4 މަހެއްހާ ދުވަހަށް ވެފައިވާ އެމެރިކާގެ ރިޔާސީ އިންތިހާބުގައި އިދިކޮޅު ޑިމޮކްރަޓުންގެ ފަރާތުން ނިންކުންނަވާ ކެންޑިޑޭޓް އަދި ކުރީގެ ނައިބު ރައީސް ޖޯ ބައިޑަންއަށް، އެމެރިކާގެ މިހާރު ރައީސް އަދި ވެރިކަން ކުރާ ރިޕަބްލިކަންސްގެ ކެންޑިޑޭޓް ޑޮނާލްޑް ޓްރަމްޕް، ބަހުގެ ވަރުގެ ހަމަލާތަކެއް ދެއްވައިފިއެވެ.

ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުގައި އެމެރިކާގެ ސަރުކާރުން އަމަލު ކުރަމުން ދާ ގޮތާ މެދު އެ ގައުމުގެ އާންމުންގެ ހިތްތަކުގައި ނުތަނަވަސްކަން އުފެދިފައިވާ މިދަނޑިވަޅުގައި ކުރިއަށް ގެންގޮސްފައިވާ ހިޔާލު ހޯދުމުގެ ސާވޭތަކަށް ބަލާއިރު، ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ޓްރަމްޕްގެ މައްޗަށް ބައިޑަން ގެންދަވަނީ ކުރި ހޯއްދަވަމުންނެވެ.

ނަމަވެސް، އެމެރިކާގެ މީޑިއާއަކާ ވާހަކަފުޅު ދައްކަވަމުން ޓްރަމްޕް ވަނީ، ބައިޑަންއަށް ބަހުގެ ހަމަލާތަކެއް ދެއްވާ، ފާޑުވިދާޅުވެފައެވެ. އެގޮތުން ބައިޑަންއަކީ އެމެރިކާގެ ރައީސް ކަމަށް ގާބިލު ކެންޑިޑޭޓެއް ނޫންކަމަށާ، ރައީސް ކަމަށް ކުފޫވެސް ހަމަވާ ބޭފުޅެއް ނޫން ކަމަށް ޓްރަމްޕް ވަނީ ބައިޑަން ސިފަކުރައްވާފައެވެ.

ބައިޑަންއަކީ ނަފްސާނީ ގޮތުން ބަލާއިރުވެސް ރައީސް ކަމަށް ފުދޭ ކެންޑިޑޭޓެއް ނޫން ކަމަށާ، ބައިޑަން ހޮވައިފިނަމަ، ހަލާކުވެ ދާނީ މުޅި ގައުމު ކަމަށްވެސް ޓްރަމްޕް ވަނީ ސިފަކުރައްވާފައެވެ.

އެމެރިކާގައި މިހާތަނަށް ކުރިއަށް ގެންގޮސްފައިވާ ހިޔާލު ހޯދުމުގެ ބައެއް ސާވޭތަކަށް ބަލާއިރު ފޮކްސް އިން ކުރިއަށް ގެންދިޔަ ސާވޭގައި ކޮވިޑް-19އާއި ގުޅުން ހުރި ކަންކަމުގައި ބައިޑަން ވަނީ ޓްރަމްޕްގެ މައްޗަށް 17 ޕޮއިންޓްގެ ލީޑެއް ހޯއްދަވާފައެވެ. ނަސްލީ ހަމަނުޖެހުންތަކާ ގުޅުންހުރި ކަންކަމުގައި ބައިޑަންވަނީ 21 ޕޮއިންޓްގެ ލީޑެއް ނަންގަވާފައެވެ. ވޮޝިންގްޓަންޕޯސްޓް-އޭބީސީ ނިއުސްގެ ސާވޭއަށް ބަލާއިރު، ޓްރަމްޕްގެ މައްޗަށް ބައިޑަން ކުރި ހޯއްދެވީ 15 ޕޮއިންޓްގެ ފަރަގަކުންނެވެ.

މި ތަފާސް ހިސާބުތަކާ ގުޅިގެން ޓްރަމްޕް ވިދާޅުވީ، މިއީ "ފޭކެއް" ކަމަށެވެ. ހުއްޖަތެއް ކަމުގައި ޓްރަމްޕް ވިދާޅުވަނީ، މުހިންމު ސްޓޭޓްތަކުގެ ލީޑްގައި ޚުދު އޭނާ އޮތް ކަމަށް، ވައިޓް ހައުސްގެ ސާވޭތަކުން ދައްކާ ކަމަށެވެ.

މީގެ އިތުރުން، ޓްރަމްޕް ވަނީ އެމެރިކާގެ ޑިމޮކްރަޓިކް އިންތިހާބީ މަރުހަލާގެ ކަންކަމާ މެދުވެސް ސުވާލު އުފައްދަވާފައެވެ. އެގޮތުން އިންތިހާބުގެ ކަންކަމަށް ފުރިހަމައަށް އިތުބާރު ނެތް ކަމަށް ޓްރަމްޕް ވަނީ އިޝާރާތް ކުރައްވާފައެވެ.

އެމެރިކާގެ ރިޔާސީ އިންތިހާބުގެ ވޯޓުލުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހުއެވެ.