އައްޑޫ ސިޓީގެ އެއްވެސް އަވަށެއްގައި ބޮޑު ޖަމާއަތުގައި އީދު ނަމާދު ނުކުރަން ނިންމައިފިއެވެ.
އައްޑޫ ސިޓީ ކައުންސިލުން ކުރި އިއުލާނެއްގައި ބުނީ ކޮވިޑް 19އާއި ގުޅިގެން އަޅާ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މިއަހަރުގެ އަޟްހާ އީދު ނަމާދުގެ ބޮޑުޖަމާއަތް އައްޑޫ ސިޓީގެ އެއްވެސް އަވަށެއްގައި ނުބާއްވާ ގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ.
ބޮޑު ޖަމާއަތެއްގައި ނުބޭއްވި ނަމަވެސް އައްޑޫ ސިޓީގެ ހުކުރުކުރާ ހުރިހާ މިސްކިތެއްގައި މިއަހަރުގެ އަޟްހާ އީދު ނަމާދުކުރުން އޮންނާނެ ކަމަށް އެއިއުލާނުގައި ވަނީ ބުނެފައެވެ.
އޭގެ އިތުރުން އީދު ނަމާދަށް އަންނައިރު މާސްކް އަޅައިގެން މުސައްލަ ހިފައިގެން އީދު ނަމާދުގެ ޖަމާއަތަށް އައުމަށް ސަމާލުކަން ދިނުމަށް ވެސް ވަނީ އަންގާފައެވެ.
މާލެ ސަރަހައްދުގައި ވެސް ބޮޑު އީދު ނަމާދު، ބޮޑު ޖަމާއަތެއްގައި ނުކުރުމަށް ނިންމާފައެވެ. ބޮޑު އީދު ނަމާދު މާލޭގައި ކުރާނީ އިސްލާމީ މަރުކަޒާއި ހުކުރު މިސްކިތްތަކުގައި ކަމަށް އިސްލާމިކް މިނިސްޓްރީން ވަނި ބުނެފައެވެ.
ކޮވިޑް-19 އާއި ގުޅިގެން މާލޭގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރުން މެދުކަނޑާލުމަށް ފަހު އަލުން ހުއްދަ ދިނީ މި މަހުގެ އެއްވަނަ ދުވަހުއެވެ.
މިސްކިތްތަކުގައި ނަމާދު ކުރަން ހުއްދަ ދިން ނަމަވެސް ހުކުރު ކުރަން ހުއްދަ ދިނީ ދެ ހަފްތާ ފަހުންނެވެ. މިސްކިތްތައް އާންމުކޮށް ހުޅުވާލައިފައި ވާއިރު ގައިދުރުކަން ބަހައްޓައިގެން މިސްކިތަށް އަރާ ފޭބުމަށް ކަމާބެހޭ ފަރާތްތަކުން އިރުޝާދު ދެމުން ދިޔަ ނަމަވެސް، މިސްކިތަށް އަރާ ފޭބުމުގައާއި ޖަމާއަތަށް ސަފު ހެދުމުގައި ގައިދުރު ކަމެއް ނުބަހައްޓައެވެ. އަދި ދާދި ފަހުން ކޮވިޑަށް ޕޮޒިޓިވް ވި މީހަކު މާލޭގެ 3 މިސްކިތަކަށް އެރުމުގެ ސަބަބުން އެ މިސްކިތްތައް ވަގުތީ ގޮތުން ބަންދުކޮށް ޑިސްއިންފެކްޓް ކުރަން ޖެހިފައި ވެއެވެ.