"ފުރާނަ ސަލާމަތްކޮށްދެނިވި" ޓެސްޓެއްގެ ގޮތުގައި ސިފަކުރަމުން އަންނަ، 90 މިނެޓްގެ ތެރޭގައި ނަތީޖާ ނެރެވޭ ކޮރޯނާވައިރަސް ޓެސްޓު ކިޓްތަކަކީ، އިނގިރޭސިވިލާތުގައި ދޮށީ އުމުރުގެ މީހުންނާ ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ހާއްސަ ކޮށްފައިވާ ތަންތަނާ، ލެބޯޓްރީތަކުގައި ކުރިއަށް އޮތް ހަފުތާގައި ބޭނުން ކުރަން ފަށާނެ ޓެސްޓެއް ކަމަށް އެ ގައުމުން ހާމަކޮށްފިއެވެ.

އިނގިރޭސިވިލާތުގެ ސަރުކާރުން ބުނީ ސްވަބް އަދި ޑީއެންއޭ ޓެސްޓުގެ އެހީގައި، ޕޭޝަންޓަށް ޖެހިފައިވަނީ ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ތޯ ނުވަތަ މޫސުމީ ރޯގާއެއް ތޯ "ވަގުތުން" ދެނެގަނެވޭނެ ކަމަށެވެ.

އިނގިރޭސިވިލާތުގެ ހެލްތް ސެކްރެޓަރީ މެޓް ހެންކޮކް ވިދާޅުވީ، މިއީ ފިނި މޫސުމުގެ ދުވަސްވަރަށް އިންތިހާ ފައިދާ ކުރަނިވި ކިޓްތަކަށް ވާނެ ކަމަށެވެ.

އިނގިރޭސިވިލާތުގައި ކޮވިޑް-19އަށް ޓެސްޓު ކުރަމުން ދާ ގޮތަށް ބަލާއިރު ކޮންމެ ދުވަހަކުވެސް ނަގާ ސާމްޕަލްތަކުގެ 4 ބައިކުޅަ 3 ބައި ސާމްޕަލްތަކަކީ 24 ގަޑިއިރުގެ ތެރޭގައި ނަތީޖާ ފޯރުކޮށްދޭ ސާމްޕަލްތަކެކެވެ. އަނެއް ބައި ސާމްޕަލްގެ ނަތީޖާ ލިބުމަށް 2 ދުވަސްވެސް ހޭދަވެއެވެ.

ހެންކޮކް ވިދާޅުވީ 90 މިނެޓްގެ ތެރޭގައި ނަތީޖާ ލިބޭ ޓެސްޓު ކިޓްތައް ފުޅާ ދާއިރާއެއްގައި ބޭނުން ކުރަން ފެށުމަކީ ބަލިމަޑުކަން ފެތުރިގެންދާ ދިއުން، ހަލުވި ދުވެއްޔެއްގައި ކޮންޓްރޯލް ކުރުމަށް އެހީވެދޭނެ ކަމެއް ކަމަށެވެ. އަދި މިއީ ކޮވިޑް-19ގެ އިތުރުން މޫސުމީ ރޯގާވެސް ދެނެގަންނަ ކިޓްތަކެއް ކަމުން، މި ކިޓްތައް ބޭނުން ކުރުމުގެ ފައިދާ ބޮޑު ކަމަށްވެސް އޭނާ ވަނީ ފާހަގަކުރައްވާފައެވެ.

އިނގިރޭސިވިލާތުން މިހާރު ދަނީ ކޮވިޑް-19 ޖެހި، ޝިފާ ލިބި ރަނގަޅުވެފައިވާ މީހުންގެ ކިބައިން ޕްލާޒްމާ ހޯދުމަށް އެދެމުންނެވެ. ޕްލާޒްމާ ތެރަޕީއަކީ ކޮވިޑް-19ގެ ޕޭޝަންޓުންނަށް ދެވޭ އެއް ފަރުވާއެވެ. އިނގިރޭސިވިލާތުން ދަނީ، ބަލިޖެހޭ މީހުންގެ ތެރެއިން އަމިއްލަ ހަށިގަނޑުގެ ދިފާއީ ނިޒާމުން އެ ވައިރަހާ ދެކޮޅަށް މަސައްކަތް ކުރުމަށް ގޮންޖެހުންތައް ކުރިމަތިވާ މީހުންނަށް ޕްލާޒްމާ ބްލަޑް ޓްރާންސްފިއުޝަން ބޭނުންކޮށްގެން ފަރުވާ ދިނުމުގެ ތަހުލީލުތަކެއް ކުރަމުންނެވެ.

އިނގިރޭސިވިލާތުގެ އަދުގެ ހާލަތަށް ބަލާއިރު އެ ގައުމުން ކޮވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 304695 އަށް ވަނީ އަރާފައެވެ. އަދި 46201 މީހެއްގެ ފުރާނަ ވަނީ ގެއްލިފައެވެ.