ޖިންސީ ފުރައްސާރައިގެ ތުހުމަތުތައް ތަހުގީގުކޮށް ބަލައިދިނުމަށް އަމިއްލައަށް ފުލުހުގައި އެދުނު ކަމަށް ފިޝަރީޒް މިނިސްޓްރީގެ ޑިރެކްޓާ ކޮމިއުނިކޭޝަންގެ މަގާމުގައި ހުންނެވި އަހުމަދު ފަޒީލް ވިދާޅުވެއްޖެއެވެ.

ފަޒީލް ވިދާޅުވީ، ސޯޝަލް މީޑިއާގައި އޭނައާމެދު ކުރެވުނު ތުހުމަތުތައް ތަހުގީގުކޮށް ބަލައިދިނުމަށް އެދި، މިދިޔަ އަންގާރަ ދުވަހު މޯލްޑިވްސް ޕޮލިސް ސާވިސްގައި އޭނާ އަމިއްލައަށް އެދިފައިވާނެ ކަމަށެވެ. އަދި އޭނާގެ އުމުރުން 17 އަހަރުގައި ކުރިކަމަށް ބުނާ ކުށުގެ ތުހުމަތަށް އިންކާރުކުރައްވާ ކަމަށް ވެސް ފަޒީލް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، އެ މައްސަލަ ފުލުސް އޮފީހަށް ހުށަހަޅާ ތަހުގީގު ކުރިކަމެއް އެނގިފައި ނުވާ ކަމަށެވެ. އަދި ތުހުމަތުގައިވާ ގޮތަށް ސިޔާސީ ނުފޫޒެއް ބޭނުންކުރަން، އޭރު އޭނާއަކީ ސިޔާސީ ކަމެއްގައި އުޅުނު މީހެއް ނޫން ކަމަށް ވެސް ފަޒީލް ވިދާޅުވިއެވެ. އެ މައްސަލާގައި، އޭނާގެ ފަރާތުން އެއްބާރުލުން ދޭނެކަމުގެ ޔަގީންކަން އަރުވަމުން ފަޒީލް ވަނީ ދެން އޭނާގެ ފުށުން އެފަދަ ކަމެއް ނުހިނގާނެ ކަމަށ އެއިންކަމެއް ވިޔަނުދިނުމަށް އަޒުމް ކަނޑައަޅައިގެން ހުރި ކަމަށް ބުނެފައެވެ.

ފަޒީލް ވަނީ އޭނާގެ ފަރާތުން އުނދަގުލެއް ނުވަތަ ނުތަނަވަސް ކަމެއް ލިބިފައިވާ ފަރާތެއް ހުރެދާނެ ކަމަށްޓަކައި އެފަރާތެއްގެ ކިބައިން މައަފަށް އެދިފައެވެ. އަދި އެފަދަ ފަރާތެއް ވާނަމަ ކަމާބެހޭ ފަރާތްތަކަށް އެކަން ހުށަހަޅުމަށް ވެސް އޭނާ ވަނީ އެދިފައެވެ.

ޖިންސީ ފުރައްސާރައިގެ މައްސަލަ އަމިއްލައަށް ފުލުހަށް ހުށަހެޅި ކަމަށް ފަޒީލް ވިދާޅުވެފައިވާއިރު، އެމްއާރްއެމްގެ ސްލޮޓެއްގައި ފިޝަރީޒް މިނިސްޓްރީގެ މަގާމެއްގައި ހުރެ އޭނާއަށް ޖިންސީ ފުރައްސާރައިގެ ތުހުމަތުތަކެއް ކުރެވިފައިވާތީ އެ މައްސަލަ ބަލައި ނިމެންދެން އޭނާ މަސައްކަތުން އެކަހެރި ކޮށްދިނުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އަރިހުން އެ ޕާޓީން ވަނީ އެދިފައެވެ. އެ ޕަޓީން މިފަދައިން އެދުނީ މިދިޔަ އާދިއްތަ ދުވަހެވެ. އެމްއާރްއެމްގެ އެދުމާއެކު، ހޯމަ ދުވަހު އޭނާ ވަނީ ސަސްޕެންޑްކޮށްފައެވެ.

އަދި އިއްޔެ އެމްއާރްއެމުން ވަނީ، ފަޒީލްގެ މައްޗަށް ކުރެވިފައިވާ ޖިންސީ ފުރައްސާރައިގެ މައްސަލައާ ގުޅިގެން ޖެންޑާ މިނިސްޓްރު އައިޝަތު މުހައްމަދު ދީދީ އާއި ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދަށް ސިޓީއެއް ފޮނުވާފައެވެ. އަދި އެމްއާރްއެމްގެ ފަރާތުން ވަނީ އެ މައްސަލަ ބަލާ ދިނުމަށް ކަމާ ބެހޭ ފަރާތްތަކުގައި އެދިފައެވެ.

ފަޒީލްގެ ފަރާތުން ޖިންސީ ފުރައްސާރަ ލިބުނު އަންހެނުން އަންނަނީ ސޯޝަލް މީޑިއާގައި އެކަން ހިއްސާކުރަމުންނެވެ. އެގޮތުން ފަޒީލަށް ރޭޕްގެ ތުހުމަތާއި 18 އަހަރު ނުފުރޭ ކުދިންނަށް ބަދުއަހުލާގީ ފޮޓޯ އާއި ވީޑިއޯ ފޮނުވުން ފަދަ ބޮޑެތި ތުހުމަތުތައް އޭނާގެ މައްޗަށް އަންނަނީ ކުރެވެމުންނެވެ.