ރ. އުނގޫފާރުން ނެގި ސާމްޕަލްތައް ނެގަޓިވް ވުމާއެކު އެރަށް އާންމު ހާލަތަށް ގެނެސްފިއެވެ.

'ދ ޕްރެސް' އަށް މައުލޫމާތު ދެއްވަމުން އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގެ ޕަބްލިކް ރިލޭޝަންސް އެންޑް މީޑިއާ، ހަސަން ފަޒީލް ވިދާޅުވީ ޕޮޒިޓިވްވި ކޭސް އާ ގުޅިގެން ނެގި ސާމްޕަލްތައް ނެގަޓިވް ވުމާ ގުޅިގެން ރޭ 7:30 ހާއިރު އެރަށް އާންމު ހާލަތައް ގެނެސްފައިވާ ކަމަށެވެ.

އޭ ކޭސް އާ ގުޅިގެން ގިނަ ބަޔަކު އަދިވެސް އެކަހެރިވެރި ތިބި އިރު އެމީހުންގެ ސާމްޕަލް ނަގާނީ ފަސް ވަރަކަށް ދުވަހު ބެލުމަށްފަހު އެމީހުންގެ ފަރާތުން އަލާމަތެއް ފެންނަނަމަ ކަމަށް ފަޒީލް ވިދާޅުވިއެވެ.

އެކޭސް އާ ގުޅިގެން ފަސް ސާމްޕަލް އެއް ނަގާފައިވާއިރު ޓެސްޓް ކުރި މީހުންގެ ތެރޭގައި ދެ ޑޮކްޓަރުންނާއި ނަރުހަކާއި ޕޮޒިޓިވްވި މީހާގެ ދަރިފުޅު އަދި، ހޮސްޕިޓަލުގައި އޮތް ބަލި މީހެއް ހިމެނެއެވެ.

އުނގޫފާރު މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވަނީ އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް (ޔުއާރްއެޗް)ގައި ފަރުވާ ދިނުމަށް ފަހު އިތުރު ފަރުވާއަށް މާލެ ފޮނުވާލި ބަލި މީީހާ ކޮވިޑް-19 އަށް ޕޮޒިޓިވް ވުމާ ގުޅިގެން ކަމަށެވެ.

މައުލުމާތު ލިބިފައިވާ ގޮތުގައި އެމީހާ އަކީ ޅ.އޮޅުވެލިފުށި މީހެކެވެ. އަދި އެމީހާ މާލެ ފޮނުވާލާފައިވަނީ މިދިޔަ އަންގާރަ ދުވަހުއެވެ. އަދި ޔުއާރްއެޗްއިން އޭނާ މާލެ ފޮނުވާލުމުގެ ކުރިން ކޮވިޑް-19 އަށް ޓެސްޓުކޮށްފައިވާ ކަމަށާއި ނަމަވެސް ނަތީޖާ ނެގަޓިވް ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ. އިއްޔެ އައިޖީއެމްޗް އިން އެމީހާ ދެވަނަ ފަހަރަށް ޓެސްޓުކުރި އިރު ކޮވިޑަށް ޕޮޒިޓިވް ވެފައިވާ ކަމަށް މައުލޫމާތު ވަނީ ލިބިފައެވެ.