ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ޖައްސާ ވައިރަހަކީ ވައިގެ ޒަރިއްޔާއިންވެސް ފެތުރިގެންދިއުމުގެ ފުރުސަތު އޮތް ވައިރަހެއް ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)އިން ބަލައިގަނެފައިވަނިކޮށް، ރިސާޗް އެންޑް ޑިވަލޮޕްމަންޓާ ބެހޭ އިންޑިއާގެ އެންމެ މަތީ އިދާރާއިންވެސް އެކަން ގަބޫލުކޮށް، ބެދިފައިވާ އާންމު ތަންތަނުގައި އުޅޭއިރުވެސް މާސްކު ބޭނުން ކުރުމަށް އިރުޝާދު ދީފިއެވެ.
އިންޑިއާގެ ކައުންސިލް އޮފް ސައެންޓިފިކް އެންޑް އިންޑަސްޓްރިއަލް ރިސާޗް (ސީއެސްއައިއާރް) ގެ އިސްވެރިޔާ ޝޭކަރު ސީ މަންޑޭ އާންމު ކުރެއްވި ބްލޮގް ޕޯސްޓަކާ ހަވާލާދީ އިންޑިއާއިން މީޑިއާއިން ތަފްސީލު ކޮށްދީފައިވާ ގޮތުގައި، ކޮވިޑް-19 ޖައްސާ ސާސްކޯވް-2 ވައިރަހަކީ އެއާބޯން ނުވަތަ ވައިގެ ޒަރިއްޔާއިން ފެތުރޭ ވައިރަހެއްކަން އެންމެ ފަހުން އާންމުކޮށްފައިވާ ހެކިތަކުން ސާބިތުވެއެވެ.
ވައިރަހަކީ ވައިގެ ޒަރިއްޔާއިން ފެތުރޭ ވައިރަހެއް ކަމަށް ބާރުދޭ ހެކިތައް ލިބެމުންދާއިރު އެޅިދާނެ ބައެއް ފިޔަވަޅުތައްވެސް މަންޑޭ ވަނީ ފާހަގަކުރައްވާފައެވެ. އެގޮތުން ބޮޑެތި އެއްވުންތައް ނުބޭއްވުމާ، ބަންދު ތަންތަނުގެ ވެންޓިލޭޝަން ރަނގަޅު ކުރުމާ، ބަންދު ތަންތަނުގައި އުޅޭއިރުވެސް މާސްކު އަޅައިގެން އުޅުމަށް އޭނާ ވަނީ ލަފާ ދީފައެވެ.
ކޮވިޑް-19 ޖައްސާ ވައިރަސް، ވައިގެ ތެރޭގައި ހަރުލާފައި ހުންނަ ހުރުމާ ގުޅޭ ގޮތުން މަންޑޭ ވިދާޅުވީ، އިންފެކްޓްވެފައިވާ މީހަކު ކެއްސާ ކިނބިހި އަޅާއިރު ނޭވާލާ ނިޒާމުގެ ތެރެއިން ވައިގެ ތެރެއަށް ބޭރުވެގެންދާ ބޮޑެތި ތިކިތައް މާ ދުރަށް ދަތުރު ނުކޮށް ވެއްޓުނު ނަމަވެސް، ކުދި ތިކިތަކަކީ ގިނަ އިރުތަކެއް ވަންދެން ވައިގެ ތެރޭގައި ދައުރުވާ ތިކިތަކެއް ކަމަށެވެ.
ކޮވިޑް-19 އިން ދިފާއުވުމަށް މިވަގުތު އޮތް އެންމެ ރަނގަޅު އެއް ހައްލަކީ ގައިދުރުކަން އިސްކުރުން ކަމަށް ޑަބްލިއުއެޗްއޯއިން އެންމެ ފުރަތަމަ ކަނޑައެޅީ، ކޮވިޑް-19 ފެތުރިގެންދަނީ ސާސްކޯވް-2ގެ ބޮޑެތި ތިކިތަކުގެ ޒަރިއްޔާއިން ކަމަށް ބަލައިގެންނެވެ. ކަންމިހެން އޮތްއިރު، ޑަބްލިއުއެޗްއޯއިން މިހާރު ދަނީ، އާންމު ސިއްހަތު ރައްކާތެރި ކުރުމަށް އަޅާ ހަމައެކަނި ފިޔަވަޅަކީ މާސްކު ކަމުގައި ނުހެދުމަށް ގޮވާލަމުންނެވެ.
ކޮވިޑް-19އަށް އަދި ފަރުވާއެއް ހޯދިފައި ނުވާއިރު، ބަލިން ދިފާއުވާނެ ވެކްސިނެއްވެސް ކަށަވަރު ކުރެވިފައެއް ނުވެއެވެ.