އިރާގުގެ އާންމު އިންތިހާބުގެ ވޯޓުލުން، އަހަރެއްހާ ދުވަސް ކުރިއަށް ޖައްސާ، 2021 ވަނަ އަހަރުގެ ޖޫން މަހަށް ތާވަލު ކޮށްފައި ވާކަމަށް އެ ގައުމުގެ ބޮޑުވަޒީރު، މުސްތޮފާ އަލް-ޚާދިމީ އިއުލާން ކުރައްވައިފިއެވެ.
ޓީވީ މެދުވެރިކުރައްވާ ގައުމާ މުހާތަބު ކުރައްވަމުން އަލް-ޚާދިމީ ވިދާޅުވީ، އާންމު އިންތިހާބުގެ ވޯޓުލުން، 2021 ވަނަ އަހަރުގެ ޖޫން 6 ވަނަ ދުވަހަށް ތާވުލުކޮށް ނިންމާފައި ވާކަމަށާ، އިންތިހާބުގެ ކާމިޔާބު ކަން ކަށަވަރު ކުރުމަށާ، ރައްކާތެރި ކަމުގެ ގޮތުން ކަށަވަރު ކުރަންޖެހޭ ހުރިހާ ކަމެއްވެސް ކުރައްވާނެ ކަމަށެވެ.
އިރާގުގައި އަވަސް އިންތިހާބެއް ބޭއްވުމަކީ ގައުމަށް ހަމަޖެހުން ގެނުވަނިވި ކަމެއް ކަމަށާ، އެއީ ޑިމޮކްރަސީއަށް މަގުފަހި ކުރަނިވި ކަމެއް ކަން ފާހަގަކޮށް، އދއިން ވަނީ އަލް-ޚާދިމީގެ ނިންމެވުމަށް ތައުރީފު ކުރައްވާފައެވެ.
މި އަހަރުގެ މެއި މަހު، އިރާގުގެ ބޮޑުވަޒީރު ކަމާ އަލް-ޚާދިމީ ހަވާލުވެވަޑައިގަތީ، އެތައް މަހަކަށް ދިގުލާ ދިޔަ މުޒާހަރާތަކުގެ ޕްރެޝަރުގައި، އިރާގުގެ ކުރީގެ ބޮޑުވަޒީރު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. ބޮޑުވަޒީރު ކަމަށް އަލް-ޚާދިމީގެ ނަން ނޮމިނޭޓް ކުރެވުނީ އޭޕްރިލް މަހުގެ ތެރޭގައެވެ. އެއީ އާދިލް ޢަބްދުލް މަހްދީގެ އިސްތިއުފާއާއި ގުޅިގެންނެވެ. އާދިލަކީ، 2003 ވަނަ އަހަރު އެމެރިކާއިން އިރާގު ހިފި ފަހުން، ދައުރު ފުރިހަމަ ނުކުރައްވާ، މަގާމުން އިސްތިއުފާ ދެއްވި އިރާގުގެ ފުރަތަމަ ބޮޑުވަޒީރެވެ.
އިރާގުގައި އާންމު އިންތިހާބުގެ ވޯޓުލުން ކުރިއަށް ގެންދިއުމަށް މީގެ ކުރިން ތާވަލު ކޮށްފައި އޮތީ 2022 ވަނަ އަހަރުގެ މެއި މަހަށެވެ. ނަމަވެސް، އަހަރެއް ހާ ދުވަހަށް އިންތިހާބު އަވަސް ކޮށްފައިވާއިރު، މިހާރު އޮތް ގާނޫނު ހަދާ މަޖިލީހުން އާ ތާރީހު ފާސްކުރަންވެސްޖެހެއެވެ.
އިރާގުގެ އިންތިހާބުތަކަކީ އާންމު ގޮތެއްގައި ހަމަނުޖެހުން ބޮޑު އިންތިހާބެކެވެ. ހަމަ އެހެންމެ މަކަރާ އޮޅުވާލުންތައްވެސް ގިނަ އިންތިހާބެކެވެ. އަވަސް އިންތިހާބެއް ބޭއްވުމަކީ، ސަރުކާރާ ދެކޮޅަށް އިރާގުގައި ކުރިއަށް ގެންދާ ސިލްސިލާ މުޒާހަރާގެ ބައިވެރިންގެ އެންމެ ވަރުގަދަ އެއް ޑިމާންޑެވެ.
އިރާގުގެ މައި ސަރުކާރާ ދެކޮޅަށް އެ ގައުމުގައި ސިލްސިލާ މުޒާހަރާތަކެއް ފެށި ހުސްވި އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައެވެ. ސިޔާސީ ނިޒާމު ރުޅާލާ، ސިޔާސީ މަސްރަހުގައި އޮތް ކޮރަޕްޝަން ނައްތާލަން ނިކުތް މުޒާހަރާގެ ބައިވެރިންނާ އިރާގުގެ ސަލާމަތީ ބާރުތަކާ ދެމެދު ހިންގި ކުރިމަތިލުންތަކުގައި މިހާރު އެތައް ސަތޭކަ ބައެއްގެ ފުރާނަ ވަނީގެއްލިފައެވެ. އަދި ގިނަ އަދަދެއްގެ ބަޔަކު ހައްޔަރު ކުރި ކަމަށްވެސް ބެލެވެއެވެ.
އިރާގުގައި އެންމެ ފަހުން ބޭއްވި އާންމު އިންތިހާބުގެ ވޯޓުގައި ބައިވެރިވެފައިވަނީ، ހައްގު ލިބިފައިވާ މީހުންގެ 44.5 ޕަސެންޓް މީހުންނެވެ. ގިނަ ބައެއްގެ މެދުގައި އިރާގުގެ އިންތިހާބީ ނިޒާމަށް އިތުބާރެއް ނެތް ކަމަށް ބައިނަލްއަގުވާމީ މީޑިއާއިން ރިޕޯޓް ކުރެއެވެ.