ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބަލަމުންދާ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހްމަދު ރިޟްވާން ގެއްލުވާލައި، މަރާލާފައިވާ މައްސަލައަށް ޖަވާބުދާރީވެ ވަޑައި ނުގެން ހުންނެވުމަށް ފަހު ހައިކޯޓުގެ ފަނޑިޔާރު ކަމުން ހަސަން އަލީ އިސްތިއުފާ ދެއްވައިފިއެވެ.

ޖޭއެސްސީއިން ބުނީ ތަހުގީގު ނިންމައި ޖަވާބުދާރީވާން ހަސަން އަލީއަށް މި މަހުގެ 12 ވަނަ ދުވަހު ރިޕޯޓް ފޮނުވި ކަމަށާއި އެއަށް ޖަވާބުދާރީވުމަށް ލިބޭ ހަތް ދުވަސް ހަމަވިއިރު ވެސް ޖަވާބު ނުދެއްވާ ކަމަށެވެ. އެހެންވެ މިއަދަށް މައްސަލައިގެ އެންމެ ފަހު އަޑުއެހުން ތާވަލުކޮށް ހާޒިރުވުމަށް އަންގާފައި ވަނިކޮށް އިސްތިއުފާ ދެއްވާފައިވާ ކަމަށް ޖޭއެސްސީން ބުނެއެވެ.

ހަސަން އަލީ ފަނޑިޔާރު ކަމުގެ މަގާމުން އަމިއްލައަށް އިސްތިއުފާ ދެއްވާފައިވާތީ އޭނާ ފަނޑިޔާރު ކަމުގެ މަގާމުން ވަކި ކޮށްފައިވާ ކަމަށް ޖޭއެސްސީއިން ބުނާއިރު، ސީރިއަސް ތުހުމަތުތަކެއް ކުރެވޭ ހަސަން އަލީއާ ގުޅޭ ގޮތުން ތައްޔާރުކުރި ތަހުގީގު ރިޕޯޓް އާންމު ކުރާނެ ކަމެއް ނުވަތަ ނޫން ކަމެއް ޖޭއެސްސީއިން ބުނެފައެއް ނުވެއެވެ.

ރިޟްވާން ގެއްލިފައިވާ މައްސަލަ ތަހުގީގުކުރުމުގެ ތެރޭގައި 2014 ވަނަ އަހަރު ކޮންޓްރޯލާ އޮފް އިމިގްރޭޝަންގެ މަގާމުގައި އޭރު ހުންނެވި އަދި އޭރުގެ ހައިކޯޓުގެ ފަނޑިޔާރު ހަސަން އަލީއާއި، ފުލުހުންގެ އިންޓެލްގައި މަސައްކަތް ކުރާ ދެ ފުލުހުން ގުޅިގެން ރިޟްވާން ރާއްޖެއިން ބޭރަށް ގޮސް މަރުވެފައި ވާކަން ދެއްކުމަށް ޓްރެވެލް ޑޮކިއުމަންޓެއް ތައްޔަރު ކުރުމުގެ މަސައްކަތް ކުރައްވައިފައިވާ ކަމަށް ތުހުމަތު ކުރެވޭ ކަމަށް ބުނެ ސަސްޕެންޑް ކޮށްފައި ވަނީ މިދިޔަ އަހަރުގެ ސްޕްޓެމްބަރު މަހުގެ 16 ވަނަ ދުވަހެވެ.

އޭނާއާ މެދު ފިޔަވަޅު އެޅުން ލަސްވާތީ މި ފަހުން ވަނީ ކަންބޮޑުވުން ވެސް ފާޅުކޮށްފައެވެ. ސަސްޕެންޝަންގައި ހުންނެވި ނަމަވެސް އޭނާއަށް މުސާރަ ލިބެމުން ދިޔައެވެ. އިސްތިއުފާ ދެއްވާފައި ވަނީވެސް ސަސްޕެންޝަންގައި ހުންނަވާވިކޮންނެވެ.