ޗައިނާއިން ހިންގާ މަޝްހޫރު ވީޑިއޯ-ޝެއާރިންގް އެޕް "ޓިކްޓޮކް"ގެ އެމެރިކާގެ އޮޕަރޭޝަންތައް ގަތުމުގެ މަޝްވަރާތައް ކުރިއަށްދާކަން އެމެރިކާގެ ޓެކްނޮލޮޖީ ކުންފުނި މައިކްރޯސޮފްޓްއިން ކަށަވަރުކޮށްދީފިއެވެ.

މައިކްރޯސޮފްޓް ކުންފުނިން ބުނީ، މިކަމާ ބެހޭ މަޝްވަރާތަކެއް އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕާ، މައިކްރޯސޮފްޓް ކުންފުނީގެ އިސްވެރިޔާ ސަތްޔާ ނަޑެއްލާއާއި ދެމެދު ކުރިއަށް ގެންދަވާފައި ވާ ކަމަށެވެ. އަދި ޓްރަމްޕް ކަންބޮޑުވެވަޑައިގަންނަވާ ކަންކަމަށް ރިއާޔަތް ކުރުމަކީ އެކުންފުނިން ހާއްސަ ސަމާލުކަމެއް ދޭނެ ކަމެއް ކަމަށްވެސް މައިކްރޯސޮފްޓްއިން ވަނީ ބުނެފައެވެ.

މައިކްރޯސޮފްޓް ކުންފުނިން ބުނީ މުއާމަލައިގެން ކުރިއަށްދާއިރު، އެޕްލިކޭޝަންގެ ސެކިއުރިޓީއާއި ބެހޭ ފުރިހަމަ މުރާޖައާއެއް ކުރާނެ ކަމަށެވެ. މީގެ އިތުރުން، ޓިކްޓޮކްގެ އެމެރިކާގެ އޮޕަރޭޝަންތަކުގެ ކޮންޓްރޯލް މައިކްރޯސޮފްޓް ކުންފުންޏަށް ނެގުމުގައި އެމެރިކާއަށް އޮތް އިގުތިސޯދީ ފައިދާތަކާ ބެހޭ ރިޕޯޓެއް އެމެރިކާ ސަރުކާރަށް ހުށަހަޅާނެ ކަމަށްވެސް މައިކްރޯސޮފްޓް ކުންފުނިން ވަނީ ބުނެފައެވެ.

މައިކްރޯސޮފްޓް އިން ދަނީ "ޓިކްޓޮކް"ގެ އެމެރިކާގެ އޮޕަރޭޝަންތައް އެ ކުންފުންޏަށް ގަތުމާ ބެހޭ މަޝްވަރާތައް، އަންނަ ސެޕްޓެމްބަރު މަހުގެ 15 ދުވަހުގެ ނިޔަލަށް ނިންމާލުމަށް، ބައިޓްޑާންސްއާއެކު މަސައްކަތް ކުރަމުންނެވެ. ބައިޓްޑާންސްއަކީ ޓިކްޓޮކްގެ ބެލެނިވެރި ކުންފުންޏެވެ.

އެމެރިކާގެ އިތުރުން ކެނެޑާ، އޮސްޓްރޭލިއާ އަދި ނިއުޒީލަންޑްގެ ޓިކްޓޮކް އޮޕަރޭޝަންތައް އެކުންފުނީގެ ބާރުގެ ދަށަށް ގެންދިއުމަށް ވިސްނަމުން އަންނަކަން މައިކްރޯސޮފްޓްއިންވަނީ ހާމަކޮށްފައެވެ. އަދި މިކަމުގައި އެމެރިކާގެ އިންވެސްޓަރުންނަށް ފުރުސަތު ހުޅުވާލުން އެކަށީގެންވާ ކަމުގެ އިޝާރާތެއްވެސް މައިކްރޯސޮފްޓްއިންވަނީ ދީފައެވެ.

އެމެރިކާގެ އެތައް މިލިއަން ބަޔަކު ބޭނުން ކުރަމުންދާ ޓިކްޓޮކް އެޕްލިކޭޝަނަކީ އެމެރިކާގެ އަމިއްލަ މިލްކަކަށް ހެދުމަށް އެގައުމުން މަސައްކަތް ފަށާފައި މިވަނީ، އެމެރިކާގެ ޒަމާންވީ އަދުއްވު އަދި ދުނިޔޭގެ އެންމެ ނުފޫޒުގަދަ ގައުމުގެ މަގާމަށް ފައި ވިއްދައިގެން އޮތް ޗައިނާއިން މި އެޕްލިކޭޝަން ހިންގާއިރު، އެމެރިކާ ރައްޔިތުންގެ ޒާތީ މައުލޫމާތުން ވައްކަން ކުރަމުންދާ ތުހުމަތުތަކެއް ފެންމަތި ކުރުމަށް ފަހުގައެވެ.