މީލާދީ ސަނަތުން 1887 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 16 ވަނަ ދުވަހޭ ދެންނެވުމުން އަދުގެ ޖީލަށް އެއީ މާ ތާރީހީ ދުވަހަކަށް ނުވެދާނެއެވެ. ނަމަވެސް، އަދު ފާހަގަ ކުރަމުން މިދާ ދިވެހި މިނިވަންކަމުގެ މުނާސަބާގެ ހިޔަލުގައި ތިބެ، މާޒީއަށް ނަޒަރު ހިންގާއިރު، މިއީ ހިތަށް ދަތި ކުރަނިވި ދުވަހެކޭވެސް ދެންނެވިދާނެއެވެ. އާދޭހެވެ. އެއީ އޭރު ދުނިޔޭގެ އެންމެ ނުފޫޒުގަދަ ބާރުގެ ގޮތުގައި ގޮތް އިނގިރޭސިންގެ "ހިމާޔަތުގެ" ދަށަށް މި ދިވެހި މިނިވަން ފަސްގަނޑު ކުޑަކަކޫ ޖެހި ދުވަހެވެ.

ހިންދުކަނޑުގެ މެދުގައި އުތުރުން ހުޅަނގަށް ދަމާލާފައި އޮތް މުތުގެ ރަން ހާރެއް ފަދަ ދިވެހި ފަސްގަނޑު، އިސްތިއުމާރީ ބާރެއްގެ "ހިމާޔަތަށް" ދާންޖެހުނީ ކީއްވެތޯ، ގައުމު ދެކެ ލޯބިވާ ހަމަ ކޮންމެ ދަރިއެއްގެ ހިތުގައިމެ، ސުވާލު އުފެދޭނެކަން ކަށަވަރެވެ. ތާރީޚުގެ ހޯދުންތަކާ، މާޒީގެ ފަތްފުއްތަކުން ހިރަސްފުސް ފޮޅާލުމުން، ފެނިގެންދަނީ ލޮލުން ކަރުނައަޅަންޖެހޭ ވަރުގެ ވާހަކަތެކެކެވެ. އޭގެ ތެރެއިން، ބައެއް ވާހަކަތައް ހިއްސާކޮށްލެވޭތޯ ބަލަމާ ހިނގާށެވެ.

އެ ދުވަސްވަރަކީ ދިވެހި ރާއްޖޭގައިވެސް ވެރިކަމުގެ ދަހިވެތިކަމަށް ފެންބޮވައިގެންފައި ތިބި ބަޔަކު ނުބައި ރޭވުންތަކެއް ރާވަމުންދިޔަ ދުވަސްވަރެކެވެ. ވެރިކަމުގެ އަވާގައި އެކަމަށް "ތަޅާފޮޅަމުން" ދިޔައީ ކަމުވޮށިގެންވާ 2 އާއިލާއަކުންނެވެ. މި ކޯޅުންގަނޑު އެންމެ ގަދަވީ ކަކާގޭ އާއިލާގެ ބޭފުޅުންނާ، އަތިރީގެ ނުވަތަ ގަލޮޅު ގޭ ބޭބޭފުޅުންނާ ދެމެދުގައެވެ. ހަސަދަޔާ ނަފަރުތުގެ ތެރެއިން ކުރި ފަޅައިގެން ދިޔަ ވަރުގަދަ ހުޅުގަނޑާ، ގައުމުގެ އިގުތިސޯދީ ނާރެސް ބިދޭސީންގެ އަތް މައްޗަށް ދޫކޮށްލުންވީ، އިނގިރޭސިންގެ އިސްތިއުމާރީ "ހިމާޔަތު"ގެ މުށު ތެރެއަށް ރާއްޖެ ދާންޖެހުނު އެންމެ ބޮޑު ސަބަބުތަކަށެވެ.

