ސަރުކާރުގެ އެހެން އޮފިޝަލަކު ވެސް، މި މައްސަލާގައި އެއްވެސް މައުލޫމާތެއް ހާމަކޮށްފައި ނުވެއެވެ.
އެގްޒިމް ބޭންކުން ނެގި ލޯނުން ނ. ދިގުރަށުގައި ސިޔާމްގެ ކުންފުނިން ގެންދަނީ ރާއްޖޭގައި މިހާތަނަށް ހަދާ އެންމެ ބޮޑު ރިސޯޓު ތަރައްގީ ކުރަމުންނެވެ. "ސަން ސިޔާމް އިރު ފެން" ނަމުގައި އެ ރިސޯޓް މި އަހަރު ހުޅުވާނެ ކަމަށް ކުރިން ވަނީ އިއުލާންވެސް ކޮށްފައެވެ.