ނުކުޅެދުންތެރިކަން ހުންނަ އުމުރުން 15 އަހަރުގެ އަންހެން ކުއްޖެއް ރޭޕްކޮށް، ބަލިވެއިން މައްސަލައާ ގުޅިގެން ތުހުމަތު ކުރެވޭ ފަރާތުގެ މައްޗަށް ދައުވާ އުފުލައިފިއެވެ.

ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ބުނީ މިމައްސަލާގައި ތުހުމަތު ކުރެވޭ ފީއަލި، ފީރޯޒްގެ އިބްރާހީމް ޝާފިއުގެ މައްޗަށް ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ހާއްސަ އުސޫލުތަކަަކަށް އަމަލުކުރުމުގެ ގާނޫނުގެ 9 ވަނަ މާއްދާގެ ދަށުން، އިތުބާރުކުރެވޭ މަގާމެއްގައިހުރެ ކުޑަކުއްޖަކާމެދު ޖިންސީ އަމަލު ހިންގުމުގެ ކުށުގެ ދައުވާ ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.

އޭނާގެ މައްޗަށަ ދައުވާ އުފުލާފައިވާއިރު، މިމަހު 4 ވަނަ ދުވަހު ޝަރީއަތުން ގޮތެއް ނިމެންދެން ބަންދުގައި ބެހެއްޓުމަށް އަމުރު ކުރީ، ފ. ނިލަންދޫ މެޖިސްޓްރޭޓް ކޯޓުން ވަނީ ނިންމާފައެވެ. އޭނާ ހައްޔަރުކުރީ ކޯޓު އަމުރެއްގެ ދަށުން 2020 ޖުލައި 2 ވަނަ ދުވަހުއެވެ.

މިމައްސަލައާ ގުޅިގެން ޝަފިއު ނިލަންދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން ވަނީ ތުހުމަތުކުރެވޭ މައްސަލައަކީ ކުޑަކުއްޖަކަށް ޖިންސީ ގޯނާކޮށް، ރޭޕްކުރި މައްސަލައަކަށްވާތީ، އޭނާ ދޫކޮށްލައިފި ނަމަ މިމައްސަލާގައި ހިމެނޭ ފަރާތްތަކަށް ނުފޫޒު ފޯރުވައި ހެކި ނައްތާލުމަށް މަސައްކަތްކޮށްފާނެ ކަމަށް ކޯޓަށް ބެލެވުނެވެ. އަދި އޭނާގެ ފަރާތުން މުޖުތަމައުއަށް ނުރައްކަލެއް ކުރިމަތި ވެދާނެކަމަށް ފެންނާތީ ތަހުގީގު ނިމެންދެން ކަސްޓޯޑިއަލް ޖަލެއްގައި ބެހެއްޓުމަށާއި މައްސަލައިގެ ޝަރީއަތުން ހުކުމެއް ނުވަތަ ޝަރީއަތުން ވަކިގޮތެއް ކަނޑައެޅެންދެން ރިމާންޑް ޖަލެއްގައި ބަންދުގައި ބެހެއްޓުމަށް ވަނީީ އަމުރުކޮށްފައެވެ.

މިމައްސަލައިގެ ތަހުގީގު ފުރިހަމަކޮށް ދައުވާ ކޮށްދިނުމަށް އެދި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށް ފުލުހުން ބުނެއެވެ.

ނުކުޅެދުންތެރިކަން ހުންނަ ކުދިންވެސް ހިމެނޭގޮތަށް ޗައިލްޑް އެބިއުސް އަދި އެކްސްޕްލޮއިޓޭޝަންގެ މައްސަލަތައް އިތުރުވަމުންދާ ކަމަށް ފާހަގަ ކުރެވޭތީ، މައިންބަފައިންނާއި ބެލެނިވެރިން މިހާރަށްވުރެ ބޮޑަށް ސަމާލުވުމަށް ފުލުހުން ވަނީ އިލްތިމާސް ކޮށްފައެވެ. އަދި ކުޑަކުދިންނާ ގުޅޭ މައްސަލަތައް މީޑިއާ ތަކުގައި ޝާއިއު ކުރާއިރު ކުޑަކުދިންގެ ކަރާމާތަށް އުނިކަން ނާންނަގޮތަށް އަމަލުކުރުމަށްވެސް އެ ސާވިސްއިން ވަނީ އިލްތިމާސްކޮށްފައެވެ.

މީގެ އިތުރުން ފުލުހުން ވަނީ މިފަދަ އެއްވެސް މައްސަލައެއްގެ މައުލޫމާތު ލިބިއްޖެނަމަ އެކަން ފުލުހުންގެ ފެމެލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަންގެ ފޯން 3000600 އަށް ނުވަތަ މިނިސްޓްރީ އޮފް ޖެންޑާ ފެމެލީ އެންޑް ސޯޝަލް ސާވިސަސްގެ ހިލޭ ގުޅޭ ނަމްބަރު 1412 އަށް ހުށަހެޅުއްވުމަށް އިލްތިމާސް ކޮށްފައެވެ.