ހާއްސަ އެހީއަށް ބޭނުންވާ މީހަކު ރޭޕްކުރި 2 މީހުންގެ ބަންދަށް 15 ދުވަހުގެ މުއްދަތެއް ޖަހައިފިއެވެ.
ފުލުހުން ބުނީ، ރޭޕްގެ ތުހުމަތުގައި އައްޑޫއިން ހައްޔަރުކުރި 2 މީހުންގެ ބަންދަށް ކޯޓުން ވަނީ 15 ދުވަހުގެ ބަންދުގެ މުއްދަތެއް ދީފައިވާ ކަމަށެވެ. މި މައްސަލައިގައި އިތުރު ބަޔަކު ހިމެނޭކަން މިހާތަނަށް ތަހުގީގަށް ފާހަގަވެފައި ނުވާ ކަމަށް ފުލުހުން ބުނެއެވެ. އަދި މި މައްސަލައާ ގުޅިގެން އިތުރު މީހަކު ހައްޔަރު ކޮށްފައި ނުވާ ކަމަށް ވެސް ފުލުހުން ބުނެއެވެ.
މިފަދަ މައްސަލަތައް ތަހުގީގު ކުރުމުގައި ފުލުހުން އަމަލުކުރާ އުސޫލުތަކާ އެއްގޮތަށް ފުރިހަމަ ކުރަންޖެހޭ ހުރިހާ ކަމެއް ފުރިހަމަ ކުރަމުންދާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
މި ހާދިސާގައި ވިކްޓިމް ޑޮކްޓަރަށް ދައްކާފައި ވަނީ އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލަށް ކަމަށާއި އަދި ސައިކޮލޮޖިކަލް އެސެސްމަންޓް ހެދުމަށް އޭނާ ވަނީ ފުވައްމުލަކަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުނެއެވެ.
ސ. ހިތަދޫގައި ހާއްސަ އެހީއަށް ބޭނުންވާ އުމުރުން 48 އަހަރުގެ އަންހެނަކު ރޭޕްކޮށްފައިވާ މައްސަލައެއް ފުލުހުންނަށް ހުށަހަލާފައިވަނީ މި މަހުގެ 1 ވަނަ ދުވަހުގެ ހެނދުނު ވަގުތެއްގައެވެ. މި މައްސަލާގައި ހައްޔަރު ކޮށްފައިވަނީ އުމުރުން 19 އަހަރާއި 30 އަހަރުގެ ދެ ފިރިހެނުންނެވެ.