ދުނިޔޭގައި މިވަގުތު ހުރި އެންމެ މުއްސަނދި މަހުޖަނުންގެ ލިސްޓުގެ އެންމެ ކުރިން ޖާގަ ހޯދަމުން އަންނަ އެމެޒޯން ކުންފުނީގެ ބާނީ ޖެފް ބޭޒޯސްގެ މިލްކިއްޔާތަށް 1 ދުވަހުގެ ތެރޭގައި 10 ބިލިއަން ޑޮލަރު އިތުރުވެއްޖެއެވެ.

ބޭޒޯސްގެ މިލްކިއްޔާތަށް 1 ދުވަހުގެ ތެރޭގައި 10 ބިލިއަން ޑޮލަރު އިތުރުވެފައި މިވަނީ، އޭނާގެ ކުންފުނީގެ ހިއްސާގެ ވިޔަފާރިއަށް އައި 8 ޕަސެންޓްގެ ކުރިއެރުމާއެކުގައެވެ.

ބޮޑު ތަފާތަކުން ދުނިޔޭގެ އެންމެ މުއްސަނދި މަހުޖަނުގެ ގޮތުގައި މިވަގުތު ހުރި ބޭޒޯސްގެ މިލްކިއްޔާތުގެ އަގު، މިހާރު އުޅެނީ ގާތްގަނޑަކަށް 189.3 ބިލިއަން ޑޮލަރުގައި ކަމަށް ބެލެވެއެވެ.

މިއަހަރު ތެރޭގައި އެމެޒޯން ކުންފުނީގެ ހިއްސާގެ ވިޔަފާރީގެ އަގުތައް 70 ޕަސެންޓް އިތުރުވެފައިވާއިރު، މި މުއްދަތުގައި އޭނާގެ މިލްކިއްޔާތަށް 74 ބިލިއަން ޑޮލަރު ޖަމާވި ކަމަށް ބްލޫމްބާގްގެ ރެކޯޑްތަކުން ދައްކައެވެ.

1 ދުވަހުގެ ތެރޭގައި ބޭޒޯސްގެ މިލްކިއްޔާތަށް އިތުރުވި ފައިސާގެ އަދަދަކީ، ބްލޫމްބާގްގެ ތާރީހުގައިވެސް މަހުޖަނެއްގެ މިލްކިއްޔާތަށް 24 ގަޑިއިރުގެ ތެރޭގައި ޖަމާވި އެންމެ ބޮޑު އަދަދެވެ.

ބޭޒޯސްގެ އެމެޒޯން ކުންފުންޏަކީ، މިއަދު ދުނިޔެއަށް ކުރިމަތިލާންޖެހިފައިވާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމުގައި ކުރިއެރި މަދު ކުންފުނިތަކުގެ ތެރޭގައި ހިމެނޭ އެއް ކުންފުންޏެވެ. ކޮވިޑް-19 ބަލިމަޑުކަމާއެކު އެމެޒޯން ކުންފުނީގެ ވިޔަފާރި އިތުރަށް ކުރިއަރައިގެން ދިޔަ އެއް ސަބަބަކީ، އާންމުންގެ ތެރެއަށް ނިކުމެ، ފިހާރަތަކަށް ގޮސްގެން ވިޔަފާރި ކުރުމުގެ ބަދަލުގައި އޮންލައިން ޕްލެޓްފޯމްތައް މެދުވެރިކޮށް އެއްޗިހި ގަތުމަށް ހިޔާރު ކުރާ މީހުންގެ އަދަދު އިތުރުވަމުން ދިއުމެވެ.

1990ގެ އަހަރުތަކުގައި ގަރާޖެއްގެ ތެރެއިން ފެށި އާދައިގެ ވިޔަފާރިއެއް މިއަދު މުޅި ދުނިޔެއަށް ފުޅާވެފައިވާއިރު، ބޭޒޯސްގެ ޒާތީ މިލްކިއްޔާތުގެ އަގު، ބޮޑެތި މަލްޓިނޭޝަނަލް ކުންފުނިތަކުގެ އަގަށްވުރެ ބޮޑެވެ. އަދި ގްރީސް ފަދަ ގައުމުތަކުގެ ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތާ އަޅާ ބަލާއިރު، ބޭޒޯސްގެ މިލްކިއްޔާތުގައި މަދީ ކުޑަ މިންވަރެއް ކަންވެސް ފާހަގަކުރަންޖެހެއެވެ.