ޔޫކްރައިންގެ ލޫޓްސްކްގައި އިއްޔެ ހިންގި ރަހީނުކުރުމުގެ ހާދިސާގައި ހަރަކާތްތެރިވި ހަތިޔާރުއެޅި މީހާގެ ޑިމާންޑަކަށް، ޔޫކްރައިންގެ ރައީސް ވްލޯޑޮމީރް ޒެލެންސްކީ ކިޔަމަންވެވަޑައިގެން، އެ ނުތަނަވަސް ހާލަތު ނިމުމަކަށް ގެންނަވައިފިއެވެ.

ބަހެއްގައި 10 މީހުން ރަހީނުކޮށްގެން ހުރި ހަތިޔާރުއެޅި މީހާގެ ޑިމާންޑަށް ރައީސް ކިޔަމަންވެވަޑައިގަތުމުގެ ގޮތުން ރައީސް ޒެލެންސްކީވަނީ ވީޑިއޯއެއް ޕޯސްޓްކުރައްވާފައެވެ. އެ ވީޑީއޯގައި ރައީސް ވިދާޅުވީ، "ހުރިހާ އެންމެންވެސް، 2005 ވަނަ އަހަރުގެ ފިލްމް 'އާތްލިންގްސް ބަލަންޖެހޭނެ" ކަމަށެވެ.

މިއީ އިންސާނީ ހައްގުތަކާ ގުޅޭ، ހޮލީވުޑްގެ ޑޮކިއުމަންޓްރީ ފިލްމެކެވެ.

މިހާދިސާގައި ރަހީނުކުރުމުގެ ޝިކާރައަކަށްވި 10 މީހުންނަށްވެސް އެއްވެސް އަނިޔާއެއް ނުލިބި، ސަލާމަތް ކުރެވިފައިވާކަމަށް ޚަބަރު ލިބެއެވެ.

މިއާއެކު ރައީސް ޒެލެންސްކީވަނީ، ފިލްމު ބަލަން ވިދާޅުވެ ކުރެއްވި ޕޯސްޓް ޑިލީޓްކޮށްލައްވާފައެވެ.

މި އަމަލު ހިންގާފައިވަނީ އުމުރުން 44 އަހަރުގެ މަކްސީމް ކްރިފޯޝް ނަމަކަށް ކިއާ މީހެއް ކަމަށާ، އެމީހަކީ މީގެ ކުރިންވެސް އެކި ކަހަލަ މައްސަލަތަކުގައި ދައުވާތަކެއް އަމާޒުވާ މީހެއް ކަމަށް މައުލޫމާތު ލިބެއެވެ.

އޭނާގެ އިއްޔެގެ ޖަރީމާގައި އެންމެ ފުރަތަމަ ރަހީނުންގެ ގޮތުގައި 13 މީހުން ގެންގުޅެނެވެ. ނަމަވެސް ރައީސް ޒެލެންސްކީއާއި ވާހަކަދެއްކި ވާހަކަތަކަކަށްފަހު 3 މީހަކު މިނިވަން ކުރިއެވެ.

ގަވައިދާ ހިލާފަށް ހަތިޔާރު ގެންގުޅުމާ، މަކާރާ ހީލަތް ހެދުމުގެ މައްސަލަތަކުގައި މަކްސީމް ކްރިފޯޝް މީގެ ކުރިންވެސް ވަނީ 10 ވަރަކަށް އަހަރު ޖަލުގައި ހޭދަކޮށްފައެވެ.