ވެރިކަމަށް އާއިލާތަކަކުން ފެންބޮވައިގަތުން

އިނގިރޭސިން އޭރުވެސް ދިޔައީ ރާއްޖެއަށް ފާރުވެރިވަމުންނެވެ. އިސްތިއުމާރީ ބާރެއްގެ ގޮތުގައި ދުނިޔޭގެ އެކި މަންޒިލްތައް ފަތަހަ ކުރަމުންދިޔައިރު، އެކަމުގެ ކުލަވަރުތައް ރާއްޖެއަށްވެސް ފެންނަމުންދިޔައެވެ. ދިވެހިރާއްޖޭގެ ތާރީޚާ ގުޅޭ ގިނަ ދިރާސާތަކެއް ހައްދަވާފައިވާ އަދުގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދު، އޭނާގެ މަޝްހޫރު ފޮތް "ދަގަނޑު ދަހަނާ" ގައި ބަޔާން ކުރައްވާފައިވާ ގޮތުގައި، އިނގިރޭސި ކޮލޯނިއަލް ސިޔާސަތުގެ ކުލަވަރުތައް ރާއްޖެއަށް ފެންނަން ފެށީ މީލާދީން 1835 ވަނަ އަހަރު، ބޮމްބޭ ސަރުކާރުގެ ސިޓީއަކާއެކު މާލެއާއި ކޮމާންޑަރު މޯޒްބީގެ ހަރަކާތްތަކާއެކުގައެވެ. މޯޒްބީ ރާއްޖެ އައި ކަމަށްވަނީ ދިވެހި ކަނޑުތަކުގެ ސާވޭއެއް ކުރުމަށެވެ. ދުނިޔޭގެ ޗާޓުގައި ރާއްޖެ ހިމެނުމުގެ ދަޅަ ދައްކަމުންނެވެ. ނަމަވެސް ހަގީގީ މަގުސަދަކީ ވިޔަފާރީގެ ފައިދާއެއް ހާސިލުކުރުންކަން، ފަހުން ކަން ވެގެންދިޔަ ގޮތުން ސާފުވެއެވެ.

ކަންމިހެން އޮތްއިރު، ރާއްޖޭގެ މަސްރަހާ ތޮޅުލުމަކީ އިނގިރޭސިންނަށް މާ ފަސޭހަ ކަމަކަށް ނުވިއެވެ. ރާއްޖޭގައި އެމީހުންގެ އޭޖެންޓެއް ބަހައްޓަން ޖެހިއްޖެއެވެ. އެގޮތުން މުއީނުއްދީން ރަދުންނާ ޖަގަޑާ ހަދާ ގައުމު ދޫކޮށް ދިޔަ ދޮން އަހުމަދު ދީދީއާއި އިނގިރޭސިން ގުޅުން ބަދަހިކުރިއެވެ. މި ދަންނަވާ ދޮން އަހުމަދު ދީދީއަކީ، އޭރު ގައުމުގައި ހުންނެވި ރަދުން އަވަހާރަވުމުން ދެން އެ މަގާމަށް އިސްކުރެވުނު މުސްކުޅި ބަންޑާރައިންގެ ވެރިކަމުގައި ބޮޑުވަޒީރު ކަމަށް އިސްކުރެވުނު ދޮން އަހުމަދު ދީދީއެވެ. ނަތީޖާއަކަށްވީ ޗާޓު ކުރެހުމަށް ކުރިން ދޫ ނުކޮށް އޮތް ހުއްދަ، އިނގިރޭސިންގެ އަތަށް އެރުމެވެ. ތާރީހުގެ ފަތްފުތަކާ ހަވާލާދޭނަމަ، އިނގިރޭސިން ރާއްޖެއަށް އަތްގަދަ ކުރަން ފެށީ، އޭގެ ފަހުން، ރާއްޖޭގައި ބޯޓު ދެލި ނަގާ ސްޓޭޝަނެއް ހެދުމުގެ ނަމުގައި ކަމަށްވެސް ދެންނެވިދާނެއެވެ.

