ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ނުރައްކާ އިންތިހާއަށް ބޮޑުވަމުން އަންނަ އަވަށްޓެރި އިންޑިއާއިން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު ރެކޯޑް މިންވަރަކަށް އިތުރުވެއްޖެއެވެ.

ފާއިތުވީ 24 ގަޑިއިރު ތެރޭގައި އިންޑިއާއިން ކޮވިޑް-19ގެ 57704 ކޭހެއް ރެކޯޑްކޮށްފައިވާއިރު، އެ ގައުމުން މިހާތަނަށް ބަލިޖެހުނު މީހުންގެ ޖުމުލަ އަދަދު މިހާރު ވަނީ 1.7 މިލިއަނަށް އަރާފައެވެ.

ކޮވިޑް-19 ޖެހިގެން 764 މީހެއްގެ ފުރާނަ ގެއްލިފައިވާކަމަށް އިންޑިއާގެ ސިއްހަތާ ބެހޭ ވުޒާރާއިން މިއަދު ވަނީ ރިޕޯޓްކޮށްފައެވެ. މިއާއެކު އިންޑިއާއިން މި ބަލީގައި މަރުވި މީހުންގެ އަދަދު 36511 އަށް އަރާފައިވާކަމަށް މައުލޫމާތު ލިބެއެވެ.

ނިމިދިޔަ ޖުލައި މަހަކީ އިންޑިއާގައި ކޮވިޑް-19ގެ ނުރައްކާ އިންތިހާއަށް ބޮޑުވި މަހެކެވެ. އެ މަހު އެކަނިވެސް 1.1 މިލިއަން ޕޮޒިޓިވް ކޭސް ރެކޮޑްކޮށްފައިވާކަމަށް ޚަބަރު ލިބެއެވެ. ބަލިޖެހުނު މީހުންގެ ޖުމުލަ އަދަދު 1.7 މިލިއަނަށްވުރެ މައްޗަށް އެރި ނަމަވެސް، މިވަގުތު އެކްޓިވް ކޭހުގެ ގޮތުގައި ރެކޯޑް ކޮށްފައިވަނީ 568047 ޕޭޝަންޓުންނެވެ. ޝިފާ ލިބި، ބަލިން ރަނގަޅުވި މީހުންގެ އަދަދު 1 މިލިއަނަށްވުރެ މައްޗަށް އަރާފައިވާކަން، އިންޑިއާގެ ސިއްހަތާ ބެހޭ ވަޒީރު ހަރްޝް ވަރްދަންވަނީ އިއްޔެގެ ވަގުތެއްގައި އިއުލާން ކުރައްވާފައެވެ.