ފާއިތުވީ 24 ގަޑިއިރު ތެރޭގައި އެ ގައުމުން ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 40000 އަށް ވުރެ މައްޗަށް އަރާފައިވާކަމަށް އިންޑިއާގެ ހެލްތް އެންޑް ފެމިލީ ވެލްފެއާ މިނިސްޓްރީގެ ރެކޯޑްތަކުން ދައްކައިފިއެވެ.

އިންޑިއާގެ ސިއްހަތާ ބެހޭ ވުޒާރާއިން ޚަބަރު ދޭ ގޮތުގައި ފާއިތުވީ 24 ގަޑިއިރުގެ ތެރޭގައި އެގައުމުން 40425 މީހަކު ވަނީ ކޮވިޑް-19އަށް ޕޮޒިޓިވްވެފައެވެ. މިއީ ކޮވިޑް-19ގެ ބަލިމަޑުކަން ފެށުނު ފަހުން މިހާތަނަށް 1 ދުވަހާ އިންޑިއާއިން އެންމެ ގިނަ އަދަދަކަށް ކޭސް ރިޕޯޓްކުރި ފަހަރުވެސްމެއެވެ.

ކޮވިޑް-19ގައި އިންޑިއާއިން މިއަދު 681 މަރުގެ ކޭސްވެސް ވަނީ ރެކޯޑް ކޮށްފައެވެ.

އިންޑިއާއިން ކޮވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 1119412 އަށް އަރާފައިވާއިރު، މަރުވި މީހުންގެ އަދަދު 27514 އަށް ވަނީ އަރާފައެވެ. ދުނިޔޭގެ ނިސްބަތުން ބަލާއިރު ބަލިޖެހިގެން 3 ވަނައަށް އެންމެ ގިނަ އަދަދަކަށް ކޭސް ރެކޯޑް ކުރަމުންދަނީ އިންޑިއާއިންނެވެ. އިންޑިއާގައި މިވަގުތު އެކްޓިވް ކޭހުގެ ގޮތުގައި 391251 ކޭހެއް ފާހަގަކޮށްފައިވާއިރު، 8944 ޕޭޝަންޓުންގެ ހާލު ސީރިއަސް/ކުރިޓިކަލް ކަމަށް ޚަބަރު ލިބެއެވެ.

1.3 ބިލިއަން މީހުންގެ އާބާދީއެއް އޮތް އިންޑިއާގައި މިހާތަނަށް 14 މިލިއަނަށްވުރެ ގިނަ ސާމްޕަލް ކޮވިޑް-19އަށް ޓެސްޓު ކޮށްފައިވެއެވެ. މިއީ އާބާދީގެ ކޮންމެ 1 މިލިއަން މީހަކަށް 10175 ޓެސްޓެވެ. ޓެސްޓު ކުރުން އިތުރު ކުރާނަމަ، އިންޑިއާއިން ބަލި ފެންނަ މިންވަރު އިތުރުވުން އެކަށީގެންވާކަމަށް، މުރާސިލުން ބުރަވެއެވެ.