އަންނަ ރިޔާސީ އިންތިހާބުގައި ޑިއާރުޕީގެ ޓިކެޓުގައި ވާދަކުރެއްވުމަށް ނިންމަވާފައިވާ ކަމަށް ޑީއާރުޕީގެ ލީޑަރު، ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ދަށުން އުފައްދާފައިވާ ލޯކަލް ކައުންސިލްތަކާއި ލޯކަލް ގަވަރުމަންޓް އޮތޯރިޓީ (އެލްޖީއޭ) އުވާލުމަށް ޖާބިރު ހުށަހެޅުއްވި ގަރާރަށް މިއަދުގެ ޖަލްސާގައި އެއްވެސް މެންބަރަކު ބަހުސެއް ނުކުރެއްވުމުން އެ ގަރާރުގެ ފަހު ބަސް ވިދާޅުވާން ޖާބިރަށް ފުރުސަތު ދެއްވުމުން ޑީއާރުޕީގެ ވެރިކަމެއްގައި ލާމަރުކަޒީ އޮނިގަނޑަކަށް މިހާރު އޮތް ގޮތައް ބަދަލު ގެންނާނެ ކަމަށާއި ކައުންސިލްތަކެއް ނޯންނާނެ ކަމަށް ޖާބިރު ވިދާޅުވިއެވެ.

އެގޮތުން 2023 ވަނަ އަހަރު ޑީއާރުޕީން ވެރިކަމަށް ކުރިމަތިލާން ނިންމާފައިވާ ކަމަށާއި މިހާރު ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީ ބޮޑު ތަނުން ބަލިކޮށްލާނެ ކަމަށްވެސް ވިދާޅުވިއެވެ. އަދި ކާށިދޫ ދާއިރާގެ ގޮނޑި ކާމިޔާބު ކުރައްވުމަކީ އޭގެ މިސާލެއް ކަމަށް ޖާބިރު ވިދާޅުވިއެވެ.

ޑީއާރުޕީގެ ވެރިކަމެއްގައި ހަމަ ގައިމު ވެސް މި އޮނިގަނޑަކަށް ލާމަރުކަޒީ ނިޒާމު ނޯންނާނެ، ކައުންސިލްތަކެއް ނޯންނާނެ، 2023 ވަނަ އަހަރު ޑީއާރުޕީން ވެރިކަމަށް އަޅުގަނޑު ކުރިމަތިލާނަން، އެމްޑީޕީ ބޮޑު ތަނުން ބަލިކޮށްލާނަން، ކާށިދޫ ދާއިރާގެ ގޮނޑި ކާމިޔާބު ކުރައްވައިގެން އައި މިސާލުން
ޖާބިރު

މީގެ އިތުރުން ޖާބިރު ވިދާޅުވީ ޑީއާރުޕީގެ ސަރުކާރު ހިންގާނީ މިހާރު ހިންގަމުންދާ ގޮތަށް ހަރަދު ބޮޑު ގޮތަކަށް ނޫން ކަމަށާއި ސިޔާސީ މަގާމުތައް ގިނަ ނުކުރާނެ ކަމަށެވެ. އަދި ހަރަދު ބޮޑު އޮނިގަނޑުތައް ބަދަލުކޮށް ރައްޔިތުންނަށް ހެޔޮ ފާގަތިކަން ލިބޭނެ ގޮތަކަށް ކަމަށްވެސް ޖާބިރު ވިދާޅުވިއެވެ.

2019 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރާނެ އެމްޑީޕީގެ ޕްރައިމަރީގައި ޖާބިރު ވާދަކުރެއްވިއެވެ. ނަމަވެސް ޕްރައިމަރީން ނާކާމިޔާބުވާ ކެންޑިޑޭޓުންނަށް ކުރިމަތިނުލުވޭނެ ކަމަށް އޭރު ގާނޫނުގައި އޮންނާތީ ޕްރައިމަރީން ބަލިވުމުން އިންތިހާބުގައި ވާދަކުރާނެ ފުރުސަތެއް ހޯދަން ސުޕްރީމް ކޯޓަށް ޖާބިރު ވަޑައިގެންނެވިއެވެ.