ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ގެ ބަލިމަޑުކަމާއެކު ހުއްޓުމަކަށް އައިސްފައިވާ ވައިގެ އުދުހުންތަކުގެ ސިނާއަތް އަލުން ހިންގައި ގަތުމަށްޓަކައި، ކޮވިޑް-19އަށް ހާއްސަކޮށްގެން، މާލީ އިތުރު ބަދަލަކާ ނުލާ އިންޝުއަރަންސް ދޭ ފުރަތަމަ އެއާލައިންގެ ޝަރަފު، އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ)ގެ ގައުމީ އެއާލައިން އެމިރޭޓްސް އިން ހޯދައިފިއެވެ.

އެމިރޭޓްސް އިން ހުށަހަޅާފައިވާ ކޮވިޑް-19 އިންޝުއަރަންސް ޕެކޭޖު ފަރުމާ ކޮށްފައިވަނީ ދަތުރު މަތީގައި ފަސެންޖަރަކު އިންފެކްޓްވެއްޖެ ހިނދެއްގައި އެމީހެއްގެ ސިއްހީ ބޭސްފަރުވާއަށް ހިނގާ ހަރަދާ، ކަރަންޓީނު ވާންޖެހޭ ހޮޓާ ހަރަދުގެ އިތުރުން، އެ ބަލީގައި އެމީހަކު މަރުވެއްޖެނަމަ ޖަނާޒާގެ ކަންކަމަށް ހިނގާ ޚަރަދުވެސް އެއާލައިނުން ކަވަރު ކޮށްދޭ ގޮތަށެވެ.

އެމިރޭޓްސް ގްރޫޕުގެ ޗެއާމަން ޝައިހް އަހުމަދު ބިން ސައީދު އަލް މަޚްތޫމު ވިދާޅުވީ، ދުނިޔޭގެ އެކި ކަންކޮޅުތަކުން މަޑުމަޑުން ބޯޑަރުތައް އަލުން ހުޅުވަން ފަށާފައިވާއިރު، ދަތުރުފަތުރު ކުރުމަށްވެސް މީހުން އެދޭ ކަމަށެވެ. ނަމަވެސް، ދަތުރުފަތުރު ކުރުމުގައި ފްލެކްސިބިލިޓީއެއް އޮތުމާ، ބުނަން ނެނގޭ ދެރަކަމެއް ކުރިމަތިވެއްޖެނަމަ ކޮންމެވެސް ވަރެއްގެ ތަސައްލީއެއް ލިބޭނެ ކަމުގެ ޔަގީންކަމަކަށްވެސް ކަސްޓަމަރުން ބޭނުންވާކަމަށްވެސް އޭނާ ވަނީ ފާހަގަކުރައްވާފައެވެ.

އެމިރޭޓްސް އެއާލައިނުން ބުނީ ކޮވިޑް-19 އިންޝުއަރަންސް އޮފާއަކީ ކޮންމެ ފަސެންޖަރެއްގެ ދަތުރަށް ފަށާ ހިސާބުން 31 ދުވަހުގެ މުއްދަތަށް ދެމިގެންދާނެ އޮފާއެއް ކަމަށާ، މިއަހަރުގެ އޮކްޓޯބަރު މަހުގެ ނިޔަލަށް މި ސްކީމް ކުރިއަށްދާނެކަމަށެވެ. މިއީ ކޮންމެ ކުލާހެއްގެ ފަސެންޖަރުންނަށްވެސް ލިބޭނެ އޮފާއެއް ކަމަށާ، މި އިންޝުއަރަންސް އޮފާ ނެގުމަށް އެއްވެސް ހަރަދެއް އިތުރަށް ނުހިނގާނެ ކަމަށް އެމިރޭޓްސްއިން މައުލޫމާތުދެއެވެ. އަދި އިންޝުއަރަންސްއަކީ އޮޓަމެޓިކުން ލިބޭ އިންޝުއަރަންސްއެއް ކަމަށާ، ވަކިން ރެޖިސްޓްރީވާންވެސް ނުޖެހޭނެ ކަމަށް އެމިރޭޓްސްއިން ޚަބަރުދެއެވެ.

ކޮވިޑް-19 އިންޝުއަރަންސް ޕެކޭޖާ ބެހޭ އިތުރު ތަފްސީލު ދެމުން އެމިރޭޓްސް އިން ބުނީ މެޑިކަލް ހަރަދުގެ ގޮތުގައި ކޮންމެ ފަސެންޖަރަކަށްވެސް 176500 ޑޮލަރާ ހަމައަށް ހަރަދު ހަމަޖައްސާދެވޭނެ ކަމަށާ، 2 ހަފުތާގެ މުއްދަތަށް ދުވާލެއްގެ މައްޗަށް 100 ޕައުންޑްގެ މަގުން ކަރަންޓީނު ހޮޓަލުގެ ފީ ދައްކާ ދެވޭނެ ކަމަށެވެ. ކޮވިޑް-19 ގައި ފަސެންޖަރު މަރުވެއްޖެ ހާލެއްގައި، ޖަނާޒާއަށް 1500 ޕައުންޑު ހަމަޖައްސާދެވޭނެ ކަމަށްވެސް އެމިރޭޓްސްއިން ޚަބަރު ދެއެވެ.

ކޮވިޑް-19ގެ ބިރާއެކު މި އަހަރަކީ ވައިގެ އުދުހުންތަކުގެ ތާރީހު ދުށް އެންމެ ހީނަރު އަހަރެވެ. މިއަހަރު 84 ބިލިއަން ޑޮލަރުގެ ގެއްލުން، މުޅި ސިނާއަތަށް ވާނެ ކަމަށް، ކަމާބެހޭ ފަރާތްތަކުން ވަނީ ލަފާކޮށްފައެވެ. ޚަރަދުތައް ފޫބެއްދުމަށް ބޮޑެތި އެއާލައިންތަކުން މުވައްޒަފުން ވަކި ކުރުމުގެ މަސައްކަތް ފަށާފައިވާއިރު، އެމިރޭޓްސް އިންވެސް ވަނީ 9000 މުވައްޒަފުން ވަޒީފާއިން ވަކިކުރާނެކަން ހާމަކޮށްފައެވެ.