އދ. އޮމަދޫއިން މާލެ ގެނައި އުމުރުން ދުވަސްވީ އަންހެނަކު ކޮވިޑަށް ޕޮޒިޓިިވް ވެއްޖެއެވެ.
'ދަ ޕްރެސް' އަށް މައުލޫމާތު ދެއްވަމުން އޮމަދޫ ކައުންސިލްގެ ނައިބު ރައީސް އަލީ ފިކުރީ ވިދާޅުވީ ޕޮޒިޓިވް ވެފައިވަނީ އުމުރުން 64 އަހަރު މީހެއް ކަމަށެވެ.
ފިކުރީ ވިދާޅުވީ އެމީހާ އަކީ އަބަދުވެސް ނޭވާ ހިއްލުމުގެ މައްސަލަ ހުންނަ މީހެއް ކަމަށެވެ. އަދި އިއްޔެ ވަރަށް ބޮޑަށް ނޭވާ ހިއްލުމުގެ ސަބަބުން އެރަށު ހެލްތު ސެންޓަރުގައި ފަރުވާ ދިނުމަށްފަހު ޑޮކްޓަރުންގެ ލަފާއާއެކު އެއަތޮޅު ހޮސްޕޮޓަލަށް ގެންގޮސްފައިވާ ކަމަށެވެ. އަދި އެ ހޮސްޕިޓަލުން މާލެ ދިނުމަށް ލަފާކޮށްފައިވާތީ ރޭގެ ވަގުތެއްގައި އެމީހާ މާލެ ގެނެސްފައިވާ ކަމަށް ފިކުރީ ވިދާޅުވިއެވެ.
އެގޮތުން މާލެ އައިސް އައިޖީއެމްއެޗުން ހެދި ޓެސްޓުން އެމީހާ ބައްޔަށް ޕޮޒިޓިވްކަން އެނގިފައިވާ ކަމަށް ފިކުރީ ވިދާޅުވިއެވެ.
ފިކުރީ ވިދާޅުވީ އެޗްޕީއޭ އަދި ރަށް މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވާ ކަން އަންގާފައި ނުވި ނަމަވެސް ރައްކާތެރިކަމުގެ ފިޔަވަޅު އަޅަން ފަށާފައިވާ ކަމަށެވެ.
އެކޭސް އާ ގުޅުގެން އެރަށު ހެލްތު ސެންޓަރުގެ ގިނަ ނަރުހުންނާއި ޑޮކްޓަރުން ހޯމް އައިސޮލޭޝަނުންގައި ތިބިއިރު ހެލްތު ސެންޓަރުގެ ހިދުމަތް ހުރީ ހުއްޓިފައި ކަމަށް ފިކުރީ ވިދާޅުވިއެވެ.
ފިކުރީ ވިދާޅުވީ ގޮތުގައި ޕޮޒިޓިވްވި މީހާ އާއެކީ ދިޔަ ދެމީހުންގެ ނަތީޖާ ވެސް ނެގަޓިވް ކަމަށެވެ. އަދި ދެވަނަ ޓެސްޓެއް ވަރަށް އަވަހަށް ހަދާނެ ކަމަށް ފިކުރީ ވިދާޅުވިއެވެ.
ޕޮޒިޓިވްވި އަންހެން މީހާ އަކީ އެއް ވެސް ޓްރެވަލް ހިސްޓީއެއް އޮތް މީހެއް ނޫން ކަމަށް ފިކުރީ ވަނީ ފާހަގަ ކުރައްވާފައެވެ.