މި ސަރުކާރުން ރައްޔިތުންގެ އަނގަޔާއި ނޭފަތުގައި އެޅުވޭތޯ އުޅެނީ އަނިޔާވެރިކަމުގެ މާސްކެއް ކަމަށް އިދިކޮޅު ޕާޓީ ޕީއެންސީގެ ރައީސް އަބްރުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.
އަބްދުއްރަހީމް ވިދާޅުވީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން ރާއްޖެ ވަށާ ދަމާލީ އަޅުވެތިކަމުގެ ދަގަނޑު ދަލެއް ކަަމަށެވެ. ހަމައެއާއެކު މި ސަރުކާރުން ރައްޔިތުންގެ ލޮލުގައި އެޅުވީ ކެހިވެރި ކަމާއި މަކަރުވެރިކަމުގެ އަނދުނެއް ކަމަށާއި ދިވެހިންގެ އަނގަޔާއި ނޭފަތުގައި އެޅުވޭތޯ ބަލަނީ އަނިޔާވެރިކަމާއި ބިރުވެރިކަމުގެ މާސްކެއް ކަމަށް އޭނާ ވިދާޅުވިއެވެ.
އަބްދުއްރަހީމް ސަރުކާރާ ބޮޑެތި ފާޑުކިޔުންތަކެއް ވިދާޅުވެފައި މިވަނީ އިދިކޮޅު ކޯލިޝަންގެ ފަރާތުން މާލޭގައި ބާއްވަން ރާވާފައިވާ ރެލީ ބޭއްވުމަށް ހުރަސްތަކެއް ކުރިމަތިވެފައިވާ ދަނޑިވަޅެއްގައެވެ. ސަރުކާރުން ވަނީ މިހާރު އެއްވުންތައް ބާއްވާ ނަމަ ފުލުހުންގެ ފަރާތުން އެކަމަށް ހުއްދައެއް ހޯދަން ޖެހޭ ގޮތަށް ނިންމާފައެވެ.
ދާދިފަހުން އިދިކޮޅު ކޯލިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ސުޖާއު ވިދާޅުވެފައި ވަނީ އިދިކޮޅުން ޖަލްސާ ބޭއްވުމަށް ސަރުކާރުން ހުއްދަ ނުދިނުމަކީ ހިޔާލު ފާޅުކުރުމަށް އެޅިގެން ދިޔަ ހުރަހެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.
އިދިކޮޅުން ރެލީ ބޭއްވުމަށް ސަރުކާރުގެ ކަމާބެހޭ ވުޒާރާތަކުން ހުއްދަ ހޯދުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށާއި ނަމަވެސް މިއަދާ ހަމައަށް އެންމެ ސިޓީއެއް ފިޔަވާ އެހެން އެއްވެސް ސިޓީއަކަށް ޖަވާބު ލިބިފައި ނުވާ ކަމަށް ސުޖާއު ވިދާޅުވެފައި ވެއެވެ. ހުއްދަ ނުދިން ނަމަވެސް އެ ޖަލްސާގެ ޕްރޮމޯޝަން މަސައްކަތާއި އިންތިޒާމްގެ ކަންކަން އަދިވެސް ކުރިޔަށް ދާނެ ކަމަށް އޭނާ ވިދާޅުވެފައި ވެއެވެ.
ޕްލޭނިން މިނިސްޓްރީގެ އިތުރުން މާލޭ ސިޓީ ކައުންސިލަށް ވެސް އިދިކޮޅުން ވަނީ ސިޓީ ފޮނުވާފައެވެ. އަދި މާލޭގެ އެކި ސަރަހައްދުތަކުގައި ލައުޑް ސްޕީކަރު ބޭނުންކޮށްގެން ރެލީ އިސްތިހާރު ކުރުމަށް މާލެ ސިޓީ ކައުންސިލުގައި ހުއްދައަށް އެދުމުން އެ ހުއްދަ ލިބުނު ކަމަށް އިދިކޮޅުން ބުނެއެވެ. ނަމަވެސް ފުލުހުންގެ ފަރާތުން އިތުރު ހުއްދައެއް ނަގަން ޖެހޭނެ ކަމަށް ކައުންސިލުން އިދިކޮޅަށް އަންގާފާއިވާ ކަަނަށް އިދިކޮޅުން ބުނެއެވެ.