ޝަރުއީ އުސޫލުތަކާ ހިލާފަށް ކޯޓުން ބޭރުގައި އުމުރުން 17 އަހަރުގެ ކުއްޖަކާ ކައިވެނި ކޮށްގެން ކަމަށް ނިންމާ އެކުއްޖާ ރޭޕް ކުރި ހއ.ފިއްލަދޫ / ޝޭޑޯޒް، އަހުމަދު އައްޠަފްގެ މައްޗަށް ދައުލަތުން ދައުވާއެއް ކޯޓަށް ހުށަހަޅައިފިއެވެ.

ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ބުނީ އުމުރުން 17 އަހަރުގެ އަންހެންކުއްޖަކު ރޭޕްކުރި މައްސަލާގައި އަޙްމަދު އައްޠަފްގެ މައްޗަށް ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ގަސްތުގައި އަތްލުމުގެ ކުށުގެ ދައުވާ ކުރުމަށް މ.ކޮޅުފުށި މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.

އެ މައްސަލައާ ގުޅިގެން މިމަހުގެ 4 ވަނަ ދުވަހު އައްޠަފް މުލި މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން ވަނީ ތުހުމަތުކުރެވޭ މައްސަލައަކީ ޝަރުއީ އުސޫލުތަކާ ހިލާފަށް ކޯޓުން ބޭރުގައި އުމުރުން 18 އަހަރު ނުވާ ކުއްޖަކާ ކައިވެނިކޮށް، ޖިންސީ ގޯނާ ކުރުމުގެ ސަބަބުން ކުއްޖާ ބަލިވެއިން މައްސަލައަކަށްވަތީ، އޭނާ ދޫކޮށްލައިފިނަމަ ހެކިބަސްދޭން ތިބި މީހުންނަށް ނުފޫޒު ފޯރުވައި ހެކި ނައްތާލައިފާނެ ކަމަށް ބެލެވޭތީ މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި، ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައެވެ.

އަދި އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް މ.މުލީ މެޖިސްޓްރޭޓް ކޯޓަށް ގެންދިޔުމުން ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް މިމަހުގެ 5 ވަނަ ދުވަހު ވަނީ އަމުރު ކޮށްފައެވެ.

ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ޤަސްދުގައި އަތްލުމުގެ ކުށުގެ އަދަބަކީ 10 އަހަރާއި 14 އަހަރާއި ދެމެދުގެ މުއްދަތަކަށް ޖަލަށް ލުން ކަމަށް ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންނާއި މެދު ހާއްސަ އުސޫލަކުން އަމަލު ކުރުމުގެ ގާނޫނުގައި ބުނެފައި ވެއެވެ

ޗައިލްޑް އެކްސްޕްލޮއިޓޭޝަންގެ އިތުރުން ކުޑަކުދިން އެބިއުސް ކުރުމުގެ މައްސަލަތައް އިތުރުވަމުންދާކަމަށް ފާހަގަ ކުރެވޭތީ، މައިންބަފައިންނާއި ބެލެނިވެރިން މިހާރަށްވުރެ ބޮޑަށް ސަމާލުވުމަށްވެސް ފުލުހުން އިލްތިމާސް ކުރެއެވެ.