އެމެރިކާގެ ވަރުގަދަ ޝަހްސިއްޔަތުތަކަކަށް ނިސްބަތްވާ "ރަސްމީ" ޓްވިޓާ އެކައުންޓްތައް ހެކް ކުރި މައްސަލައިގެ ތުހުމަތުގައި 2 ޒުވާނަކާ ކުޑަ ކުއްޖެއްގެ މައްޗަށް އެމެރިކާއިން ދައުވާ އުފުލައިފިއެވެ.

ނިމިދިޔަ ޖުލައި މަހުގެ ކުރީކޮޅު ހިންގި މި ޖަރީމާގައި ހަމަލާ އަމަޒުވި ފަރާތްތަކުގެ ތެރޭގައި އެމެރިކާގެ ކުރީގެ ރައީސް ބަރާކް އޮބާމާ، މިހާރުގެ ޑިމޮކްރަޓިކް ރިޔާސީ ކެންޑިޑޭޓް ޖޯ ބައިޑަން، މިނިވަން ރިޔާސީ ކެންޑިޑޭޓް އަދި މަޝްހޫރު ރެޕާ ކާންޏޭ ވެސްޓް އަދި މަހުޖަނު އީލޯން މަސްކް ފަދަ ޝަހްސުތައް ފާހަގަކުރެވެއެވެ.

ކްރިޕްޓޮކަރަންސީ ބިޓްކޮއިން ސްކޭމެއްގެ ގޮތުގައި ހެކަރުން ދިން މި ހަމަލާއާ ގުޅިގެން ދައުވާ އުފުލާފައިވަނީ، އިނގިރޭސިވިލާތަށް ނިސްބަތްވާ، އުމުރުން 19 އަހަރުގެ މޭސަން ޝެޕާޑް، ފްލޮރިޑާއަށް ނިސްބަތްވާ އުމުރުން 22 އަހަރުގެ ނީމާ ފަޒީލީގެ އިތުރުން 18 އަހަރު ނުވާ ކުއްޖެއްގެ މައްޗަށް ކަމަށް، އެމެރިކާގެ އެޓާނީ ޑޭވިޑް އެންޑާސަން ވަނީ ހާމަކުރައްވާފައެވެ.

މި މައްސަލާގައި ދައުވާ ލިބޭ އުމުރުން 17 އަހަރުގެ ގްރާމް އިވާން ކްލާކް ހައްޔަރު ކޮށްފައިވަނީ ހުކުރު ދުވަހުގެ ވަގުތެއްގައި ކަމަށް ޚަބަރު ލިބެއެވެ. މިކަމާ ގުޅިގެން ހިލްސްބަރޯ ސްޓޭޓް އެޓާނީ އެންޑްރޫ ވޮރަން އާންމު ކުރައްވާފައިވަނީ ބަޔާނުގައި ފާހަގަކުރައްވާފައިވާ ގޮތުގައި މި ޖަރީމާގެ "މޭސްތިރިއަކީ" ވެސް ކްލާކްއެވެ.

އެޓާނީ އެންޑަސަން ވިދާޅުވީ، އޮންލައިން ޕްލެޓްފޯމުތަކުގައި ދޭ ވަރުގަދަ ހަމަލާތަކަކީ ފިލާ ތިބެ، ކޮން ބައެއްކަން ނޭނގޭނެ ގޮތަށް ހިތާ ދޭ ހަމަލާތަކެއް ކަމަށް ކުރެވެނީ ކުށް ހީއެއް ކަމަށެވެ. އަދި މަޖަލަށް ކަމުގައި ވީ ނަމަވެސް ނުވަތަ ފައިދާ ހޯދަން ކަމުގައި ވީ ނަމަވެސް، މި ފަދަ ގޮތަކަށް ހިންގާ ޖަރީމާތަކަކީ ކުރު މުއްދަތަކަށް މެނުވީ ނުހިނގޭނެ ޖަރީމާތަކެއްކަން މި ހާދިސާއިންވެސް އެނގިގެންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

އެމެރިކާގެ ތަހުގީގީ އިދާރާ (އެފްބީއައި) އިން ބުނީ، މިމައްސަލާގައި ދައުވާ ލިބޭ 2 މީހަކު ކަމާ ބެހޭ ފަރާތްތަކުގެ ބެލުމުގެ ދަށުގައި އެބަހުރި ކަމަށެވެ. މިކަމާ ގުޅިގެން ޓްވިޓާއިން ބުނީ ކަމާބެހޭ ފަރާތްތަކުގެ ހަލުވި ފިޔަވަޅުތައް ބަލައިގަންނަ ކަމަށާ، މި ތަހުގީގަށް ފުރިހަމަ އެއްބާރުލުން ދެމުންދާނެ ކަމަށެވެ.

ހެކަރުންގެ ހަމަލާ އަމާޒުވި އެކައުންޓްތަކުން ކުރި ޓްވީޓްތަކާ ގުޅިގެން، ޖަރީމާއާ ގުޅިފައިވާ އެކައުންޓަކަށް 415 ޓްރާންސްފާއެއް ކޮށްފައިވާއިރު، މި ފައިސާގެ އަގު 11745758 ޑޮލަރަށް އަރާ ކަމަށް ޚަބަރު ލިބެއެވެ.