މިއަދު އެކަނި 156 މީހުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެއެވެ. އޭގެ ތެރޭގައި 134 ދިވެހިން ހިމެނެއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މިދިޔަ 24 ގަޑިއިރުގެ ތެރޭގައި ޕޮޒިޓިވް ވެފައި ވަނީ 134 ދިވެހިންގެ އިތުރުން ބަންގްލަދޭޝްގެ 20 މީހަކާއި، އިންޑިއާގެ އެކަކާއި ލަންކާ މީހެއް ކަމަށެވެ.

މިއަދު ޕޮޒިޓިވްވި މީހުންނާއެކު ރާއްޖޭގެ އަދަދު ވަނީ 3949 އަށް އަރާފައެވެ. މިއަދު ޕޮޒިޓިވް ވި މީހުންގެ ތެރޭގައި އަތޮޅުތެރެއިން 2 މީހަކުވެސް ހިމެނެއެވެ.

މިއަދު 156 މީހަކު ކޮވިޑަށް ޕޮޒިޓިވް ވި އިރު 6 ވަނީ ބަލިން ރަނގަޅު ވެފައެވެ. މިވަގުތު 1305 މީހަކަށް ފަރުވާ ދެމުން ދާ އިރު ހޮސްޕިޓަލުގައި 72 މީހަކަށް ދަނީ ފަރުވާ ދެމުންނެވެ. އަދި އައިސޮލޭޝަން ފެސިލިޓީތަކުގައި މިވަގުތު 815 މީހަކު އެބަ ތިއްބެއެވެ.

ރާއްޖޭގައި މިވަގުތު ކޮވިޑްގެ ކޭސް 10 ރަށަކުން ފެނިފައި ވެއެވެ. އެއީ ހއ ކެލައާއި، އިހަވަންދުއާއި ބ. އޭދަފުއްޓާއި، ކަމަދުއާއި، ހިތާދުއާއި، ސީސައިޑު ފިނޮޅާއި، ޅ. ހިންނަވަރާއި، ކުރެއްދޫގެ އިތުރުން ކ. މާފުއްޓާއި ވ. ފުލިދުއެވެ.

މިހާތަނަށް އައި އިރު ރާއްޖެއިން މި ބަލި ޖެހިގެން 16 މީހަކު މަރުވެފައިވެސް ވެއެވެ. އޭގެ ތެރޭގައި ހިމެނެނީ 11 ދިވެހިންނާއި 5 ބިދޭސީންނެވެ. 11 ދިވެހިންގެ ތެރޭގައި 5 ފިރިހެނުންނާއި 6 އަންހެނުން ހިމެނޭ އިރު ގިނައީ ދޮށީ އުމުރުގެ މީހުންނެވެ.

އެގޮތުން މަރުވި ދިވެހިންގެ ތެރޭގައި ހިމެނެނީ އުމުރުން 42 އަހަރުގެ ދިވެހި ފިރެހެނަކާއި 83 އަހަރުގެ އަންހެނަކާއި 89 އަހަރުގެ އަންހެނަކާއި 70 އަހަރުގެ އަންހެނެއްގެ އިތުރުން 80 އަހަރުގެ ފިރިހެނަކާއި 88 އަހަރުގެ ފިރިހެނަކާއި 92 އަަހަރުގެ ފިރިހެނެއްގެ އިތުރުން 80 އަހަރުގެ ފިރިހެނަކާއި 70 އަހަރުގެ އަންހެނަކާއި 79 އަހަރުގެ އަންހެނެކެވެ. އަދި މިއަދު މަރުވި 71 އަހަރުގެ އަންހެން މީހާވެސް މީގެ ތެރޭގައި ހިމެނެއެވެ.

މަރުވި ބިދޭސީ މީހުންގެ ތެރޭގައި ހިމެނެނީ 43 އަހަރުގެ ފިލިޕީންސް އަށް ނިސްބަތްވާ ފިރިހެނަކާއި 33 އަހަރުގެ ބަންގްލަދޭޝް ފިރިހެނަކާއި 45 އަހަރުން ބަންގްލަދޭޝް ފިރިހެނެއްގެ އިތުރުން 54 އަހަރުގެ ބަންގްލަދޭޝް ފިރިހެނަކާއި 38 އަހަރުގެ ބަންގްލަދޭޝް ފިރިހެނެކެވެ.