އިންޑިއާގެ ވެރިކަން ކުރާ ރަށް، ނިއު ދިއްލީގެ ރަށްވެހިންގެ ތެރެއިން، ގާތްގަނޑަކަށް ކޮންމެ 4 މީހަކު 1 އަކީ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އަށް ހުށަހެޅިފައިވާ މީހެއް ކަމަށް، މިހާތަނަށް ކުރިއަށް ގެންދިޔަ ރެންޑަމް އެންޓިބޮޑީ ސާމްޕަލިންގް ޓެސްޓުތަކުގެ ނަތީޖާ ދައްކައިފިއެވެ.
އިންޑިއާ ސަރުކާރުން ކުރިއަށް ގެންދިޔަ މި ސާވޭގެ ނަތީޖާ ބުނާ ގޮތުގައި، ސާމްޕަލްއަށް ނެގި 21387 މީހުންގެ ތެރެއިން 23.48 ޕަސެންޓް މީހުންގެ ހަށިގަނޑުން ކޮވިޑް-19ގެ އެންޓިބޮޑީޒް ވަނީ ފެނިފައެވެ.
މީގެ މާނައަކީ، ބަލިޖެހުނުކަން ކަށަވަރުވެފައިވާ ކޭސްތައް ހިމަނައިގެން އެކުލަވާލާފައިވާ ތަފާސް ހިސާބުތަކުން ބަޔާންކުރާ މިންވަރަށް ވުރެ ފުޅާކޮށް، ދިއްލީގައި ކޮވިޑް-19ގެ ބަލިމަޑުކަން ފެތުރިފައިވާކަމެވެ.
ރަސްމީ ރެކޯޑް ތަކަށް ބަލާއިރު ދިއްލީއިން ރިޕޯޓްކޮށްފައިވަނީ 123747 ކޭހެވެ. މިއީ 19.8 މިލިއަން މީހުންގެ އާބާދީއަކަށް ބަލާއިރު އެންމެ 1 ޕަސެންޓަށްވުރެ ދަށް އަދަދެކެވެ. 23.44 ޕަސެންޓަށް ބަލާނަމަ، އެ ވަރުގެ ސިޓީއެއްގައި 4.65 މިލިއަން ކޭސް ކަމަށް ބެލެވިދާނެއެވެ. އިންޑިއާ ސަރުކާރުން އާންމު ކުރި ޕްރެސް ރިލީޒްއެއްގައި ބުނެފައިވަނީ، މި ފަރަގު އަންގައިދެނީ އިންފެކްޓްވެފައިވާ ގިނަ މީހުންނަކީ އެސިމްޓޮމެޓިކް މީހުން ކަމެވެ.
ކަންމިހެން އޮތްއިރު، 23.48 ޕަސެންޓްއަކީވެސް ދިއްލީއަށް ބަލާއިރު ދަށް މިންވަރަކަށް ވެދާނެ ކަމަށް ބުނެފައިވެއެވެ.
ތަޖުރިބާކާރުން ބުނާ ގޮތުގައި އިންޑިއާގައި ފުރަތަމަ ފަހަރަށް ކުރިއަށް ގެންދިޔަ މި ސާވޭއަކީ އެ ގައުމަށް އިންތިހާއަށް މުހިންމު ސާވޭއެކެވެ. އެހެނީ، މިއީ ވައިރަސް ފެތުރިގެން ދާ ގޮތުގެ ސާފު ތަސްވީރެއް ކަމާބެހޭ ފަރާތްތަކަށް އަންގައިދެނި މައުލޫމާތުތަކެއް މީގެ ތެރެއިން ލިބިގެންދާ ކަމެވެ.
އިންޑިއާގެ އަދުގެ ހާލަތަށް ބަލާއިރު ޖީއެމްޓީ ގަޑިން ރޭ މެންދަމު 00:00 އިން ފެށިގެން މިވަގުތާ ހިސާބަށް އިންޑިއާއިންވަނީ 15719 ކޭސް ރެކޯޑް ކޮށްފައެވެ. އަދި 230 މަރުގެ ކޭސްވެސް ރެކޯޑް ކޮށްފައިވެއެވެ. ކޮވިޑް-19 އަށް އިންޑިއާއިން ޕޮޒިޓިވްވި މީހުންގެ ޖުމުލަ އަދަދު 1170636 އަށް އަރާފައިވާއިރު، މި ބަލީގައި އެ ގައުމުން މަރުވި މީހުންގެ އަދަދު 28329 އަށް ވަނީ އަރާފައެވެ. އިންޑިއާގައި މިވަގުތު އެކްޓިވް ކޭހުގެ ގޮތުގައި ފަރުވާ ދެމުންދަނީ 407246 މީހުންނަށެވެ.