މަޝްހޫރު ލަވަ ކިޔުންތެރިޔާ މޭނާ ހައްސާންގެ އަޑުދަށުން ކާށިދޫ ދާއިރާގެ މެންބަރު އަދި ޑީއާރްޕީގެ ލީޑަރު އަބްދުﷲ ޖާބިރު ލަވަ ވިދާޅުވަމުން ނައްޓަވާ މަންޒަރު ފެންނަ ވީޑިއޯއެއް އާންމު ވެއްޖެއެވެ.

ފޭސްބުކްގައި ވައިރަލް ވަމުން ދާ ވީޑިއޯއިން ފެންނަނީ ޓީވީއިން މޭނާ ހައްސާންގެ ލަވައެއް އަޅުވައިގެން ހުންނަވާ މޭނާ ހާއްސާނާއި ޖާބީރު ލަވަވިދާޅުވެ ލަވައިގެ ހަމައަށް ނައްޓަވަމުން ގެންދަވާ މަންޒަރެވެ.

މޭނާ ހައްސާންގެ އަޑުން ލަވައިގެ ބައެއް ކިޔަމުން ދާއިރު ޖާބިރު ނައްޓަވަމުން ގެންދަވައެވެ. އަދި ލަވައިގެ "ކޯރަސް" އާ ހަމައިން މޭނާ ހައްސާނާ އެކު ޖާބީރުވެސް ނައްޓަވަމުން "ވަގުތު ނެތޭ، ވަގުތު ނެތޭ" ވިދާޅުވަމުން ގެންދަވައެވެ. މީގެ 30 މިނެޓް ކުރިން ފޭސްބުކަށް ލާފައިވާ އެ ވީޑީއޯ މިހާރުވެސް ވަނީ 175 އަށް ވުރެ މީހުން ވިއު ކޮށްފައެވެ.

https://www.facebook.com/Hulhumale.dhaairaa2019/videos/610274979686006/

"ވަގުތު ނެތޭ" މި ލަވައަކީ މޭނާ ހައްސާންގެ ވަރަށް މަޝްހޫރު ލަވައެކެވެ. އެތައް ބައެއްގެ ތަރުހީބު ލިބިފައިވާ މި ލަވައަކީ އަދިވެސް ދިވެހިންގެ ތެރޭގައި ރީތި ބޮޑުބެރު ލަވަތަކުގެ ތެރެއިން ހޮވާލެވޭ ލަވައެކެވެ.

ސިޔާސީ މައިދާނުގައި ތިއްބެވި ލީޑަރުންގެ ތެރެއިން ޖާބިރަކީ ވަރަށް ތަފާތު ޝަހްސިއްޔަތެކެވެ. މަޖާޒީ ބަސްބަސް ބޭނުން ކުރެވުމާއި، ނެއްޓެވުމާއި ލަވަ ވިދާޅުވުމާއި، ތަފާތު ބަސްބަހުން ވާހަކަ ދެއްކެވުން ފަދަ ހުނަރުތައް ޖާބިރު ވަނީ ދައްކަވާ ލައްވައިފައެވެ.