އިއްޔެ ޕޮޒިޓިވްވި މީހުންގެ ތެރޭގައި 10 އަހަރުން ދަށުގެ 19 ކުޑަކުދިން ހިމެނޭ ކަމަށް ހެލްތު މިނިސްޓްރީގެ ތަފާސްހިސާބު ތަކުން ދައްކައިފިއެވެ.
މިނިސްޓްރީން ނެރުނު ތަފާސްހިސާބުތަކުން ދައްކާގޮތުގައި އިއްޔެ ރާއްޖެއިން 156 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައިވާއިރު އޭގެ ތެރެއިން 134 އަކީ ދިވެހިންނެވެ. ޕޮޒިޓިވްވި 156 މީހުންގެ ތެރޭގައި 10 އަހަރުން ދަށުގެ 19 ކުޑަކުދިން ހިމެނޭ ކަމަށް ވެސް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައެވެ.
އެގޮތުން އިއްޔެ ޕޮޒިޓިވް ވެފައިވަނީ އެއް އަހަރުގެ ދެ ކުދިންނާއި، ދެ އަހަރުގެ ކުއްޖަކާއި، ތިން އަހަރުގެ ދެ ކުދިންނާއި ހަަތަރު އަހަރުގެ ތިން ކުދިންގެ އިތުރުން ފަސް އަހަރުގެ ކުއްޖަކާއި ހަ އަހަރުގެ ދެ ކުދިންނާއި ހަތް އަހަރުގެ ދެ ކުދިނާއި އަށް އަހަރުގެ ކުއްޖަކާއި ނުވަ އަހަރުގެ ދެ ކުދިން އަދި 10 އަހަރުގެ ތިން ކުދިންނެވެ.
މިނީސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި އެ 19 ކުދިންނަކީ ވެސް ކްލަސްޓާއަކަށް ނިސްބަތްވާ ކުދިންނެވެ.
މިހާތަނަށް 10 އަހަރުން ދަށުގެ 189 ކުއްޖަކު ކޮވިޑަށް ވަނީ ޕޮޒިޓިވް ވެފައެވެ.
ރާއްޖެއިން މިހާތަނަށް 3949 މީހަކު ޕޮޒިޓިވް ވެފައިވާއިރު މިހާތަނަށް އައި އިރު ރާއްޖެއިން މި ބަލި ޖެހިގެން 17 މީހަކު މަރުވެފައިވެސް ވެއެވެ. އޭގެ ތެރޭގައި ހިމެނެނީ 12 ދިވެހިންނާއި 5 ބިދޭސީންނެވެ. 12 ދިވެހިންގެ ތެރޭގައި 5 ފިރިހެނުންނާއި 7 އަންހެނުން ހިމެނޭ އިރު ގިނައީ ދޮށީ އުމުރުގެ މީހުންނެވެ.