ބ. އަތޮޅުން ފުރައިގެން ތިލަފުއްޓަށް ދަތުރުކުރި ދޯންޏެއް ތިލަފުށި ކައިރި ފަރަކަށް އަރައިފިއެވެ.

އެމްއެންޑީއެފުން ބުނީ ތިން މީހުންނާ އެކު ބ. އަތޮޅުން ފުރައިގެން ތިލަފުއްޓަށް ދަތުރުކުރި "ނޫމަސް" ދޯނި ތިލަފުށި އުތުރު ފަރަށް އަރައިގެން މާލެ އޭރިއާ ކޯސްޓް ގާޑުން ހަރަކާތްތެރި ވަމުން ގެންދާ ކަމަށާއި ޑައިވަރުން އެ ސަރަހައްދުގައި ދޯނި ފުންކުރުމަށް ހަރަކާތްތެރި ވަމުން ދާ އިރު ދޯނީގައި ތިބި އެއްވެސް މީހަކަށް އަނިޔާއެއް ވެފައި ނުވާ ކަމަށެވެ.

އެ ދޯނި ފަރަށް އެރި އިރު ދޯނީގައި ތިބީ ދެ ބިދޭސީންނާއި ދިވެއްސެކެވެ. އެމްއެންޑީއެފުން ބުނީ "ނޫމަސް" ދޯނި ފަރަށް އެރި ކަމުގެ ރިޕޯޓު ލިބިފައި ވަނީ ފަތިހު 5:46 ހާއިރު ކަމަށެވެ.

ތިލަފުށީ ކައިރިން ދޯންޏެއް ފަރަށް އަރާފައި ވާއިރު، މިދިޔަ އާދިއްތަ ދުވަހުވެސް ވަނީ ތިލަފުށި ކައިރިން މުދާ އުފުލާ ދޯންޏެއް ބަންޑުން ޖަހާލައި އޭގައި ތިބި 3 މީހުން ކަނޑުވުމުން ސަލާމަތް ކޮށްފައެވެ.

ދޯންޏެއް ފަރަށް އަރައިގެން އެމްއެންޑީއެފްއިން ހަރަކާތްތެރިވަނީ / ފޮޓޯ: އެމްއެންޑީއެފް

މިދުވަސް ވަރު ކަނޑު ގަދަވުމުގެ ސަބަބުން މިފަދަ ހާދިސާތައް އަންނަނީ ހިނގަމުންނެވެ. އެގޮތުން އާދިއްތަ ދުވަހު އެމްޕީއެލް ސަރަހައްދުގައި މުދާ ބަރުކުރަމުން ދިޔަ "އިނާމް" ނަމަކަށް ކިޔާ ސަޕްލައި ދޯންޏެއް ދިޔަ ވާތީ ކޯސްޓް ގާޑުން ވަނީ އެހީތެރިކަން ފޯރުކޮށް ދީފައެވެ. ހަމައެއާއެކު 19 ވަނަ ދުވަހުގެ ރޭ ރިސޯޓެއް ކައިރީ ފަރަށް އަރާފައިވާ ސަޕްލައި ދޯންޏަކަށް ރ. މީދޫ ބަޔަކު ވަނީ އެހީތެރިކަން ފޯރުކޮށް ދީފައެވެ.

މިހާރު ކުރަމުންދާ ވިއްސާރާއާ ގުޅިގެން ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) ބުނީ މިއަދުގެ އެކި ވަގުތުތަކުގައި ކަނޑުގަދަވެ ބައެއް ރަށްރަށަށް ރާޅާއި އުދަ އަރާނެ ކަމަށާއި އުދައިގެ ސަބަބުންނާއި ގަދަ ވައިގެ ސަބަބުން ގޯތި ގެދޮރާއި މުދަލަށް ގެއްލުންތައް ލިބިދާނެތީ ރައްކާތެރި ވުމަށް އިލްތިމާސް ކުރާ ކަމަށެވެ.