ދޭސީ އިގުތިސޯދު ބިދޭސީންނަށް

ދިވެހި ތާރީޚުގެ ގިނަ ވާހަކަތަކެއް އެއްތަނަކުން ބަލާލަން ލިބޭ އެއް މަސްދަރު ކަމަށް ވާ "އިއްޔެ" މަޖައްލާގައި، އަބްދުލް ޙަކީމް ހުސައިން މަނިކު ލިޔުއްވާފައިވާ ގޮތުގައި ވޯރާ ވިޔަފާރިވެރިން ރާއްޖެ ގެނެސް، ވަޒަންވެރިކޮށް، ވިޔަފާރިއަށް މަގު ތަނަވަސްކޮށްދިނީ ކަކާގޭ އަލީ ރަންނަބަނޑޭރި ކިލެގެފާނެވެ. މިކަން ކޮށްފައިވަނީ ހަސަދައިގެ ދިލާގައި ކަމަށްވެސް ބުނެވިދާނެއެވެ. އެހެނީ، ގަލޮޅުގޭ އަލީ ދޮށިމޭނާ ކިލެގެފާނުގެ ވިޔަފާރި ބަނގުރޫޓުކޮށް، ވޯރާއިން މަގުފަހި ކޮށްދިނުމެވެ. މިއީވެސް ވެރިކަމަށް ފެންބޮވައިގެންފައި އޮތް އޮތުމުގެ ސަބަބުން އުފަންވި ހަސަދައެއް ކަމަށް ދެންނެވިދާނެއެވެ. ނަތީޖާއަކަށްވީ މީލާދީޏް 1857 ވަނަ އަހަރު ރާއްޖޭގެ ވިޔަފާރީގައި ވޯރާއިން ނުފޫޒު ގަދަވެގެން ދާން ފެށި ފެށުމެވެ.

އޭރުވެސް ވެރިކަމަށް ތަޅާފޮޅުންތައް ދިޔައީ ކުރިއަށެވެ. ސިއްރާ ފާޅުގައި އެކަން އޮތެވެ. އޭރު ނުފޫޒު ގަދަވަމުން ދިޔައީ އިދކޮޅު ޕާޓީ ލީޑަރަށެވެ. އޭނާއަށް ހަވަރު ކިޔަމަންވިއެވެ. އެހާމެ ފަސޭހަކަމާއެކު ދިވެހި ވެރިކަންވެސް ބަދަލުކޮށްލިއެވެ. ނޫރައްދީން ރަދުން ވަކި ކުރައްވާ، މުއީނުއްދީން ރަދުން އިސްކުރެވުނެވެ. އިބުރާހީމް ދީދީ ބޮޑުވަޒީރަށް ވިއެވެ.

މިކަން މާ ގިނަ ދުވަހު ދިގުލާ އޮންނަ ގޮތެއް ނުވެ، އަނެއްކާވެސް ކަކާގޭ އާއިލާ ގަދަވެއްޖެއެވެ. ބޮޑުވަޒީރު ކަމުން އިބްރާހީމް ދީދީ ވަކި ކުރެވުމާއެކު، ރަސްކަން ބަދަލު ކުރުމުގެ މަސައްކަތް ފެށިއެވެ. ނަމަވެސް އޭރު އިބްރާހީމް ދީދީއަށް ހުރެވުނީ ބަސްނުވިކޭ އޮޑިއެއްގެ ދިރުނބާ ކޮޅުގައި ފަދައެވެ. ހަވަރުގެ ރުހެމެއް ނެތެވެ. އެކަމަކު، ކޮންމެ ގޮތަކުންވެސް ވެރިކަން ބޭނުންވެ، ދިވެހި ތާރީހު ދުށް "ބޮޑު ހުޅު"ގެ ހުޅުގަނޑު ފަޅައިގެންދިޔައެވެ.

ބޮޑު ހުޅުގެ އަނދިރި ދުންގަނޑު

މީލާދީން 1886 ވަނަ އަހަރު، މާލޭގައި ހިންގި ބޮޑު ހުޅުގެ ޖަރީމާއަކީ މި ފަސްގަނޑުގައި ދިވެހިންގެ އަތުން ހިންގި އެންމެ ލާއިންސާނީ ޖަރީމާއޭވެސް ދެންނެވިދާނެއެވެ. ފަންޑިތައާއި ސިހުރު ހާހޫރައިގެ ކުޅިގަނޑުވެސް މިކަމުގެ ތެރެއިން އައެވެ. މިކަމުގެ ތަފްސީލަށް ދާކަށް ނެތީމެވެ. އަމާން ކަމުގެ ވެއްޓެއްގައި އޮތް މާލެ، ނާމާންކޮށްލިއެވެ. ހުޅުޖަހާ، މާލާ ޖާނަށް ގެއްލުންދެމުން ދިޔައެވެ. އެކަން ކުރަމުން ދިޔަ ބަޔަކު ހޯދަން ބޮޑު ތަކުލީފުތަކެއް އުފުލަމުން ދަނިކޮށް، އެކަކު އޮބައިގަނެވުނެވެ. އަދި މިކަމެއް ހިނގި ގޮތް ސާފުވެގެން ދިޔައެވެ.

