ޒަރޫރީ ބޭނުމެއްގައި ނޫނީ މާލެއިން ރަށްރަށަށް ނުދެވޭ ގޮތަސް ހަމަޖައްސައިފިއެވެ

ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން މިއަދު ހަވީރު ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓްރީ އޮފް ހެލްތުގެ ޑެޕިއުޓީ ޑިރެކްޓާ ޖެނެރަލް އައިޝަތު ސާމިޔާ ވިދާޅުވީ، މިހާރު ކޮވިޑް ފެތުރެމުންދާ މި ހާލަތުގައި ރައްކާތެރިކަމުގެ ގޮތުން ފިޔަވަޅުތައް އަޅާފައިވާއިރު މާލެ ސަރަހައްދުގައި ތިބި މީހުން ރަށްރަށަށް ދާން ބޭނުންވި ނަމަވެސް ރަށްރަށުގައި ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް ފުރަބަންދުގެ ކަރަންޓީނަށް ދެވޭނީ ކޮންމެހެން ދާން ޖެހޭ ފަރާތްތަކަށް އެކަނި ކަަމަށެވެ.

އެ ގޮތަށް އަމަލު ކުރަން ނިންމާފައިވަނީ މިހާރު 10 ރަށެއްގައި ކޮވިޑް ބައްޔަށް ޕޮޒިޓިވް ކޭސް ފެނިފައި ވުމުން ކޮވިޑް ކޭސް ރަށްރަށުގައި ފެތުރުން ހުއްޓުވުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ކަމަށް ވެސް އެޗްއޯސީން ބުނެއެވެ.

ހަމައެއާއެކު ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ވެސް މާސްކް އެޅުމަށާއި މާސްކް އަޅާއިރު ފޮތި މާސްކް އެޅުމަށް ވަނީ އިލްތިމާސްކޮށްފައެވެ. ރާއްޖޭގައި އެހާ ގިނަ ބަޔަކު އެއްފަހަރާ މާސްކް އަޅަން ޖެހުމުން މާސްކް ލިބުމުގައި ދަތިތަކެއް އުޅޭނެ ކަމަށާއި އެހެންކަމުން ފޮތިމާސްކް އެޅުން އެންމެ ރަނގަޅު ކަމަށް ސާމިޔާ ވިދާޅުވިއެވެ.

މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައިވެސް މާސްކް އަޅައިގެން އުޅުމަށް އެދިފައި ވިޔަސް އެކަން މަޖުބޫރުކޮށްފައެއް ނުވެއެވެ. ނަމަވެސް ކޮވިޑް ބަލި ފެތުރޭ ރަށްރަށުގައި މާސްކު އެޅުން ވަނީ މަޖުބޫރުކޮށްފައެވެ. މީގެ އިތުރުން އެއް ރަށުން އަނެއް ރަށަށް ދަތުރު ކުރާ ހުރިހާ އުޅަނދެއްގައި ދަތުރުފަތުރު ކުރާ ވަގުތު މާސްކް އެޅުން ވެސް ވަނީ މަޖުބޫރުކޮށްފައެވެ.