ރޭ މަރުވި ފްލައިމީގެ ޕައިލެޓެއް ކަމަށްވާ، ސ. ހިތަދޫ، ކޯޒްވޭ ވިލާ، ސަނޫން ނަސީރު ކޮވިޑަށް ނެގެޓިވް ވެއްޖެއެވެ.

މިކަން ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ވަނީ ދަ ޕްރެސް" އަށް ކަށަވަރު ކޮށްދީފައެވެ. ހުޅުމާލޭގެ ފްލެޓެއްގެ ކައިރިއަށް ސަނޫން ހޭނެތިގެން ވެއްޓިފައިވާ އޮއްވާ ރޭ ދަންވަރު ހުޅުމާލޭ ހޮސްޕިޓަލަށް ވަނީ ގެންގޮސްފައެވެ. ނަމަވެސް އޭނާ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށް އެ ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުނެއެވެ.

އެޗްޕީއޭ އިން މިހާރު އަމަލު ކުރަމުންދާ އުސޫލުގެ ދަށުން ގޮތްނޭނގޭ ގޮތަކަށް މީހަކު މަރުވެފައި އޮއްވާ ފެނިއްޖެނަމަ، އެމީހަކު ކޮވިޑަށް ޓެސްޓު ކުރެއެވެ. މި ގޮތަށް ޓެސްޓު ކުރަނީ ކޮވިޑް-19 ހަލުވިކަމާއެކު ފެތުރެމުން ދާތީއެވެ. އެހެންކަމުން ހަމަ މި އުސޫލުގެ ތެރެއިން ސަނޫންގެ ވެސް ވަނީ ކޮވިޑަށް ޓެސްޓް ކޮށްފައެވެ.

ސަނޫނަކީ ވިލާ އެއާގެ ފްލައިމީގައި މަސައްކަތް ކުރަމުން ދިޔަ އުމުރުން 35 އަހަރުގެ ޒުވާނެކެވެ. ސަނޫން މަރާ ބެހޭގޮތުން މީޑިއާތަކުން ބުނެފައި ވަނީ، ސަނޫން ރޭ ގެއަށް ނައިސްގެން އޭނާގެ އަންހެނުން ވަރަށް ގިނައިން އޭނާގެ ފޯނަށް ގުޅާފައިވާ ކަމަށާއި އަދި ފޯނަށް ޖަވާބު ނުދޭ ކަމަށެވެ. ސަނޫން މަރުވި އިރު އޭނާގެ އަންބަކާއި ދަރިއަކު ހުރެއެވެ.

ސަނޫން މަރުވެފައި ވަނީ ހާޓްއެޓޭކެއް ޖެހިގެން ކަމަށް ހޮސްޕިޓަލާ ހަވަލާދީ މީޑިއަތަކުން ރިޕޯޓް ކޮށްފައި ވެއެވެ.

ސަނޫނުގެ މަރާއެކު އޭވިއޭޝަން ދާއިރާގައި މަސައްކަތް ކުރާ ގިނަ ފަރާތްތަކުން ދަނީ ޝޯޝަލް މީޑިއާގައި ހިތާމަ ފާޅު ކުރަމުންނެވެ. ސަނޫނުގެ ހަށިގަނޑު މިވަގުތު އޮތީ އާސަހަރާގައެވެ. އޭނާގެ މައްޗަށް ކަށުނަމާދު ކުރުން އޮތީ، މައްރިބު ނަމާދަށް ފަހު، އާސަހަރާ މިސްކިތުގައެވެ.