އިގުތިސާދު ނަގާ ކޮޅަށް ޖެހުމުގެ ޒިންމާ ކޮންމެ ފަރުދެއްގެ ބޮލުގައި އެޅިފައިވާ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
އޭނާ އެހެން ވިދާޅުވެފައި ވަނީ އައްޑޫ ސިޓީ ހިތަދޫ އާއި ފުވައްމުލައް އަދި ހއ. އިހަވަންދޫގައި ސަރުކާރުން ތަރައްގީ ކުރި ކޮވިޑް-19 މެނޭޖްމަންޓް ފެސިލިޓީތައް ހުޅުއްވުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.
އެރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ޝާހިދު ވިދާޅުވީ ރާއްޖޭގެ އިގްތިސާދު ނަގާ ކޮޅަށް ޖެހުމުގެ ޒިންމާ ކޮންމެ ފަރުދެއްގެ ބޮލުގައި އެޅިފައިވާ ކަމަށާއި އެ ޒިންމާ ފުރިހަމައަށް އަދާނުކޮށް ރާއްޖޭގެ އިގްތިސާދު ރަނގަޅެއް ނުކުރެވޭނެ ކަމަށެވެ.
އޭގެ އިތުރުން މިނިސްޓަރު ވަނީ މި ކުރިމަތިލާ ގާއުމީ އީދުގައި ކޮންމެ ދިވެހި ރައްޔިތަކުވެސް ސިއްހީ ހިދުމަތްތެރިން ދޭ އިރުޝާދުތަކަށް ބޯލަބާ، މިފަސްގަނޑު މިބަލިން ސަލާމަތްކުރުމަށް އަތުގުޅާލާ އީދަކަށް ހެދުމަށް ގޮވާލާފައެވެ.
އެރަސްމިއްޔާތުގައި ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވެސް ވަނީ ވާހަކަ ދައްކަވާފައެވެ.
ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތް، މައިމޫނާ އަބޫބަކުރު އެރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ވިދާޅުވީ މީގެ ހަ މަސް ކުރިން ވުޖޫދުގައިވެސް ނެތް އެ ބައްޔަކީ އަހަރެއްހާ ދުވަސް ތެރޭގައި މުޅި ދުނިޔަށް ކުރިމަތިވި އެންމެ ބޮޑު ވަބާކަމަށެވެ.
އޭގެ އިތުރުން ދުނިޔޭގެ ނިސްބަތުގައި އެބައްޔަކުން ތިން ވަނަ އަށް އެންމެ ގިނަ މީހުން މަރުވާބަލި ކަމުގައި ތަފާސް ހިސާބަތަކުން ދައްކާ ކަމަށް ވެސް މައިމޫނާ ވަނީ ވިދާޅުވެފައެވެ. އަދި އެބަލީގައި މަރުވާ މީހުންގެ ރޭޓަށްބަލާއިރު، ކުޑަ ދުވަސްކޮޅަކުން އެދަރަޖަ އެއްވަނަ އަށް އެރުމަކީ ވަރަށް ގާތުގައި ވާކަމެއް ކަމަށް ވެސް މައިމޫނާ ވަނީ ވިދާޅުވެފައެވެ.
ވާޗުއަލްކޮށް ބޭއްވި އެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރު ޝާހިދު އެވެ.