އެމެރިކާ އާއި ޔުނިސެފް ގުޅިގެން ރާއްޖެއަށް 11.5 މިލިއަން ރުފިޔާގެ އެހީ ދީފިއެވެ.

ޔުނިސެފުން ބުނީ އެ އެހީތެރިކަމަކީ ސްކޫލްތައް އަލުން ހުޅުވާއިރު ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި ފޯރުކޮށްދީފައިވާ އެހީއެއް ކަމަށެވެ.

އެމެރިކާ އިން ރާއްޖެއަށް ކަނޑައަޅާފައިވާ ސަފީރު އެލައިނާ ޓެޕްލީޒް ވިދާޅުވެފައި ވަނީ، ރާއްޖެއާއި ދުނިޔޭގެ އެހެން ގައުމުތަކަށް ވެސް އެގައުމުން ދަނީ އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށެވެ.

އެ އެހީ ބޭނުން ކުރުމަށް ހަމަޖެހިފައިވަނީ އިޖުތިމާއީ ގުޅުމާއި ސްކޫލްތައް އަލުން ހުޅުވާއިރު ދަރިވަރުންނާއި ބެލެނިވެރިންނާއި ޓީޗަރުންނަށް ރައްކާތެރިކަން ކަށަވަރު ކުރުމަށެވެ. އެގޮތުން ސާފު ފެނާއި ސާފުތާހިރުވާން ބޭނުންވާ ސާމާނު ފޯރުކޮށްދިނުން އޭގެ ތެރޭގައި ހިމެނެއެވެ.

އެމެރިކާއިން ރާއްޖެއަށް ދިން މި އެހީއަށް، ރާއްޖޭގައި ހުންނަވާ ޔުނިސެފްގެ މަންދޫބު ޑރ، މުނީރު އޭ ސަފީލްދިން ވަނީ ޝުކުރު އަދާކުރައްވައިފައެވެ. އަދި މިދަނޑިވަޅަކީ މިފަދަ އެހީއަކަށް ރާއްޖެއިން އެންމެ ބޭނުންވެފައިވާ ދަނޑިވަޅުގައި ލިބުނު އެހީ އެއްކަމަށް އޭނާ ވަނީ ފާހަގަކުރައްވާފައެވެ.