ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ޖެހޭ މީހުންގެ ތެރެއިން އިންޓެންސިވް ކެއާ ޔުނިޓް (އައިސީޔޫ) ގައި ފަރުވާ ދޭން ޖެހޭ ޕޭޝަންޓުންގެ އަދަދު އިންތިހާއަށް ދަށްކޮށްލާ އާ ފަރުވާއެއް ދެނެގަނެވިފައިވާކަމަށް، އެ ފަރުވާ ތަރައްގީ ކުރަމުންދާ އިނގިރޭސިވިލާތުގެ ކުންފުނިން އާންމުކުރި އިބްތިދާއީ ރިޕޯޓާ ހަވާލާދީ އިނގިރޭސި މީޑިއާއިން ރިޕޯޓްކޮށްފިއެވެ.

ސައުތެމްޓަންގައި ހިންގާ ސިނެއާޖެން ބައޮޓެކް ކުންފުނިން މި ފަރުވާ ތަރައްގީ ކޮށްފައިވަނީ، ވައިރަހުގެ އަސަރު ކުރާ ހަށިގަނޑަކުން އުފައްދާ އިންޓަފޭރޮން ބީޓާއޭ ކިއާ ޕްރޮޓީންއެއް ބޭނުންކޮށްގެންނެވެ.

މި ޕްރޮޓީންއަކީ ކޮވިޑް-19 ޖެހިފައިވާ ޕޭޝަންޓުންގެ ފުއްޕާމެއަށް ނޭވާލާ ނިޒާމުގެ ތެރެއިން ސީދާ ގޮތުން ފޮނުވާލާ މާއްދާއެކެވެ. ޕޭޝަންޓުންގެ ފުއްޕާމެޔަށް މި ޕްރޮޓީން ފޮނުވާލަނީ ނެބިއުލައިޒަރެއް ބޭނުންކޮށްގެންނެވެ. އުއްމީދަނީ ދިފާއީ ނިޒާމުގެ ހަރަކާތްތެރިކަން ހެޔޮ ފާލަކަށް އެޅުވުމެވެ.

ދިރާސާގެ އިބްތިދާއީ ހޯދުންތަކަށް ބަލާއިރު، މި ފަރުވާ ދިނުމުން، ކޮވިޑް-19ގެ ބަލި ހާލަތު ސީރިއަސް ވުން ދުރުކޮށްދެއެއެވެ. އަދި ވެންޓިލޭޓަރަށް ލާންޖެހޭ މިންވަރު 79 ޕަސެންޓް ކުޑަކޮށްލައެވެ. މީގެ އިތުރުން، މި ފަރުވާ ހޯދި ޕޭޝަންޓުންނަށް ނޭވާ ލުމުގައި ދަތިތައް ކުރިމަތިވި މިންވަރު، ވަރަށް ބޮޑުތަން ކުޑަވި ކަމަށްވެސް ދިރާސާގެ ހޯދުންތަކުގައި ވަނީ ބަޔާންކޮށްފައެވެ. އަދި ހޮސްޕިޓަލުގައި ހޭދަ ކުރާ މުއްދަތުވެސް ކުރުވިކަމަށް ފާހަގަކޮށްފައިވެއެވެ. އެގޮތުން އާ ފަރުވާ ބޭނުންކުރި ޕޭޝަންޓުން ހޮސްޕިޓަލުގައި ހޭދަކުރި މުއްދަތުގެ އެވަރޭޖު، 9 ދުވަހުން 6 ދުވަހަށް ކުރުވި ކަމަށްވެސް މައުލޫމާތު ލިބެއެވެ.

101 ވޮލަންޓިއަރުން ހިމަނައިގެން ކުރިއަށް ގެންދިޔަ މި ދިރާސާގެ ބައިވެރިންނަކީ ކޮވިޑް-19ގެ ޖެހިގެން އިނގިރޭސިވިލާތުގެ 9 ހޮސްޕިޓަލަކުން ފަރުވާ ހޯދަމުންދިޔަ މީހުންނެވެ.

މި ދިރާސާއަކީ އަދި އިބްތިދާއީ މަރުހަލާގައި އޮތް ދިރާސާއަކަށްވާއިރު ސައެންސާ ސިއްހަތު ރޮނގުން މިއީ ކިހާ ސައްހަ ފަރުވާއެއްކަން އަދި ކަށަވަރު ކުރެވޭ ކަށް ނެތެވެ. ނަމަވެސް ދިރާސާ ޓީމުން ބުނާ ގޮތުގައި، މިއީ ކޮވިޑް-19ގެ ޕޭޝަންޓުންނަށް ހޮސްޕިޓަލުތަކުގައި ފަރުވާ ދިނުމުގައި ހޯދުނު އިންގިލާބީ ފަރުވާއެކެވެ.