އިނގިރޭސިންގެ މުށުތެރެއަށް

ރާއްޖޭގައި ބޯޓު ދެލި ނަގާ ސްޓޭޝަނެއް ހެދުމުގެ ޝައުގުވެރިކަން އިނގިރޭސިން ފާޅު ކުރުމުން، އެކަމަށް ރުހުން ދެވެން ނެތްކަމަށް ރަދުން ވިދާޅުވީ މެސެޖު އިނގިރޭސިންނަށް ފޯރުކޮށްދިނުމުގެ ޒިންމާއާއި މަތި ކުރެވުނީ އިބްރާހީމް ދީދީއާއެވެ. ނަމަވެސް އޭނާއާއި އިނގިރޭސިންނާ ދެމެދު އޮތީ ގާތް ގުޅުމެކެވެ. އިނގިރޭސިންނަށް އޭނާ ގޮތް ދޫކުރިއެވެ. މި ދޭތެރެއިން ރާއްޖޭގެ ވެރިކަން ބަދަލުވެ، އިނގިރޭސިންގެ ލަފާ އަރުވާ ޓީމަކުން ރާއްޖެއައިސް، އިނގިރޭސިންގެ ހިމާޔަތުގެ ދަށަށް ދިއުމަށް ލަފާ އަރުވަމުންދިޔައެވެ.

ތާރީހީ ބައެއް ލިޔެކިއުންތަކަށް ބަލާއިރު، އިނގިރޭސިންގެ ހިމާޔަތުގެ ދަށަށް ރާއްޖެ ގެންދަން އިނގިރޭސިންގެ ބޮލަށް ވަންނަމުން ދިޔައީ އިބްރާހީމް ދޮށިމޭނާކިލެގެފާނެވެ. މިކަމުގައި ދިވެހިންނަށް ފައިދާތަކެއް އޮތްކަން ރަދުންނަށްވެސް ވިސްނައިދެމުން ދިޔައީ އިނގިރޭސީންނެވެ. އަދި އެކަމަށް ބާރުދޭ ސިޓީއެއްގައި ރަދުން ލައްވާ ސޮއިކުރުމަށް އެކި ފަހަރު މަތިން މަސައްކަތްކޮށް، އެންމެ ފަހުން މަޖުބޫރުން ސިއްކަ ޖައްސަވާ، އިނގިރޭސިންގެ "ހިމާޔަތުގެ" އަތް ދަށަށް ރާއްޖެ ގެންދިޔައީއެވެ.

ދިވެހި ތާރީހުގެ އަނދިރިކަމާ ބަނަކަމުގެ ވިލާގަނޑުން ހިޔަނި އެޅިފައިވާ ކޮންމެ ސޮފުހާއެއް އެއްކޮޅުން އަނެއް ކޮޅަށް ކިޔާލުމުން އިއްތިފާގުވާންޖެހޭ ކަމެއް އޮވެއެވެ. އެއީ ހާރިޖީ ބާރެއްގެ ދަށަށް، ދިވެހި ފަސްގަނޑު ދޫކޮށްލުމުގައި، ދިވެހި އަތްތަކެއް އެކަމުގައި އޮންނަ ކަމެވެ. އިނގިރޭސިންގެ "ހިމާޔަތުގެ" އުނދަގަށް، ދިވެހިން އެރުވީވެސް އެފަދަ ގޮތަކަށްކަން އެއޮތީ ސާފުވާށެވެ. ޚުލާސާ ގޮތެއްގައި ދަންނަވަނީނަމަ، ރާއްޖޭގެ ފުރިހަމަ މިނިވަންކަން އިނގިރޭސިންގެ ދަށަށް ދިޔައީ، އޭރު ބާރުގަދަކޮށް އޮތް ކަކާގޭ އާއިލާގެ ބާރު ކަނޑުވާލާ، އަތިރީގޭން ވެރިކަމަށް އައުމަށް ކުރި މަސައްކަތުންނޭވެސް ތާރީހު ބުނެއެވެ. ފަހަރެއްގައިވެސް އެއީ ދިވެހި އަގުލަބިއްޔަތުގެ ނިންމުމެއް ނޫނެވެ. ވެރިކަމުގެ ދަހިވެތިކަން އަދައިގެން ހިންގި ޕްރޮޕަގަންޑާއަކުން ކަމީ ހާމަވާން އޮތް ބޮޑު ސިއްރެވެ.