ފިޝަރީޒް މިނިސްޓްރީގެ ޑިރެކްޓާ ކޮމިއުނިކޭޝަންގެ މަގާމުގައި ހުންނެވި އަހުމަދު ފަޒީލް މަގާމުން ސަސްޕެންޑް ކޮށްފިއެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު ވިދާޅުވީ، ފަޒީލްގެ މައްޗަށް ޖިންސީ ފުރައްސާރައިގެ ތުހުމަތުތަކެއް އޮތުމުން އޭނާ މަގާމުން ދުރުކޮށްފައިވާ ކަމަށެވެ. އަދި މިހާރު އެ މައްސަލަ ތަހުގީގު ކުރަމުން ދާ ކަމަށެވެ.

އިއްޔެ އެމްއާރް އެމުން ވަނީ އޭޏާ ސަސްޕެންޑްކުރުމަށް އެދި ރައީށް އިބްރާހިމް މުހައްމަދު ސޯލިހުގެ އަރިހުގައި ދަންނަވާފައެވެ. އެމްއާރްއެމުން ބުނެފައި ވަނީ ފަޒީލްގެ މައްޗަށް ޖިންސީ ފުރައްސާރަ ކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލަ ބަލައި ނިމެންދެން އޭނާ މަސައްކަތުން އެކަހެރި ކޮށްދިނުމަށް އެދޭ ކަމަށެވެ.

މި ދުވަސްވަރަކީ ސަރުކާރުގެ އެކި މަގާމުތަކުގައި ތިބޭ ފަރާތްތައްް ތުހުމަތުކޮށް ޖިންސީ ފުރައްސާރައާއި ޖިންސީ ގޯނާ ކުރި ކަމުގެ މައްސަލަތައް ތިލަވަމުން އަންނަ ދުވަސްވަރެކެވެ. އެ ގޮތުން ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފުން ތަކަކަށް ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ޖިންސީ ގޯނާ ކުރައްވައިފައި ވާ ކަމުގެ ޝަކުވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ހުށަހެޅުމުން، އޭނާ މަގާމުން ވަނީ ވަކިކޮށްފައެވެ.‏ އަލީ ވަހީދު މަގާމުން ވަކިކުރީ ރައީސް ސޯލިހް އެންގެވީ، މަސައްކަތުގެ މާހައުލުގައި ހިނގައިގެން ނުވާނެފަދަ އަހުލާގީ މައްސަލަތަކެއް ހިނގާފައި ވާކަމުގެ ޝަކުވާ އެމިނިސްޓްރީގެ މުވައްޒަފުންތަކެއް ރައީސް ސޯލިހަށާއި، ޖެންޑާ މިނިސްޓްރީއަށް ހުށަހަޅާފައިވާ ވުމުން އޭނާ އިސްތިއުފާ ދެއްވަން ރައީސް އެދިވަޑައިގަތުމުން އޭނާ އިސްތިއުފާ ނުދެއްވުމުންނެވެ.

ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްސަލައާ ގުޅިގެން އެ މިނިސްޓްރީގެ ސީނިޔާ ޕޮލިސީ ޑިރެކްޓަރުގެ މަގާމުގައި ހުންނެވި މުހައްމަދު ހައްސާން ފުއާދުވެސް ވަނީ މަގާމުން ވަކިކޮށްފައެވެ.