ދުނިޔޭގެ އެންމެ ނުފޫޒުގަދަ މަގާމުގެ ގޮތުގައި ސިފަކުރަމުން އަންނަ އެމެރިކާގެ ރައީސް ކަމުގެ މަގާމު، ކުރިއަށް އޮތް 4 އަހަރު ދުވަހަށް ކަށަވަރު ކުރާނެ ކެންޑިޑޭޓެއް އިންތިހާބު ކުރުމަށް ކުރިއަށް ގެންދާ ވޯޓަށް މިވަނީ 100 ދުވަހަށް ވެފައެވެ. މިހާތަނަށް ކުރިއަށް ގެންގޮސްފައިވާ ހިޔާލު ހޯދުމުގެ ސާވޭތަކާ ވޯޓުތަކަށް ބަލާއިރު، ކުރީގައި އޮތީ، ދެވަނަ ދައުރެއް ކަށަވަރު ކުރައްވަން ފައި ވިއްދަވައިގެން ހުންނެވި މިހާރުގެ ރައީސް ޑޮނާލްޑް ޓްރަމްޕާ ދެކޮޅަށް، އިދިކޮޅު ޑިމޮކްރަޓުންގެ ފަރާތުން ނިކުންނަވާ ކުރީގެ ނައިބު ރައީސް ޖޯ ބައިޑަންއެވެ.

އެމެރިކާގެ ރިޔާސީ އިންތިހާބުގެ ތާރީހަށް ނަޒަރު ހިންގާއިރު، ބައިޑަންއަކީ ހަމަ ޔަގީނުންވެސް އެންމެ މަގުބޫލު ކެންޑިޑޭޓަށް ވުމުގެ ފުރުސަތު ބޮޑެވެ. ނަމަވެސް ކުރިއަށް އޮތީ، ތާރީހު ނުދެކޭ ފަދަ އިންތިހާބެއް ކަމުން، ހަމަ ކޮންމެ ގޮތަކަށްވެސް ނަތީޖާ ބަދަލުވެދާނެކަން ގަބޫލު ކުރަންޖެހެއެވެ.

ވެރިކަމުގެ 2 ވަނަ ދައުރަކަށް ވާދަކުރައްވަމުން ގެންދަވާ އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕްގެ ކެމްޕޭން ޕޯސްޓަރެއް/ފޮޓޯ: ޑެލަސް މޯނިންގް ނިއުސް

އިންތިހާބާ އިގުތިސޯދާ ގުޅުމެއް ނެތް

ނިމެމުން މިދާ ޖުލައި މަހުގެ ކުރީ ކޮޅު ފޮކްސް ނިއުސްއިން ކުރިއަށް ގެންދިޔަ ހިޔާލު ހޯދުމުގެ ވޯޓަކަށް ބަލާއިރު އެމެރިކާގައި ވޯޓު ދިނުމުގެ ހައްގު އޮތް މީހުންގެ ތެރެއިން 29 އިންސައްތަ މީހުން ގަބޫލު ކުރާ ގޮތުގައި މިއަދު އެ ގައުމަށް ކުރިމަތިވެފައިވާ އެންމެ ބޮޑު މައްސަލައަކީ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ މައްސަލައެވެ. އެއީ އެންމެ ބޮޑު މައްސަލައަކީ އިގުތިސޯދީ މައްސަލައެއް ކަމަށް ބުނި 15 ޕަސެންޓް މީހުންނާ އަޅާ ބަލާއިރު ގާތްގަނޑަކަށް 2 ގުނަ އިތުރު އަދަދެކެވެ.

މާޒީއަށް ބަލާއިރު، އިގުތިސޯދާ ނުބެހި އިންތިހާބެއްގެ ނަތީޖާ ނެރެވިފައިވަނީ މަދު ފަހަރަކުއެވެ. އެއިން ކޮންމެ ފަހަރަކުވެސް، އެންމެ އިތުބާރު ބޮޑު ކެންޑިޑޭޓަކަށް ވީ، އިގުތިސޯދީ މައްސަލަތަކާ ވީހާވެސް ދުރުން ކެމްޕޭން ކުރެއްވި ކެންޑިޑޭޓްކަންވެސް ފާހަގަކުރަންޖެހެއެވެ.

އެމެރިކާގެ ކުރީގެ ނައިބު ރައީސް ޖޯ ބައިޑަން، ލޮސް އެންޖަލީސްގެ ކެމްޕޭން ރެލީއެއްގަ/ފައިލް ފޮޓޯ: މައިކް ބްލޭކް

މިފަހަރުގެ އިންތިހާބު ކަށަވަރު ކުރައްވާނެ ކެންޑިޑެއް ކަނޑައެޅުން ބަރޯސާވުން ގާތީ ކޮވިޑް-19ގެ ބަލިމަޑުކަން މެނޭޖުކުރެއްވޭނެ ކެންޑިޑޭޓަކަށެވެ. މިއީ ހަގީގަތް ކަމަށް ވަނީ ނަމަ، ޓްރަމްޕަށް އޮތް މައްސަލަތައް ފިސާރި ބޮޑެވެ. ނަމަވެސް، ކޮވިޑް-19ގެ ހާލަތު ނޮވެމްބަރަށް ބަދަލުވެއްޖެނަމަ، ޓްރަމްޕަށް އޮތް ފުރުސަތު އޮތްކަންވެސް ހަނދާނުގައި ބަހައްޓަންޖެހެއެވެ.

ޓްރަމްޕްގެ މަގުބޫލުކަން ދަށަށް

އެމެރިކާގެ ރައީސް ކަމުގެ މަގާމުން ޓްރަމްޕް ފެނުމަށް ގަބޫލުކަމަށް 40 ޕަސެންޓް މީހުން ބުނާއިރު، ގަބޫލު ނޫން ކަމަށް 55 ޕަސެންޓް މީހުން ވަނީ ބުނެފައެވެ. ގަބޫލު ނޫންކަމަށް 15 ޕޮއިންޓުގެ ފަރަގެއް ބުރަވެއެވެ.

1940 ވަނަ އަހަރުން ފެށިގެން އެމެރިކާގެ ރިޔާސީ އިންތިހާބުގެ ތާރީހަށް ބަލާއިރު، ވެރިކަމުގައި ހުންނެވި ބޭފުޅަކާ މެދު އާންމުންގެ މެދުގައި ގަބޫލުކަން ކުޑަވެއްޖެނަމަ ކުރިއަށް އޮތް އިންތިހާބު ކާމިޔާބު ކުރެއްވުނީތީ ފެނިފައެއް ނުވެއެވެ. އެންމެ ގާތުންވެސް ދިޔައީ 1948 ވަނަ އަހަރު ހެރީ ޓްރޫމަންއެވެ. ނަމަވެސް އެއީ 6 ޕޮއިންޓްގެ ފަރަގެއްކަން ހަނދާން ނައްތާލެވޭކަށް ނެތެވެ.

ޖޯޖް ފްލޮއިޑްގެ ޖަނާޒާގައި ކުރީގެ ނައިބު ރައީސް ޖޯ ބައިޑަން ހާއްސަ މެސެޖެއް ދެއްވަނީ/ފޮޓޯ: އެންބީސީނިއުސް

ވެރިކަމުގެ ދެވަނަ ދައުރެއް ކަށަވަރު ނުކުރެއްވުނު ޖެރަލްޑް ފޯޑް، ޖިމީ ކާޓާ އަދި ޖީޖް އެޗް ޑަބްލިއު ބުޝް ފަދަ ރައީސުންނަށް ބަލާއިރު، ޓްރަމްޕާ މާ ބޮޑު ތަފާތެއް ނެތެވެ. އެ ބޭފުޅުންނާ މެދު އެމެރިކާގެ ވޯޓަރުން ގަބޫލު ނޫން ކަމަށް ނިންމި ފަރަގު އުޅެނީ 13 ޕޮއިންޓްގައެވެ.

މިހާތަނަށް ކުރިއަށް ގެންދިޔަ ހިޔާލު ހޯދުމުގެ ސާވޭތަކާ ވޯޓުތަކަށް ބަލާއިރު 8-12 ޕޮއިންޓްގެ ލީޑެއްގައި އޮތީ ބައިޑަންއެވެ. އެހެން ނަމަވެސް ޓްރަމްޕަށް ހަނި ފުރުސަތެއް ނެތް ކަމަށް ދެންނެވޭކަށް ނެތެވެ.

2016 ގެ އިންތިހާބާ ބޮޑުތަނުން ތަފާތު

2016 ވަނަ އަހަރުގެ އިންތިހާބާ އަދުގެ ހާލަތަށް ބަލާއިރު، އޭރު ޓްރަމްޕާ ދެކޮޅަށް ނިކުންނެވިއިރު ހިލަރީ ހުންނެވި ސްޓޭންޑަށްވުރެ ބައިޑަންގެ ބާރުގަދަކަން ފާހަގަކުރަންޖެހެއެވެ. އޭރު ކްލިންޓަންއަށް ލީޑު ލިބެމުންދިޔައީ އެވަރޭޖުކޮށް 44 ޕަސެންޓްގައެވެ. ނަމަވެސް ބައިޑަންއަށް މި އެޑްވާންޓޭޖު އޮތީ 52 ޕަސެންޓްގައެވެ. މީގެ އިތުރުން ކްލިންޓަންއާއި އަޅާ ބަލާއިރު ބައިޑަންއަކީ ތެދުވެރި ޝަހްސެއް ކަމަށް ގިނަ ބަޔަކު ސިފަކުރެއެވެ.

އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް (ކ) އަދި ނައިބު ރައީސް މައިކް ޕެންސް/ފޮޓޯ: އެންވައިޕީ

ކަންމިހެން އޮތްއިރު، ބޭރުގެ ފަރާތްތަކުން މިފަހަރުގެ އިންތިހާބަށްވެސް ނުފޫޒު ފޯރުވާފާނެ ކަމުގެ އިންޒާރު، އެމެރިކާގެ ކަމާ ބެހޭ ފަރާތްތަކުން ވަނީ ދީފައެވެ. އެމެރިކާގެ ރިޔާސީ އިންތިހާބުގެ ވޯޓުލުން ކުރިއަށް ގެންދިއުމަށް ތާވަލުކޮށްފައިވަނީ މިއަހަރުގެ ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހަށެވެ.